އިހަވަންދޫ ކުދިން އިންޓަނޭޝަންލް ފެންވަރަށް ޤުރުއާން ކިޔަވާކަމަށް އަލްގާރީ އަހްމަދު ތައުފީގް ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެރޭ ބޭއްވި، ރަސްތަރި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުންނެވެ.
ޤުރުއާނާއި ގުޅުންހުރި ކަމެއްގައި އިހަވަންދޫއަށް އާދެވުނު 3 ވަނަ ފަހަރުކަން ފާހަގަކުރައްވައި، އަލްގާރީ ތައުފީގެ ވިދާޅުވީ، އިހަވަންދޫ ކުދިންގެ ކިޔެވުމަށް ކުރިއެރުން އައިސްފައިވާ މިންވަރަށް ބަލާފައި އޭބޭފުޅާ ވަރަށް އުފާވެފައި ހުންނެވި ކަމުގައެވެ. “ހަޤީގަތުގަ އިންޓަނޭޝަނަލް ފެންވަރަށް މިހާރު ކުދިން އެބަކިޔަވާ. ރަށު ފެންވަރުގަ. އަތޮޅު ފެންވަރުގަ، ރާއްޖޭގެ ފެންވަރަކު ނޫން. ވަރަށް މަސައްކަތް އެއީ” އަލްގާރީ ތައުފީގް ވިދާޅުވިއެވެ.
އެބޭފުޅާ ދެކެންބޭނުންވާ ދުވަހަކީ މިއީކަން ހާމަކުރައްވައި، އަލްގާރީ ތައުފީގް ވިދާޅުވީ، އެއީ ވަރަށް މަސައްކަތް ކަމަށާ، އެހާ މަސައްކަތް ކޮށްގެން ކުދިބަޔަކު ޤުރުއާން ކިޔަވަން ކެރޭކަން އެބޭފުޅުންނަށް ސާބިތުކޮށްދިންކަން އެއީ އެބޭފުޅުންނަށް ލިބިގެންދިޔަ އެންމެބޮޑު އުފާކަމުގައެވެ. “އުއްމީދުކުރެވޭ އަބަދުވެސް، ދިވެހި ކުއްޖަކު ކިޔަވާލާއިރުގަ ހީބިހި ނަގައިގެން ދާވަރަށް ހިތަށްއޭގެ އިހްސާސް ކުރެވޭވަރަށް، ކިޔެވުން އަޑުއިވޭނީ ކޮންއިރަކުންބާއޭ! ޒަމާނުންސުރެ އޮންނަ ހުވަފެނެއްއެއީ. މިފަހަރުވެސް އެކަން ހާސިލްވި. އަލްހަމްދުލިﷲ” އަލްގާރީ ތައުފީގް ވާހަކަ ކުރިޔަށް ގެންދެވިއެވެ.
އަލްގާރީ ތައުފީގް ވިދާޅުވީ މިފަދަ މުބާރާތެއް ކުރިޔަށްދާއިރު، ކުދިންގެ ކިޔެވުން އަޑުއަހާލަން މުބާރާތް ހިނގަމުންދާ ތަނުގައި ވަގުތުކޮޅެއް ހޭދަކޮށްލަންކެރޭ މީހުން މަދުވުމުން ހިތާމަ ކުރައްވާ ކަމުގައެވެ. “ކިހާވަރަކަށްތޯ އަޅުގަނޑުމެންނަށް ޤުރުއާނުގެ އަކުރެއް ދުވާލަކު ކިޔަވާލެވެނީ؟ ވަރަށްފަސޭހައިން މީގެން ސަވާބު ހޯދެއް އޮއްވަ، ޤުރުއާން އަޑު އަހައިގެންވެސް ލިބޭ ސަވާބު ހޯދެން އޮއްވާ އެކަންވެސް ބޭނުންނުވާތީ އެކަމާ ދެރަވޭ” އަލްގާރީ ތައުފީގް ތަފްސީލްކޮށް ދެއްވިއެވެ.
މިއީ އިހަވަންދޫ ކައުންސިލުން ރަސްތަރި ޤުރުއާން މުބާރާތް ބޭއްވި 2 ވަނަ ފަހަރެވެ. “އިހަވަންދިއްޕޮޅު ރަސްތަރި” މުބާރާތުގެ ނަމުގައި 2022 ވަނަ އަހަރު މުޅި ހއ އަތޮޅަށް ހުޅުވާލައިގެން މިމުބާރާތް ބޭއްވިނަމަވެސް، މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔައީ އިހަވަންދޫއަށް އެކަނި ހުޅުވާލައިގެންނެވެ. އިހަވަންދޫގައި ބޭއްވޭ އެންމެ ބޮޑު ޤުރުއާން މުބާރާތަކީ އިހަވަންދޫ ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތަށް ހެދުމަކީ، ހަތަރުވަނަ ދައުރުގެ ކައުންސިލްގެ ވައުދެކެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް ވިދާޅުވީ އަންނަ އަހަރު، މިމުބާރާތް މިއަށްވުރެފުޅާކޮށް އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާކަމުގައެވެ. ރަސްތަރީގެ ފުރަތަމަ މުބާރާތެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގެ އެއްވަނަ ހޯދީވެސް ޔައިޝާ ޔާސިރު އިބްރާހިމް/ ދޭލިޔާގެ، ހއ. އިހަވަންދޫއެވެ.