ޢަދާލަތުޕާޓީ އަކީ މަޤާމާއި ފައިސާއަށް ޕާޓީގެ ސިޔާތުތައް ވިއްކާލާނެ ބައެއްނޫންކަން އެންމެ ބޮޑަށް އެނގޭނޭ އެއްބަޔަކީ ޕީޕީއެމްގެ ލީޑަރުން ކަމުގައި އަދާލަތު ޕާޓީން ހާމަކޮށްފިއެވެ. ޕީޕީއެމްގެ ނިއުސް ކޮންފަރެންސެއްގައި އަދާލަތު ޕާޓީއާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކާމެދު އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ2012 ފެބްރުއަރީ 7 ގެފަހުން ޤައުމަށް މެދުވެރިވި ނާޒުކު ޙާލަތަށް ފަހު އުފެދުނު ސަރުކާރުގެ އެއްވެސް ބައިވެރިޔަކަށް ފާޑުކިޔާ ފިތުނައުފެއްދުމަކީ ޢަދާލަތު ޕާޓީން ވޭތުވެދިޔަ މާޒީގައި ގެންގުޅުނު ސިޔާސަތެއް ނޫން ކަމަށެވެ.
“ނަމަވެސް 2013 ޖުލައި 17 ވަނަ ދުވަހު ޕީޕީއެމްގެ ރަސްމީ ނިއުސްކޮންފަރެންސެއްގައި އެޕާޓީގެ ނައިބު ރައީސް އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ ޢަދާލަތު ޕާޓީއަށް އަމާޒުކޮށް، ސިޔާސީ އަޚްލާޤިއްޔާތާއި ރިވެތި އުޞޫލުން ބޭރުން ދައްކާފައިވާ ޙަޤީޤަތާ ޚިލާފް ވާހަކަތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. ޢަދާލަތުޕާޓީ އަކީ މަޤާމާއި ފައިސާއަށް ޕާޓީގެ ސިޔާތުތައް ވިއްކާލާނެ ބައެއްނޫންކަން އެންމެ ބޮޑަށް އެނގޭނޭ އެއްބަޔަކީ ޕީޕީއެމްގެ ލީޑަރުންނެވެ.” އަދާލަތުގެ ނޫސްބަޔާނުގައި ވެއެވެ.
ޢަދާލަތުޕާޓީއިން ހާމަކޮށްފައިވާ ގޮތުގައި ޤައުމާއިގެން ކުރިއަށް ކޯލިޝަނުން ވަކިވުމަށް ފަހު، ދެން ޢަދާލަތުޕާޓީން ގުޅޭނޭ ފަރާތެއް ކަނޑައެޅުމަށް ޕާޓީގެ ޢާއްމު މެމްބަރުންގެ މެދުގައި ކުރިއަށް ގެންދެވުނު ފުޅާ ސާރވޭއެއްގެ 83 އިންސައްތަ މެންބަރުން ތާއިދުކުރީ ޖުމްހޫރީޕާޓީއާ ކޯލިޝަން ހެދުމަށެވެ.
އަދި މިދިރާސާ ޢަދާލަތުޕާޓީގެ މަޝްވަރާ މަޖްލީހަށް ހުށަހަޅައި އޭގެ އަލީގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު، ހާޒިރުވެތިއްބެވި 34 މެންބަރުންގެ ތެރެއިން 27 މެންބަރުން ތާއިދުކުރައްވާފައި ވަނި ޖުމްހޫރީޕާޓީއާ ކޯލިޝަން ހެދުމަށް ކަމަށްވެސް އެ ނޫސްބަޔާނުގައި ވެއެވެ. ޢަދާލަތުޕާޓީގެ ނިންމުން މަޤާމާއި ފައިސާގެ މައްޗަށް ބިނާކުރި ނަމަ އަދާލަތުޕާޓީން ކޯލިޝަން ހަދާނީ ޕީޕީއެމްއާ ކަމަށާއި ޕީޕީއެމްއޮތީ ޢަދާލަތުން އެދޭ ކޮންމެ މަޤާމެއް ދިނުމަށާއި އަދި ހުށައެޅި ޢަދަދަކަށް ފައިސާވެސް ދޭން ތައްޔާރަށް ކަމަށް އަދާލަތު ޕާޓީން ވަނީ ހާމަކޮށްފައެވެ.
ޢަދާލަތުޕާޓީން ބުނެފައިވަނީ އެޕާޓީގެ ނިންމުން ބިނާކޮށްފައިވަނީ އަމިއްލަ މަޞްލަޙަތާއި ފައިސާއަކަށްނޫން ކަމަށާއި ޤައުމުގެ މަޞްލަޙަތާއި ޕާޓީގެ މެންބަރުންގެ ވިންދާއި އިޙްސާސްތަކާއި އެއްބައިވަންތަކަމަށެވެ.