އުޅެންޖެހިފައިވާލެއް ބިޒީކަމާއިއެކު އެއްޗެއް ނުލިޔެވޭތާ ދުވަސްގަނޑެއްވެއްޖެއެވެ. ނަމަވެސް މިއަދު އިހަވަންދޫ ކައުންސިލުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމުގެ ޒާތުން އެއްޗެއްނުލިޔެ ނުހުރެވުނީއެވެ.
ދައްކަން މިއުޅެނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން، އުރިދޫ އެންޓަނާގެ ދެކުނުގައި އަޅައިފިނަމަ އެތަނަށް ކުރިމަތިވާނެ ހިރާސްތަކުގެ ވާހަކައެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކަމެއްގައި ރައްޔިތުންގެ ލަފަޔަކަށް އަހަންވާނީ އެކަމަކީ ޓެކްނިކަލް ކަމަކަށްވާނަމަ އެކަމާއި ގުޅުންހުރި މައުލޫމާތު ވަރަށްފުރިހަމަޔަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްފަހުއެވެ. އެކަމެއްކުރުމަށް އިހްތިޔާރުކުރެވެންހުރި ގޮތްތައް އިހްތިޔާރުކުރުމުން ވާނެފައިދާއާއި ގެއްލުން އޮޅުންފިލުވައި ދީފައެވެ.
އެހެން ނޫންނަމަ ލަފަޔަށް އަހަންވާނީ ރައްޔިތުންނަށްވެސް މަޝްވަރާކުރެވޭ، ހިޔާލުދެވޭ އަދި މޮޑަރޭޓްކުރެވޭ މަންސައެއްގެ އެހީގައެވެ. ޓެކްނޮލޮޖީގެ މިޒަމާނުގައި އެފަދަ މަންސަތައް ވަރަށްބައިވަރު އެބަހުއްޓެވެ. ކްލަބް ހައުސް ދިވެހިންނަށް އާނަމަވެސް ދިވެހިން އެއަށް ވަރަށް ފަރިތައެވެ. ގޫގަލް މީޓާއި ޒޫމް އަކީވެސް އެކަމަށް އެންމެ ފައްކާ އާލާތްތަކެވެ. ކައުންސިލެއްގެ ވައިބަރ ގްރޫޕެއްގައި ހުޅުވާލާ ޕޯލެއްގެ ނަތީޖާއިން، މުޅި ރައްޔިތުންނާއި ގުޅިފައިވާ މިފަދަ ހައްސާސީ ކަމެއްގައި ރައްޔިތުންގެ ހިޔާލު ކަމަށް ސިފަވާނެ މޭރުމުން “ފިލްމް ނިންމަން” ކައުންސިލުން ބޭނުންވާނަމަ މިކަމުގައި ކައުންސިލްގެ ސީރިއަސްކަމެއްނެތެވެ. ރައްޔިތުންނަށް އިޖްތިމާއީ ހިދުމަތްދޭ އެންމެ މުހިއްމު މުއައްސަސާ ހުންނާނެތަން ކަނޑައަޅަން “ނަމެއްގައި” ރައްޔިތުންގެ ހިޔާލަށް އެހުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެކެވެ. ވައިބާރ ޕޯލަށް ވޯޓްލަނީ އިހަވަންދޫ މީހާކަމެއް، ހޯރަފުށީ މީހާކަމެއް ނުވަތަ މާލޭ މީހާކަމެއްވެސް އަދި ގޭގައި ގެންގުޅޭ ބަނގުލަދޭޝް މީހާކަމެއްވެސް ކައުންސިލަކަށް ނޭގޭނެއެވެ. ނަމަވެސް ޕޯލްގެ ނަތީޖާއަކީ އިހަވަންދޫ ރައްޔިތުންގެ ހިޔާލު ކަމަށް ދެކޭނަމަ މިއީ ކައުންސިލުން އެއްވެސް އިހްލާސްތެރިކަމެއްނެތި ރައްޔިތުންލައްވާ ކުޅޭ ގޭމެކޭ ނުބުނެވޭނެ ސަބަބެއްނެތެވެ. ކޮންމެއަކަސް މިކަމުގައި މައިގަނޑު ވާހަކަޔަކީ ކައުންސިލްގެ އިހްލާސްތެރިކަން އޮތްތޯ ނުވަތަ ނެތްތޯ ބެލުމެއްނޫނެވެ. ރައްޔިތުން ކަމަކާއި މެދު ދެކޭގޮތް ބެލުމުގައި މިބީދައިން އަމަލު ހުރީތީ އެވާހަކަ ދެއްކުނީއެވެ.
ހާސަރުތައް ކުރުކޮށް އަސްލު މައުލޫއާގެން ކުރިޔަށްދެވޭތޯ ބަލާނަމެވެ. ޕޮލިސް ސްޓޭޝަން އުރީދޫ އެންޓަނާގެ ދެކުނުން އޮތް ބިމުގައި އެޅުމީ އެންމެ ރަނގަޅުގޮތްކަމަށް ވަކާލާތު ކުރައްވާ ވެރިއެއްގެކިބައިން، އެކަމަށް ވަކާލާތުކުރާ ސަބަބު އޮޅުން ފިލުވީމެވެ.
އެބޭފުޅާ ދެއްކި ސަބަބުތައް ބައިވަރެވެ.
ނަމަވެސް އަޅުގަނޑުގެ ވިސްނުމާއި އެބޭފުޅާގެ ވިސްނުމާއި ލައްކަ ތަފާތެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ފުލުހުންގެ ސަވަޔަލެންސާއި، ޕެޓްރޯކުރުމާއި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮދެވޭކަމުގެ އިހްސާސް ރައްޔިތުންނަށްވުމަކީ ވަކިތާކު ޕޮލިސް ސްޓޭޝަން ހުރެގެން ވާކަމެއްނޫނެވެ. އެއީ އެބޭފުޅުންގެ މަސައްކަތުގެ ވައްޓަފާޅިޔާއި ގުޅޭ އިންތިޒާމްތަކުން ނުކުންނަ ނަތީޖާއެވެ. ހަމަ އެހެންމެ އޫރިދޫ އެންޓަނާގެ ދެކުނުގައި ޕޮލިސް ސްޓޭޝަން ހުރުމީ ބަނދަރުމަތީ ސްޓޭޝަން ހުރުމަކަށްވެސްނުވާނެއެވެ. އަދި ހަމައެހެންމެ ސްޓޭޝަނަކީ ރަށަށް ޒިޔާރަށްކުރާ މެހެމާނުންނަށް ފޮނި ދައްކަން ހަދާތަނެއްވެސް ނޫނީވިއްޔާއެވެ.
މިކަމުގައި އަޅުގަނޑަށް ފެންނައެއްޗެއްވެސް ހިމަނާލާނަމެވެ.
2. އިހަވަންދޫގެ ހުޅަނގު ދެކުނު ފަރާތަކީ އިހަވަންދޫއަށް އުދައެރުމަށް އެންމެ މަތީ ދަރަޖައަށް ހިރާސް އޮތް ސަރަހައްދެވެ. މިއީ އަޅުގަނޑު ބުނާ ވާހަކައެއްނޫނެވެ. އިހަވަންދޫގެ ބިން ހިއްކުމަށް އެކުލަވައިލި އީއައިއޭ ރިޕޯޓް ހެދުމަށް ކުރެވުނު ސާވޭއިންވެސް ފެންނަންއޮތް ކަމެކެވެ. އަދި ދާދިފަހުން އިހަވަންދޫގެ ހުޅަނގު އުތުރުފަރާތުން ރަށު ތެރެއަށް އުދައަރައި، އުދައިގެ ސަބަބުން އިހަވަންދޫއަށް ތާރީހުގައިވެސް ލިބުނު އެންމެބޮޑު ގެއްލުން ލިބިގެން ދިޔައީ އަޅުގަނޑުމެންގެ ލޯކުރިމަތީގައެވެ. އެންމެ ފަހުން އުދައެރި ދުވަހުވެސް އުދައިގެ ރާޅުގަނޑު ރަށުތެރެއަށް ވަދެގެން ދިޔައީ ހުޅަގު ދެކުނުން ކަނޑާފައިވާ ބޮޑު މަގުންނާއި، މައިޒާނެއް ހަދަން ގަސްތައް ސާފުކޮށްފައިވާ ސަރަހައްދުންނެވެ. މިފަދަ ނާޒުކް ވެއްޓެއް އޮތް ސަރަހައްދެއްގެ ހޭޅިފަށުން ރަށުގެ ހިމާޔަތަށް ބާކީ ހުރި ރުއްގަސް ނަގައި އިމާރާތެއްއެޅުމީ އެންމެ މަންފާކުރަނިވި ނިންމުމަކަށް ވެދާނެބާއެވެ؟ އެއާ ހިލާފަށް އެއީ ރުއްގަސް އިތުރުކޮށް ވަރުގަދަ “ވެޖިޓޭޝަނެއް” ބާއްވަންވީ ސަރަހައްދުނޫންތޯއެވެ. އެސަރަހައްދުގެ ހޭޅިފަށް ދުއްވާލައިފިނަމަ އަލަށްދޫކުރި ގޯތިތަކަށްވެސް މިހާރަށްވުރެބޮޑަށް ލޮނުގެ އަސަރުކުރުމާއި އުދައެރުމުގެ ހިރާސް ބޮޑުވެގެންދާނެއެވެ.
3. އެސަރަހަށްދަށް ލޮނުގެ އަސަރު ކުރާނެ ވާހަކަޔަކީ ދެއްކުމެއް އޮތް ވާހަކައެއް ނޫނެވެ. އަޅުގަނޑު މަސައްކަތްކުރާ އޮފީހުގެ އިންފްރާސް ސްޓްރަކްޗަރ އަށް އެންމެ ބޮޑު ހިރާސް އަކަށް ވެފައިއޮތީ ތަނަށް ލޮނުގެ އަސަރުކުރާ މިންވަރެވެ. އެކަމުގެ ސަބަބުން ތަނުގައި ބޭނުންކުރާ މެޝިނަރީސްއަށާއި އިކްއިޕްމެންޓްތަކަށް އަދި ވެހިކަލްތަކަށްވެސްދަނީ އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވަމުންނެވެ. މިދިޔަ ހަފްތާގައި އެކަނިވެސް 2 އެއަރ ކޮންޑިޝަނަރު ހަލާކުވެއްޖެއެވެ. ތަނުގެ ހޯލުގައި ހަރުކުރާ ޓީވީ އެއްވެސް ހަލާކުނުވެ ހަތަރުމަހެއްހާ ދުވަހުވެސް ހުންނަނީ މަދުފަހަރަކުއެވެ. ކޮމްޕިއުޓަރުތަކާއި ފަންކާތަކުން ފެށިގެން ބަޔޯމެޑިކަލްސް މެޝިނަރީއަށްވެސްޖެހެނީ މިހާލެވެ. ހަލާކުވާ އިކުއުޕްމަންޓެއްގެ އެތެރެ ހުޅުވައި ބަލައިފިނަމަ ހިކި ފުރެއްދެލޮނު ހުންނަނީ ފެންނާށެވެ. ގޯތިތެރޭގެ ހުޅަގާއި ދެކުނު ފަރާތުގައި ގަހެއް ހެއްދެނީއެއްނޫނެވެ. ވަޔާއިއެކު ލޮނު އަންނަ ދުވަސްވަރެއްނަމަ ފަތްތައް ހުންނަނީ އަންދާލާފައެވެ. ލޮނުގެ އަސަރު ކުޑަވާނެގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިމާރާތް ފަރުމާ ކުރެވިދާނެއެވެ. ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ މިއިން ކޮންމެކަމަކީވެސް އިތުރު އެތައް ހަރަދު ހިނގާ މަސައްކަތުގެ ޝެޑިއުލަށް ލަސްކަން ގެނުވާނެ ކަންކަމެވެ.
4. ރަށުގެ އެންވަޔަރަމަންޓް ޕްރޮޓެކްޝަން ޒޯން (އީޕީޒެޑް) އަށް ހޭޅިފަށުގައި ބާއްވަންޖެހޭ 20 މީޓަރު ވެޖިޓޭޝަން ރަށުގެ ދެކުނު ކޮޅުގައި ޕޮލިސް ސްޓޭޝަން މިހާރު އަޅަން ދޫކޮށްފައިވާ ބިމާއި ދެމެދު ނެތެވެ. ހޭޅިފަށުގައި އީޕީޒެޑް ވަކި މިނަކަށް ބޭއްވުމަކީ ޤާނޫނުތަކުން ލާޒިމްކުރާ ކަމަކަށްވީހިނދު އެބިމަށް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ހުއްދަ ދީފާނެކަމަކަށް ނުބެލެވެއެވެ. ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގައިބުނާ ޝަރުތު ހަމަނުވާ ތަނެއްގައި އިމާރާތެއް އަޅަން އުޅުމީ އިތުރަށް މަސައްކަތް ލަސްވެގެންދާނެ ކަމެކެވެ. އަދި މިފަދަ ތަނެއް އެޅުމަށް ރައްޔިތުންގެ ހިޔާލަކަށް ދާންވާނީވެސް ހެދިފައިވާ ޤާނުތަކާއި ޤަވާއިދުތަކަށް ރިއާޔަތްކޮށް އެކަން ކުރެވުން އޮތް ތަނެއްގައި ކަމުގައި ދެކެމެވެ.
ކޮންމެއަކަސް މިކަމުގައި އެކިމަގުތަކަށް ހިޔާލުތައް ކަފިވެފައިވާއިރު ފާހަގަކޮށްފައިވާ ދެބިން ފިޔަވާ ގިނަ ކަންކަމަށް ހައްލު ލިބިގެންދާ އެހެން ބިމެއްވެސް މިކަމަށް ފެނުމީ އެކަށީގެންވާކަމެކެވެ. ނަމެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދައި، އެކަމަށް އެކަށީގެންވާ ޕްލެޓްފޯމެއް ހިޔާރުކޮށްފިނަމަ މާތަނަވަސް ހިޔާލުތައް އަންނާނެކަން ޔަޤީނެވެ.