ގެވަޅު ލިބިފައިވާ ފަރާތްތަކަށް ބިން ނުދައްކާ ލަސްކުރުމަކީ އަނިޔާއެއް!

އަޙްމަދު ޢާޞިމް

އިހަވަންދޫން ގޯތި ދޫނުކުރާތާ އެތަށް އަހަރެއްވެފައި ވަނިކޮށް، އިހަވަންދޫން ގޯތި ދޫކުރުމަށް ކައުންސިލުން 2016 ވަނަ އަހަރު ކުރި އިއުލާނަށް ކުރިމަތިލި 401 ފަރާތުގެ ތެރެއިން 100 ފަރާތަކަށް ވަނީ ގޯތި ލިބުނުކަމުގެ ލިޔުން ނިމިގެންދިޔަ 2018 ވަނައަހަރުގެ އޮގަސްޓް 16 ގައި ހަވާލުކޮށްފައެއެވެ. އެދުވަހު ގޯތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ވަނީ ގޯތި ލިބުނު ފަރާތްތަކަށް އިންވަކި ކޮށްދެވޭނީ އެތަން ސާފުކޮށްގެން ކަމުގައި ވިދާލުވެފައެވެ. އެގޮތަށް އެނގުމުން ގޯތި ލިބުނު ފަރާތްތަކުން ވަނީ ގޯތި ލިބުނު ސަރަހައްދު ދެއްކި ދުވަހުންފެށިގެން އެބޭފުޅަކަށް ލިބުނު ތަން ސާފުކުރަން ފަށާފައެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެފަރާތްތަކުން އެތަންތަންވަނީ ސާފުކޮށްފައެވެ.

މިމަސައްކަތް ކުރުމުގައި އެއްބަޔަކު އެތައްވަގުތެއް ހޭދަކޮށް އެތަށް އުނދަގުލެއް ތަހައްމަލުކޮށްފައި ވާއިރު އަނެއްބަޔަކުވަނީ ބޮޑުއަގު ދީގެން އެތަންތަން ސާފުކޮށް ނިންމާފައެވެ. މިމަސައްކަތް ކުރަމުން ދިޔައިރު އެއުނދަގޫ އުފުލީ އެތަކެއް އުންމީދުތަކަކާއެކު އެވެ. އެމަސައްކަތުގައި ހުދު އަޅުގަނޑުވެސް ބައިވެރިވެފައިވާ އިރު، އެބޭފުޅުންގެ ޝޫރުތައް ހުރި ގޮތަށް ބަލާއިރު ގޯތި ލިބޭއިރަށް ލޯނު ނަގައިގެން އިންވަކި ކޮށްތަން ދައްކާ ދުވަހުން ފެށިގެން ގޯތި އެޅުމުގެ މަސައްކަތް ކުރަންފަށާ ގޮތަށް ވިސްނުން ގެންގުޅުނު މީހުންނާ ވެސް ދިމާވިއެވެ. ކަންމިހެން ހުރުމާއެކު އެބޭފުޅުންގެ ޝޫރަށް ބަލާއިރު ލޯނު ނެގުމުގެ މަސައްކަތް ނުކުރާކަމެއްވެސް ނޭނގެއެވެ. ކަންމިހެން ހުރުމާއެކު މިއީ އަނިޔާއަކަށް ނުވާނެ ސަބަބެއް ނެތެވެ.

އިހަވަންދޫން ބަންޑާރަ ގޯތި ލިބިފައިވާ ކަމުގެ ލިޔުން ދޫކޮށް، ބިން ދައްކާފައިވާ ފަރާތްތަކަށް ބިންހަވާލު ކުރުމުގެ މަސައްކަތް ހުއްޓިފައި ވަނީ ހައުސިން މިނިސްޓްރީގެ ލަފައެއް ލިބެންދެން ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވިކަމަށް އިހަވަންދޫ ޑޮޓް ކޮމް ގައި ޢަބްދުﷲ ހަމީދު ނިމިގެންދިޔަ އަހަރުނ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ލިޔުއްވާފައިވާ ޚަބަރެއްގައި ވެއެވެ. އެހެންނަމަވެސް އެމްޑީޕީ ކައުންސިލެއް އޮވެ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓުރީގެ ރައުޔެއް ހޯދުމަށް އެހާ ގިނަދުވަސް ނަގާފާނެ ތޯއެވެ. އިހަވަންދޫ ކައުންސިލުން ސަރުކާރުގެ އެކި މުއައްސިސާއާއި ބައްދަލުކޮށް އެހީތެރިކަން ދިނުމަށް އެދެމުންދާއިރު އެކަމާމެދު ހައުސިން މިނިސްޓުރީއާ ބައްދަލުކޮށް އެކަން އަވަސް ކޮށްދިނުމަށް އެދިފައި ނުވަނީ ކީއްވެގެން ތޯއެވެ. މިއީ ހަމަ ރައްޔިތުންނަށް ޖެއްސުންކުރުމަށް ކުރާކަމަކަށް ނޫނީ ވާނެތޯއެވެ!

އިހަވަންދޫ ކައުންސިލްގެ ބައެއް ބޭފުޅުންނާ އަމިއްލަ ހައިސިއްޔަތުން އެކަމާ ސުވާލުކޮށްލުމުން ދޭ ޖަވާބަކީ ތިމަންނަވެސް ގެވަޅަށް ލީމެވެ. އެކަމަކު ގެވަޅެއް ނުލިބެއެވެ. އެއޮތީ އެކަން ހުއްޓުވާފައެވެ. ގެވަޅެއް ދެން ނުދޭނަމެވެ. ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ ބަހާއި އެއްގޮތަށް ގެވަޅު ސާފުކޮށް ހުދު އަޅުގަނޑު އިންވަކި ކޮށްދިނުމަށް އެދި ސިޓީއެއް ލީމެވެ. އެހެންނަމަވެސް ޖަވާބެއް ގޮތުގައި ލިބުނީ “ސިޓީ ލިބިއްޖެ! ފަހުން ޖަވާބު ދޭނަން” މިހެންނެވެ. އެކަމަކު އޭގެފަހުންވެސް މިހާރު 2 މަހެއް ހާ ދުވަސް ވަނީއެވެ. އަދިވެސް ޖަވާބެއް ނުލިބެއެވެ.

ފަހަރުގައި މި ލިޔުން ކިޔާ ފަރާތްތަކުން އަޅުގަނޑުގެ ހިތުގެ އުދާސްތައް ބޭރުކޮށްލަނީ ކަމުގައި ހީކޮށްފާނެވެ. އެކަމަކު އެއީ ހަޤީޤަތެއް ނޫނެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެހެން ބޭފުޅުން ޖަހާފައިވާ ފޭސްބުކު ސުޓޭޓަސްތަކާއި ކޮމެންޓުތައް މިތާނގައި ހިއްސާ ކޮށްލާނަމެވެ.

އެމްޑީޕީ ފުރިހަމަ ބާރުއޮތް ކައުންސިލުން ގެވަޅުދިނުމުގެ ކަންތައް ހުއްޓުމަކަށް ގެނެސްފައިވަނީ ގެވަޅު ކޮމެޓީން ގެވަޅު ދިނުމުގައި ޖަރީމާއެއް ހިންގިކަމަށް ބުނެއެވެ. އެކަން ވަނީ އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެމްޑީޕީގެ މަސްލަހަތު އޮންނަ ފަރާތްތަކުން އޭސީސީއަށް އެތަށްފަހަރަކު ހުށައަޅާފައެވެ. އެހެންނަމަވެސް އެސިސީ ބަލަންޖެހޭ ކަންތައްތައް ބަލާނިންމުމަށްފަހު ގެވަޅު ލިބުނު ކަމުގެ ލިޔުން ކައުންސިލް އިދާރާއިންވަނީ މިދިޔައަހަރުގެ ތެރޭގައި ހަވާލުކޮށްފައެވެ. ގެވަޅު ކޮމެޓީގައިވާ ލިޔުންތަކަކީ އެކޮމިޓީއަށް ނޫނީ އެނގޭނެ އެއްޗަކަށް ނުވާއިރު އެކޮމެޓީއަށް ހުށައެޅިކަމަށް ބުނާ ސިޓީތަކެއްގެ މައްސަލަ އެމްޑީޕީ ގެ ފުރިހަމަ ބާރު އޮންނަ ކައުންސިލުންވަނީ ފެންމަތިކޮށްފައެވެ. ކަންމިހެން ހުރުމާއެކު އެކޮމެޓީއަށް ހުށައެޅިކަމަށް ބުނާ ލިޔުންތައް އެފަރާތްތަކަށް ލިބުނު ގޮތަކީވެސް ސުވާލު އުފެދޭކަމެކެވެ. ކޮންމެއަކަށް އަޅުގަނޑުވެސް ގަބޫލުކުރާ ހަގީގަތަކީ ކުށެއް ކުރި ބަޔަކަށް އެކުށުގެ އަދަބު ދޭންޖެހޭނެކަމެވެ. އެކަމަކު އެކުށްނުކުރާ ބަޔަކަށް އެ އަދަބު ދީގެން ނުވާނެކަމެވެ. ސިޓީ ތައް ފޭސްބުކުގައި އާމުވި ދުވަސްވަރު އެބައެއްގެ ނަމުގައި ލިޔެފައިވާ ކަމަށް ބުނާ ސިޓީތަކާ ބެހޭ ގޮތުން އެފަރާތްތަކުން ބުނެފައިވަނީ އެމީހުންނަށް އެނގިގެން އަދި އެމީހުންގެ އަތުން އެފަދަ ސިޓީއެއް ނުލިޔާކަމަށެވެ.

ޖަރީމާ ހިންގިކަމަށް ބުނެ އެޖަރީމާތައް ހިންގި މީހުންނަށް އަދަބު ދޭނެކަމަށާއި ގެވަޅު ނުދީގެން ޝޫރު ފާޅުކުރަނީ އެޖަރީމާގައި ބައިވެރިންކަމަށް ދޭހަވާ އިބާރާތަކުން އިހަވަންދޫ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ކޮމެންޓުކޮށްފައެވެ.

ކޮންމެ އަކަސް ގެވަޅުދިނުމާބެހޭ ގޮތުން ޝޫރު ފާޅުކުރި ފަރާތްތަކުން ވަނީ ކުށްނުކުރާ ބަޔަކަށް އެކަމުގެ އަދަބު ނުދިނުމަށާއި އެފަދަ ކަމެއް ކުރިކަމަށްވަންޏާ އެބަޔަކަށް އަދަބުދިނުމަށް ގޮވާލާފައެވެ.

ގެވަޅު ދިނުމަކީ އިހަވަންދޫ ކައުންސިލްގެ ފުރަތަމަ 100 ދުވަހުގެ ވެސް ވައުދަކަށް ވެފައި އެވައުދު ވަނީ ނުފުއްދިއެވެ. އަދި އިހަވަންދޫގެ ބިމުން ގޯއްޗެއް ބޭނުންވަފައިވާ ފަރާތްތަކަށް އެއުފާ ހޯދައި ދިނުމަށް އިހަވަންދޫ ކައުންސިލަށް ގޮވާލަމެވެ.