ލޮލުގެ ފެނުން ގެއްލުނަސް، އުންމީދުގެ ހުޅުކޮޅު ނުނިވުނު: ފަޔާޒް ހިތްވަރާއިއެކު ކުރިޔަށް!

މުޙައްމަދު އަކުރަމް

ކާމިޔާބީއަކީ ހަމައެކަނި ނަސީބެއް ނޫނެވެ. އެއީ ގަދަ ހިތްވަރާއި، ނުގުޑާ އަޒުމާއި، ބުރަ މަސައްކަތުގެ ނަތީޖާއެވެ. ހއ. އިހަވަންދޫ، ސަމީނާ މަންޒިލް އަލީ ފަޔާޒްގެ ވާހަކައަކީ ހުރިހާ އެންމެންނަށްވެސްހުރި  ނަމޫނާއެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ދަސްވެނިވުމުގެ ހަފުލާގައި، “ބެސްޓް ސްޓޫޑަންޓް އެވޯޑް” ބަލާ ހއ. އިހަވަންދޫ، ސަމީނާ މަންޒިލް އަލީ ފަޔާޒް، ސްޓޭޖަށް އެރިއިރު  ދިޔައީ ހަމައެކަނި ސަނަދެއް ބަލައެއް ނޫނެވެ. އޭނާ ދިޔައީ ދިރިއުޅުމުގައި ކުރިމަތިވި އަނދިރިކަމުގެ މައްޗަށް ހޯދި މަތިވެރި ކާމިޔާބީގެ ރަމްޒު ބަލައެވެ.

ފަޔާޒްގެ ދިރިއުޅުމުގެ ބިންގާ އެޅުނީ ބުރަ މަސައްކަތުގެ ތެރެއިންނެވެ. އާއިލާގެ 11 ކުދިންގެ ތެރެއިން 5 ވަނަ ކުއްޖާގެ ގޮތުގައި އުފަންވި ފަޔާޒް، ކުޑައިރު އުޅެންޖެހުނީ ތަނަވަސްކަން ކުޑަ ދިރިއުޅުމެއްގައެވެ. އުމުރުން ނުހަނު ހަގުއިރުވެސް، އާއިލާއަށް އެހީތެރިވުމުގެ ގޮތުން މަސް ކެއްކުމާއި، މަސް ހިއްކުމާއި، ވެއްޔަށް ދިއުން ފަދަ ބުރަ މަސައްކަތްތަކަކީ އޭނާގެ ކޮންމެ ދުވަހެއްގެ އާންމު ދިރިއުޅުމުގެ ބައެކެވެ. އެ އާއިލާއަށް ދިމާވެފައި އޮތީ ބޮޑު އިމްތިހާނެކެވެ. ވާރުތަވާ ބައްޔެއް ކަމަށްވާ “Retinitis Pigmentosa” ގެ ސަބަބުން، ފަޔާޒާއިއެކު އާއިލާގެ 4 މެމްބަރެއްގެ ލޮލުގެ ފެނުން ދިޔައީ އަނދިރިވަމުންނެވެ. ފަޔާޒްގެ ލޮލުގެ ރެޓިނާގައި ހުންނަ އަލި ދެނެގަންނަ ސެލްތައް މަޑުމަޑުން ހަލާކުވަމުން ގޮސް، އުމުރުން ދުވަސްވާ ވަރަކަށް ފެނުމުގެ ބާރު ކެނޑެމުން ދިޔައީ އޭނާގެ އުންމީދުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ.

އުމުރުގެ ކުރީކޮޅު ފެނުމުގެ މައްސަލަތައް ކުރިމަތިވާން ފެށި ނަމަވެސް، ފަޔާޒް ހިތްވަރު އެލުވައެއް ނުލައެވެ. އިހަވަންދޫ ސުކޫލުން އެންމެ ފުރަތަމަ އޯލެވެލް އިމްތިހާނު ހެދި ބެޗުގައި ހިމެނި، އޭނާ ތައުލީމީ ހަޔާތް ފެށީ އޭރު އޮތް ހަނި ފުރުސަތުތަކުގެ ބޭނުން ހިފައިގެންނެވެ. އޯލެވެލް ނިންމުމަށްފަހު ރިސޯޓެއްގެ ލޯންޑްރީގައި ވަޒީފާ އަދާކުރަން ފެށި ނަމަވެސް، ލޮލުގެ ފެނުން ދަށްވުމުގެ ސަބަބުން ކިލާ އެއްޗިއްސާއި ސާފު އެއްޗެހި ވަކިކުރަން އުނދަގޫވެ، އެރިސޯޓްގެ އެހެން ވަޒީފާއަކަށް ބަދަލުވާން ޖެހުނެވެ. ދެން އޭނާ މަސައްކަތްކުރަން ޖެހުނީ އެރިސޯޓްގެ ރެސެޕްޝަނުގައެވެ. އެ ދުވަސްވަރުގެ ބޭނުން ހިފައި އޭނާ ވަނީ އިޓަލީ ބަހާއި، ސިންހަޅަ އަދި އިނގިރޭސި ބަސް ނުހަނު ފަރިތަކަމާއެކު ދަސްކޮށްފައެވެ. ފަޔާޒްގެ ކުޅަދާނަކަން ހުރިލެެއް ބޮޑުކަމުން، އެހެން ރިސޯޓްތަކުންވެސް އިޓަލީ ފަތުރުވެރިންނާ މުއާމަލާތު ކުރުމަށް އޭނާގެ އެހީތެރިކަން ހޯދަމުން ދިޔައެވެ.

ކަން މިހެން ހުއްޓާ، އުމުރުން 34 އަހަރުގައި ފަޔާޒްގެ ދުނިޔެ މުޅިން އަނދިރިވިއެވެ. އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ނޫޅެވޭ ވަރަށް ފެނުން ގެއްލުމުން، އާއިލާގެ އެދުމުގެ މަތިން ވަޒީފާ ދޫކޮށް ރަށަށް ބަދަލުވިއެވެ. އަންބަކާއި ދެ ދަރިންގެ ބައްޕަ، ފަޔާޒް އެ ހިސާބުންވެސް މާޔޫސްވެ ހުއްޓައެއް ނުލިއެވެ. އޭނާގެ މިސްރާބު ބަދަލުކޮށްލީ ދީނީ ތައުލީމާއި ދިމާލަށެވެ. ކުރިން ނުލިބުނު ފުރުސަތުތައް ހޯދުމަށް އިމާމު ކޯސް 1 އަދި 3، ގިރާއަތު ކޯހުގެ 4 ލެވެލް ފުރިހަމަކޮށް، 2022 ވަނަ އަހަރު އިހަވަންދޫ އާސާރީ މިސްކިތުގެ މުދިމެއްގެ ވަޒީފާ އަދާކުރަން ފެށިއެވެ. މިއީ އޭނާގެ ތައުލީމީ ދަތުރުގެ އާ ފެށުމެވެ.

ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ  ބެޗްލާސް އޮފް އިމާމްޝިޕް ކޯހަށް ވަންއިރު ކޯސް ފުރިހަމަ ކުރުމުގައި ފަޔާޒްއަށް އޮތް ހުރަސްތައް ގިނައެވެ. ކޯހައް ވަންއިރުވެސް ލޮލުގެ ފެނުން ގެއްލިފައިވާތީ، ކުރިޔަށް ދާނެ ގޮތާއި މެދު އަމިއްލަ ނުފުސާއިވެސް ދިޔައީ ސުވާލުކުރަމުންނެވެ. ނަމަވެސް ކުރިން ފުރިހަމަކުރި ކޯސްތަކުގެ ތަޖްރިބާގެ އަލީގައި އަމިއްލަޔަށް ކުރިޔަށް ދެވޭނެ، އަމިއްލަ ސެޓަޕެއްހެދިއެވެ. “ވީހާވެސް ބޮޑަށް އަމާޒުހިފީ އަމިއްލަޔަށް ކުރެވޭ ކަންކަން ވީހާވެސް ބޮޑަށް އަމިއްލަޔަށްކުރަން، ނަމަވެސް ބައެއް މައުލޫމާތު ހޯދުމާއި އެހެނިހެން ބައެއް ކަންކަމުގައި ކުލާސް ކުދިންނާއި އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދިން” ފަޔާޒް ކިޔައިދިނެވެ.

ފަޔާޒްބުނީ މިކޯހުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، އިމްތިހާނުތައް އެހެންމީހެއްގެ އެހީތެރިކަމާއިއެކު ޓަޕްކުރަން ޖެހުންމާއި، ކުލާސްތައް ދިގުވުމުން އެދުވަހެއްގެ ކިޔެވި މުޅި ފިލާވަޅު ނަގައި ގަތުމުގައި ދިމާވާ ދަތިތައްކަމުގައެވެ. “އެހެން މީހެއްގެ އެހީތެރިކަމާއިއެކު އިމްތިހާނުތައް ހަދަން ޖެހުމުން ވަރަށް ބޮޑަށްދަތިވޭ، ވަގުތައް ޕޭޕަރު ނިންމުން ފަދަ ކަންކަމުގައި. ޓައިޕް ކޮށްދޭ މީހާ އެކުރަނީ ދެ މަސައްކަތް، އެހެންވީމަ އެމީހާއަށް ވަރަށް ބުރަވާނެތާ! ދެން ކުލާތައް ދިގުވުމުން  ލެސަންތައް ދެނެގަންނަން އަމިއްލަ ނޯޓްތަކެއް ނަގަނީ، ދެން އަމިއްލަޔަށް ދިރާސާކުރަނީ ދަސްވިވަރާއި ދަސްކުރަން  ބޭނުންވާވަރު، އަދި އިތުރަށް ދަސްކުރަންޖެހޭވަރު ދެނެގަންނަން” ފަޔާޒް އޭނާއަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށްކުރި މަސައްކަތް ކިޔައިދިނެއެވެ.
ފަޔާޒްގެ މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. އޭނާ ހިމެނިގެންދިޔައީ، އިސްލާމީ ޔުނިވަރސިޓީއިން 2025 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ އިން ކޯސް ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން އެންމެ މަތީ ދަރަޖަ ބެސްޓް ސުޓޫޑަންޓް އެވޯޑް ހޯދި ދަރިވަރުންގެ ތެރޭގައެވެ.

މިއަދު ފަޔާޒް އެހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް އޭނާ މިހާހިސާބުންވެސް ހުއްޓާލާކަށް ބޭނުމެއްނުވެއެވެ. މިހާރު އޭނާއަކީ އިސްލާމިކް ޔުނިވާސިޓީގެ ލީޑާޝިޕް އެން އެޑްމިނިސްޓްރޭޝަންގެ މަސްޓާރސް ކޯހުގެ ދަރިވަރެކެވެ. ” އިމާމް ކޯހުގެ މިއައްވުރެ މަތީ ލެވެލްގެ ކޯހެއްނެތީމަ، އެއާ އެންމެ އެއްވައްތަރުގެ ކޯހަކީ މިއަށްވާތީ މިކޯހަށްމިވަނީ” ފަޔާޒް މިހާރު ހަދަމުންދާ ކޯސް އިހްތިޔާރުކުރި ސަބަބު ބުނެދިވެ.  މިކާމިޔާބުގައި ފަޔާޒް އެންމެ ބޮޑަށް ޝުކުރުވެރިވަނީ އާއިލާގެ މެމްބަރުންނާއި ކުލާސް ކުދިންނާއި، ލެކްޗަރާއިންގެ އިތުރުން ޔުނިވާސިޓީގެ ވެރިންނަށެވެ. ވަކިން ހާއްސަކޮށް މަންމަގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަން ފަޔާޒް ފާހަގަކުރިއެވެ.

އިމާމް ކޯހުގެ ސަބަބުން ފަޔާޒްގެ ޝައުގުވެރިކަން ހުރި އެހެން ދާއިރާއަކަށްވެސް ފުރުސަތު ހުޅުވިއްޖެއެވެ. “އަޅުގަނޑު މިހާރު ޝައުގުވެރިކަން އެބަހުރި އަރަބިބަސް ދަސްކުރަން، އަދި ހާތިބަކަށް ވުމަށްވެސް، މިހާރުވެސް  އަރަބިން ދައްކާ ވާހަކަ ފަހުމުވޭ” ފަޔާޒް ތަފްސީލްކޮށްދިނެވެ. މިހާރުވެސް ދިވެހިބަސް ފިޔަވާ 3 ބަހަކަށް ފަރިތަ ފަޔާޒްއަށް 4 ވަނަ ބަހެއް ދަސްކުރުމީ ހަޤީގަތުގައިވެސް ވަރަށްބޮޑު ކާމިޔާބަކަށް ވާނެއެވެ.

ފަޔާޒް މިއަދު މުޅި މުޖުތަމައަށް ދޭ މެސެޖަކީ، ޖިސްމާނީ  ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމައެކަނި ހަމްދަރުދީވުމުގެ ބަދަލުގައި، އެމީހުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުދައްކައި އެހީތެރިވުމެވެ. އޭނާ ސާބިތުކޮށްދިނީ ހިތްވަރާއެކު ކުރިއަށްދާން ފަށައިފި ނަމަ، ކިތަންމެ ބޮޑު އަނދިރިކަމެއްގެ ތެރެއިންވެސް ކާމިޔާބީގެ އަލިގަދަ މަގު ފެންނާނެ ކަމެވެ.