Banner Image Description

އިހަވަންދޫ އާސާރީ މިސްކިތަށް ތިން ގަރުނު

ޢަބްދުލްމާނިޢު ޙުސައިން

އިހަވަންދޫގައި ހުރި އެންމެ ޒަމާންވީ ބިނާއަކީ އިހަވަންދޫ އާސާރީ މިސްކިތެވެ. ޒަމާންވީ އިހުގެ ބިނާއެއްކަމަކު އެ ބިނާއިން ފެންނަން ހުރީ ފަންނުވެރި ކަމާއި، ހިތްގައިމު ކަމެވެ. ވަޑާމުގެ ފަށުވި ކަމާއި، އަތްތެރި މަސައްކަތުގެ އުޖާލާކަމުން އަޖައިބުވެ އެވެ. ކަވި ކޮށުންތަކުގެ ހިމުންކާއި، ފުރިހަމަކަމުން އަންތަރީސް ކުރުވަ އެވެ. އިންސާނީ ދެ އަތާއި ސިކުނޑި ފިޔަވައި އެހެން ވަޞީލަތެއް ނެތް ޒަމާނުގައި ދިވެހިވަންތަ ސިފަތަކުން މުއްސަނދިކޮށްފައިވާ ދިވެހި ސަޤާފީ އެ މަސައްކަތަކީ  މި ތަހުޒީބީ ޢިލްމީ ޒަމާނަށް ވެސް ގޮންޖަހާވަރުގެ މޮޅު ބުރަ މަސައްކަތެކެވެ. މި ޒަމާނުގެ ފަންނުވެރި އާކިޓެކްޗަރުންނާއި ސިވިލް އިންޖިނިއަރުންނަށް ހުރި ކުޑަ އެހެނަސް ފުން ފިލާވަޅެކެވެ. އިންސާނީ ޙިކުމަތްތެރިކަމުގެ ކުޑަކުޑަ ރަމްޒެކެވެ.

އިހަވަންދޫ އާސާރީ މިސްކިތުގައި، ބިތުފާރު ހުރީ ކުރެހުން އެޅި ހިރިގަލުން ގަތާފަ އެވެ. ފުރިހަމައަށް ކުރަހާ، ލިޔެލާޖަހައި، އަމުނާފައި އޮތް ލަކުޑި ފުރާޅެއް މަތީގައި އޮތްއިރު، ފުރާޅުގައި ޖަހާފައި ހުރީ އީޓެވެ. (ފުރާޅުގައި ހުރި އީޓް މިހާރު ވަނީ ނަގައި އެހެން ފުރާޅަކުން ނިވާކޮށްފަ އެވެ.) ވަޅަކާއި، ބަންގި ގޮވުމަށް ޚާއްޞަ މުންނާރެއް މިސްކިތު ބޭރުގައި ހަދާފައި ހުރެ އެވެ.

އިހަވަންދޫ އާސާރީ މިސްކިތަކީ 15 ރަޖަބު 1113 ވަނަ އަހަރު އައްސުލްތާން އިބްރާހީމް މުޒުހިރުއްދީން ބިނާކޮށްދެއްވި މިސްކިތެކެވެ. މި މިސްކިތަކީ އެންމެ އިހުގައި އިހަވަންދޫގެ ހުކުރު މިސްކިތްވެސްމެ އެވެ.

މީލާދީ ސަނަތުން ނަމަ މި މިސްކިތް ބިނާކޮށް ހުޅުވި ދުވަހަކީ 16 ޑިސެމްބަރ 1701 ވީ ހުކުރު ދުވަހެވެ. ވީމާ މި ހިނގާ ޑިސެމްބަރުގެ ނިޔަލަށް މި މިސްކިތަށް 311 އަހަރު ފުރުނީ އެވެ. ނުވަތަ ހިޖުރީ ސަނަތުން ނަމަ 321 އަހަރު ފުރިހަމަވީ އެވެ.

އިހަވަންދޫ އާސާރީ މިސްކިތް ހުރި ގަބުރުސްތާނުގައި އުތީމް ޙަސަން ރަންނަބަޑޭރި ކިލެގެފާނުގެ އާއިލާ މެމްބަރެއްގެ މަހާނަ އާއި، ތ. ދިޔަމިގިލީ ރަސްކަމުން ފެށިގެން ވަޒީރުކަން ކުރެއްވި އައްޑޫ ޝަހީދުވީ ކުޑަބަނޑޭރި މުޙައްމަދު ތަކުރުފަނުގެ ދަރިކަލުން އަލްވަޒީރު މުޙައްމަދުގެ މަހާނަ އެބަހުރިކަމަށް “ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު” މިފޮތުގެ ދެ ވަނަ ޢަދަދުގައި އަލްފާޟިލް މުޙައްމަދު އަޙްމަދު ލުޠުފީ ލިޔުއްވާފައިވެ އެވެ.

އިހަވަންދޫ އާސާރީ މިސްކިތަކީ ތާރީޚީ އާސާރުތަކެއް ހިމެނިގެންވާ ތަނެއް ކަމުގައި ވިޔަސް، އަދި މުސްކުޅި ދިވެހިވަންތަކަން ސިފަކޮށްދޭ ބިނާއެއް ކަމުގައިވި ނަމަވެސް، އެ ބިނާގެ މުހިއްމު ކަމާއި، އެ ބިނާގެ ފަޚްވެރިކަން އިހްސާސްވަނީ އިހަވަންދޫގެ ކިތައް މީހުންނަށްތޯ މިއަދު ސުވާލުކޮށްލަން ޖެހެ އެވެ.

އެތަނުގެ ފަންނުވެރި މުއްސަނދިކަން މިއަދުގެ ޒުވާން ޖީލަށް އަޅުގަނޑުމެންގެ ހަރުމީހުން ފޯރުކޮށްދިނީ ކޮންފަދައަކުން ކަމާމެދު ހަނދާން އާކޮށްލަން ޖެހެ އެވެ. ބަންޑުން ޖަހައިފި ނަމަ ރަށް ފުށުން ޖަހާލާނެ ތަވާގަނޑާއި، ޚުރާފާތުގެ އެކިކަހަލަ ބަސްތަކުން ފުރިހަމަ ވެފައިވާ ބޮޑު ތަސްބީހަ ފަތި ދެކިލުމަށް އެ މިސްކިތުގެ ގިބްލަ އަށްވީ ފަރާތަށް ސިއްރިއްޔާތުގައި ވަދެ އެ ތަކެއްޗާ ބެހި ތަވާގަނޑު ފުށުން ޖެހީ އެ މިސްކިތުގެ އަޖައިބު ކުރުވަނިވި ފަންނުވެރި ކަމާއި އުފެއްދުންތެރިކަމަށް އިތުރު ނަޒަރެއް ކުރަން ޖެހޭ ވަރަށް ވުރެ، އެ ޒުވާނުން “ޅަތިބީން” ކަމުގައި ވި ދުވަހު އެ ވެރިންގެ މައްޗަށް ތިބި “ހަރުތިބީން”ގެ ޖާހިލުކަން ބޮޑުވީތީ އެވެ.

އިހަވަންދޫގައި ހުރި ހަމައެކަނި ތާރީޚީ ބިނާ އަށް މަދަރުސީ ދައުރުގައި ދަރިވަރުން ސަމާލުކުރުވި ނަމަ އެ ބިނާ ދިފާއުކޮށްދޭނެ ކިތަންމެ ބަޔަކު ތިބީސްކަން ކަށަވަރެވެ. އެ ބިނާގެ އަޞްލުވަންތަކަން ޙިމާޔަތް ކުރާނެ ޖީލެއް އޮތީސްކަން ޔަގީނެވެ. ހަމައެކަނި ގައުމީ މަންހަޖަށް ދަރިވަރުންގެ ސިކުނޑި ފަތަހަކޮށް ރަށުގައި ހުރި އާސާރީ ތާރީޚީ ހަމައެކަނި ބިނާ ހަނދާންނެތި ކޮށްލުމަކީ އެދުރުންގެ އިހްމާލެކެވެ.

އާސާރީ މިސްކިތް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ނަމުގައި ދާދިފަހުން ވަނީ މި ބިނާ ހަލާކުވެ ނެތިގެން ގޮސްފާނެ ކަމަށް ބުނެ، އެ މިސްކިތުގެ ވަށައިގެން ފެންޑާއެއް އިތުރުކޮށް ޒަމާންވީ އަޞްލު އާސާރީ މިސްކިތް ނިވާކޮށްފަ އެވެ. މިސްކިތް ޙިމާޔަތްކޮށްފައި ހުރީ މިސްކިތުގެ ފަންނުވެރިކަމާއި، ޗާލޫކަން ނުގެއްލޭނެ ގޮތަކަށް އެކަން ކުރުމަށް ވުރެ ބޮޑަށް މިސްކިތުގެ ޖާގަ ބޮޑުކޮށް ތަނަވަސް ކުރަން ކަމަށް ފެނެ އެވެ. މިސްކިތުގައި ހުރި ފުރިހަމަކަން މިހާރު ވަނީ ހަމަލޮލަށް ގެއްލިފަ އެވެ. މިސްކިތުގައި ހުރި އިހުވަންތަކަން ވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ. އަދި މިސްކިތުގެ ފޭރާމުން ހަލާކުވެފައި ހުރި ބައިތައް މަރާމާތުކޮށްފައި ވަނީ ވެސް އެކަށީގެންވާ ލަފައާއި ދިރާސާއެއް ނެތިކަމަށް ފެނެ އެވެ.

ނަތީޖާ ޙާޞިލްކުރެވޭނެ ފަދަގޮތަކަށް މިސްކިތް ޙިމާޔަތް ކުރާނަމަ އެކަށީގެންވާ ދިރާސާއެއް ކޮށްގެން ކަމުގެ ހުނަރާއި ވަޞީލަތްތުގެ ބޭނުން ހިފައިގެން މެނުވީ އެ ބިނާ އަށް އެއްވެސް ބަދަލެއް ނުގެނައުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެ މިސްކިތަށް ގެންނަ ކޮންމެ ބަދަލަކީ ވެސް އާސާރީ ސިފަ ޖެހިފައިވާ މިސްކިތުގެ އަޞްލު ސިފަ އަށް އުނިކަން ނާންނާނެ ބަދަލަކަށް ވާން ޖެހެ އެވެ. ހަމައެކަނި އިސްކަން ދޭންވީކީ މިސްކިތުގެ ޖާގަ އާއި ތަނަވަސް ކަމަކަށް ނޫނެވެ. ޒަމާނީ ބޮޑު ފެންޑާގެ މެދުގައި ކުރީގެ އާސާރީ މިސްކިތުގެ ހަތަރު ފާރު ބެހެއްޓުމުގެ އެއްވެސް މާނައެއް އޮތްކަމަކަށް ނުދެކެމެވެ.

އިހަވަންދޫ އާސާރީ މިސްކިތް ޙިމާޔަތް ކުރުމުގެ އާ މަސައްކަތެއް މިހާރު ވަނީ ފަށައިފަ އެވެ. އދގެ ތަޢުލީމާއި ސައިންސާއި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ)ގެ އެހީއާއެކު ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތައް ދިރާސާކޮށް އެ މިސްކިތްތައް ބައިނަލްއަޤުވާމީ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް 2011 ވަނަ އަހަރު ފަށާފައިވާ މަޝްރޫޢުގައި އިހަވަންދޫ އާސާރީ މިސްކިތް ވެސް ހިމެނޭ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ދިރާސާ ކުރި މިސްކިތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރި 6 މިސްކިތުގެ ތެރޭގައި އިހަވަންދޫ އާސާރީ މިސްކިތް ހިމެނުނު ކަމަށާއި، މިހެންވެ އެ މިސްކިތުގެ ތަފްޞީލީ ސާރވޭއެއް 2011 ވަނަ އަހަރު ފަހުކޮޅު ހަދާފައިވާ ކަމަށާއި، އަދި އަންނަ އަހަރު މާރޗްގައި އެންމެ ފަހުގެ ދިރާސާތައް ހަދާނެ ކަމަށް ކައުންސިލްގެ ރައީސް މައުލޫމާތު ދެއްވި އެވެ. މި ދިރާސާގައި މިސްކިތުގެ ފުރިހަމަ ކުރެހުމަކާއި، މިސްކިތުގެ މަރާމާތަށް ބޭނުންވާ ދިރާސާތައް ވެސް ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އިހަވަންދޫ އާސާރީ މިސްކިތަށް ބައިނަލްއަގުވާމީ ތަރިކައިގެ ލިސްޓުން ޖާގަ ލިބިދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށާއި، އެކަން ޙާޞިލްވެއްޖެ ނަމަ އެ މިސްކިތް މަރާމާތުކޮށް އެ މިސްކިތުގެ އަޞްލުވަންތަކަށް ޙިމާޔަތް ކުރުމަށް ވަރަށް ގިނަ ފުރުޞަތުތަކެއް ލިބިގެން ދާނެ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އިހަވަންދޫގެ ކޮންމެ ރައްޔިތެއްގެ ވެސް އުފަލަކީ އިހަވަންދޫ އާސާރީ މިސްކިތް ހަގީގީ މާނާގައި ރައްކާތެރިވެ ޙިމާޔަތްވެގެން ދިއުމެވެ. އެ މިސްކިތް ފަނާވެ ބީވެގެން ގޮސްފާނެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމެވެ. އެ ތަނަކީ އިހަވަންދޫގެ ރައްޔިތުން ފަޚްރުވެރި ވާނެ ތަނަކަށް ވެގެން ދިއުމެވެ. އެ ބިނާ އަކީ ގައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި ވެސް އަގު ކުރެވޭ އިހަވަންދޫ އަށް ނިސްބަތްވާ ބިނާއަކަށް ވެގެން ދިއުމެވެ.