"އިންޑިއާގެ ވިސާ ފެސިލިޓޭޝަން ރެޖީމްގެ ދެވަނަ އޯޑަރުގައިވާ އީ-ވިސާ ސްކީމްގެ ދަށުން ވިސާ އެޕްލިކޭޝަން އަދި ޕްރޮސެސިން އޮންލައިންކޮށް ކުރިއަށް ގެންދެވެ އެވެ. މި ސްކީމް މައިގަނޑު ގޮތެއްގައި ބޭނުންކުރެވެނީ އިންޑިއާއާ އެކު ފުޅާ ބައިލެޓަރަލް ވިސާ-ފްރީ އެއްބަސްވުމެއް ނެތް ގައުމުތަކުގަ އެވެ." އިންޑިއާގެ ހައި ކޮމިޝަންގެ ޓުވީޓުގައި ވެ އެވެ. ކޮވިޑް-19ގެ މި ބަލިމަޑުކަމާ ގުޅިގެން މާޗު 2020 ގައި ދުނިޔޭގައި ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމުގެ ކުރިން ވެސް އެތައް ހާސް ދިވެހިންނެއް ވިސާއާ ނުލައި އިންޑިޔާއަށް ދަތުރުކުރިއެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ "ވިސާ ފެސިލިޓޭޝަން" އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ބޭސްފަރުވާ އާއި ޓޫރިޒަމާއި ވިޔަފާރީގެ ބޭނުމަށް ވިސާއާ ނުލައި 90 ދުވަހުގެ މުއްދަތަށް އިންޑިއާ އަށް ދަތުރުކުރެވޭތީވެ އިންޑިޔާގެ އީވިސާ ދިވެހިންނަށް ބޭނުމެއް ނުވެއެވެ. އެހެންވެ، އިންޑިޔާގެ އީވިސާ ލިބޭ ގައުމުތަކުގެ ލިސްޓްގައި ދިވެހިރާއްޖެ ނަން ނެތީއެވެ.ރާއްޖެއަކީ އިންޑިއާއާއި އެކު ވިސާ-ފްރީ އެގްރީމެންޓް އޮންނަ 9 ގައުމުގެ ތެރެއިން، އައި.އޯ.އާރް ސަރަހައްދުގައި އޮންނަ ހަމައެކަނި ގައުމެވެ. 1/9 Thread# pic.twitter.com/QARHVz0UqN
— India in Maldives (@HCIMaldives) June 1, 2021
އިންޑިޔާގެ އީވިސާ ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ނެތީ ކީއްވެ؟
އެކި ބޭނުންތަކުގައި އިންޑިޔާއަށް ދިވެހިން ދަތުރުކުރާ ނިސްބަތް، ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، އިންޑިޔާއާ ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިވެހިރާއްޖެ އާއި އިންޑިޔާގެ ގުޅުމަކީ ސިންދު ވާދީގެ ރަށްވެހިކަމުގެ ޒަމާނުއްސުރެ ވެސް އޮތް ގުޅުމެކެވެ. އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ކުއްޔަށް ދިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެއްބަސްވުން އުވާލި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ދިޔައީ ގޯސްވަމުންނެވެ. ހާއްޞަކޮށް ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެވެ.
ދިވެހިރާއްޖެ އަކީ އިންޑިއާގެ އަވައްޓެރިއެކެވެ. "ފުރަތަމަ އިންޑިއާ" ސިޔާސަތަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ބައެކެވެ. ކޮންމެ ގުޅުމެއްގައި ވެސް މައްޗަށް އަރާ ފަހަރާއި، ތިރިއަށްދާ ފަހަރު އަންނާނެއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްތަކަކީ އިންޑިޔާ އާއި ދިވެހިރާއްޖޭގެ ގުޅުން ތިރިޔަށް ދިޔަ ދުވަސްތަކެއް ކަމަށް އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ސިފަކުރެއްވި އެވެ. ރާއްޖެ އާއި އިންޑިޔާގެ ގުޅުން ހީނަރުވުމުގެ ސަބަބުން އިންޑިޔާގައި ދިވެހީންނަށް ކުރިމަތިވި އެންމެ ބޮޑު ދައްޗަކީ، ވިސާ ލިބުމުގެ ދަތިކަމެވެ.
އިންޑިޔާ އަށް އެތެރެވާން ބޭނުންވާ ފަރާތްތަކަށް އެ ޤައުމުން އީ-ވިސާ ދޫކުރާ 160 އަށް ވުރެން ގިނަ ގައުމު އޮތްއިރު، އެ ލިސްޓްގައި ދިވެހިރާއްޖެ ނެތުމުން ވަރަށް ގިނަ ދިވެހިންގެ ހިތުގައި ސުވާލު އުފެދެއެވެ. އަދި މިކަމާގުޅިގެން އިންޑިޔާއަށް ފާޑު ވެސް ކިޔައެވެ. އިންޑިޔާ އާއި ދިވެހިރާއްޖެ އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1 ނޮވެންބަރު 1965 ގައެވެ. އެ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް އިންޑިޔާއަކީ ރާއްޖެއަށް އެންމެ ހެޔޮއެދޭ، ރާއްޖެއާ އެންމެ ރަޙްމަތްތެރި ޤައުމު ކަމަށް ވީހިނދު އިންޑިޔާގެ އީވިސާ ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ނެތީ ކީއްވެ؟
އިންޑިއާއަށް އެތެރެވާން ބޭނުންވާ ފަރާތްތަކަށް އެ ޤައުމުން އޮންލައިންކޮށް އީވިސާ ދޫކުރަނީ، ޓުއަރިސްޓް ވިސާ އާއި މެޑިކަލް ވިސާ އާއި ބިޒްނަސް ވިސާ އާއި މެޑިކަލް އެޓެންޑެންޓް ވިސާ، އަދި ކޮންފަރެންސް ވިސާ އެވެ. ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުގެ ވެބްސައިޓްގައިވާ ގޮތުން މިއިން އެއްވެސް ވިސާއެއް ދުރާލާ ދިވެހިން ނަގާކަށް ނުޖެހޭނެއެވެ. ބޭސްފަރުވާ އާއި ޓޫރިޒަމާއި ވިޔަފާރީގެ ބޭނުމަށް ވިސާއާ ނުލައި 90 ދުވަހުގެ މުއްދަތަށް އިންޑިއާ އަށް ދަތުރުކުރެވޭނެ އެވެ. އަދި ހުރިހާ ބާވަތެއްގެ ވިސާ އިންޑިޔާއިން ދިވެހިންނަށް ދޫކުރަނީ ހިލޭއެވެ.
ރައީސް އިބުރާހިމް މުހައްމަދު ޞާލިޙަކީ، އިންޑިއާއާ އެއްކޮޅު ބޭފުޅެއް ކަމަށް އިންޑިއާގެ މީޑިއާ އާއި ހުޅަނގުގެ މީޑިއާއިން ދެކެއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވުމަށްފަހު، ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ވެސް އިންޑިޔާއަށެވެ. މިދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި އެމަނިކުފާނުން ވިދާޅުވީ އިންޑިޔާގައި ދިވެހީންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ، ވިސާ ލިބުމުގެ ދަތިކަންކަމަށާއި، އެކަން އެގޮތަށް މެދުވެރިވީވެސް، މިދިޔަ އަހަރުތަކުގައި (ރައީސް ޔާމީންގެ ވެރިކަމުގައި) ރާއްޖެއިން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށެވެ.
” އަޅުގަނޑުގެ މި ދަތުރުގައި، އިންޑިޔާއާއެކު ސޮއިކުރާ ވިސާގެ އެއްބަސްވުމުގެ ދަށުން، ބޭސްފަރުވާއާއި، ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ. ޓޫރިސްޓް ވިސާގައި އެތެރެވުމަށްފަހުވެސް، ޞިއްޙީ ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ، އެމީހަކަށާއި އެހީތެރިންނަށްވެސް މެޑިކަލް ވިސާ ހަމަޖެހޭނެ." ރާއްޖެއިން ބޭރަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވިދާޅުވިއެވެ. ” ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މީހުންނަށް، ދެ އެހީތެރިންނާއެކު ތިބެވޭގޮތަށް، ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަށް ވިސާ ލިބޭނެ. އިންޑިޔާގައި ކިޔަވަން ތިބޭ ދަރިވަރުންނަށް، މަލްޓިޕްލް އެންޓްރީ ސްޓޫޑަންޓް ވިސާ ހަމަޖެހިގެންދާނެ. 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށްވެސް، އެ ދަރިވަރެއްގެ ވިސާގެ މުއްދަތަށް މަލްޓިޕްލް އެންޓްރީ ވިސާ ލިބޭނެ. މަތީ ތައުލީމް ހާސިލުކުރަން ނުވަތަ ރިސަރޗް ހަދަން ތިބޭ ދަރިވަރުންގެ، 18 އަހަރުން ދަށުގެ ކުދިންނަށާއި، އަނބިންނާއި ފިރިން އަދި މައިންބަފައިންނަށްވެސް ފަސޭހައިން ވިސާ ލިބޭނެ. ދަރިވަރުންގެ ކައިރީގައި ތިބޭ ބެލެނިވެރިންގެ، 18 އަހަރުން ދަށުގެ ކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންގެ ހާލަތަށް ބަލައި، އެ މީހުންނަށްވެސް ވިސާ ހަމަޖެހިގެންދާނެ."އެވެ.
ޑިސެމްބަރު 17، 2018 ގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ "ވިސާ ފެސިލިޓޭޝަން" އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ބޭސްފަރުވާ އާއި ޓޫރިޒަމާއި ވިޔަފާރީގެ ބޭނުމަށް ވިސާއާ ނުލައި 90 ދުވަހުގެ މުއްދަތަށް އިންޑިއާ އަށް ދަތުރުކުރެވޭނެ އެވެ. އޭގެ އިތުރުން ސްޓޫޑެންޓް ވިސާ ވެސް ދިވެހިންނަށް ހިލޭ ލިބޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިޔާގެ ބޯޑަރު ބަންދުކޮށް، އަދި މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ސިއްހީ ބޭނުމަށް އިންޑިއާ އަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހައިން މެޑިކަލް ވިސާ ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެއެވެ.
އިންޑިއާ ކަނޑުގައި ހިމެނޭ ޖަޒީރާ ޤައުމުތަކުގެ ތެރެއިން އީވިސާ ނުލިބޭ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ ކަމަށާއި، ދިވެހިންނަށް އޮން އެރައިވަލް ވިސާ ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަށްއަށް ވުރެ މާ މުހިންމު ކަމަށް ބުނެ އެކި ފަރާތްތަކުން ފާޑުކިޔަމުން ދިއުމާ ގުޅިގެން، އެ ފާޑުކިޔުންތަކާ ވިއްދައިގެން، އިންޑިއާގެ ހައި ކޮމިޝަނުން މިފަހުން ކުރި ޓުވީޓުތަކެއްގައި ބުނީ، ރާއްޖެއަކީ އިންޑިއާ އަށް ދިއުމަށް ވިސާ ފްރީ ނުވަ ގައުމުގެ ތެރެއިން އިންޑިއަން އޯޝަން ރީޖަން (އައިއޯއާރު) ސަރަހައްދުގައި އޮންނަ ހަމައެކަނި ގައުމު ކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ގައިން ދިލަނަގާތީ ފެނަށްއެރި އޮންނަ ކުއްޖެއްގެ ވާހަކަ!
19 - އޮގަސްޓު - 2026
ރުފިޔާ އެކައުންޓުން އިންޑިއާއަށް ފައިސާ ފޮނުވޭ ގޮތަށް، ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި
31 - ޖުލައި - 2026
އިންޑިއާގެ ހިލޭ އެހީގައި ހޯރަފުށީގައި ފެންބަންދުކުރާ ޕްލާންޓެއް އަޅަނީ
2 - ފެބްރުއަރީ - 2020
ތެޔޮތާހަށް އަތް ލައިގެން ތެލުލުމުގެ ހުނަރު ލިބިފައިވާ މީހެއް!
16 - ޑިސެމްބަރު - 2013
އެޗްޑީސީއިން ކުޑަކުދިންގެ ޕާކް ތަރައްޤީކުރާ 32 ރަށުގެ ތެރޭގައި މޮޅަދޫ އަދި ފިއްލަދޫ
19 - ނޮވެމްބަރު - 2025
ފެނުގެ ހިދުމަތް ބޭނުންކުރުމުގައި ކްރޮސް ކަނެކްޝަން ނުހެދުމަށް ފެނަކައިން އިލްތިމާސްކޮށްފި: 10 ދުވަހުގެ ތެރޭގައި ރަނގަޅު ނުކޮށްފިނަމަ ހިދުމަތް ކަނޑާލާނެ ކަމުގެ އިންޒާރު
23 - ޖޫން - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
ފާޑުކިޔަން ފެށުމުން، ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ހިމަނައިފި.
25 - ނޮވެމްބަރު - 2024
ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ނުހިމެނޭ!
10 - ނޮވެމްބަރު - 2024
މިއަދުން ފެށިގެން ފަޅުތެރޭގައި ފައިބަރގްލާސްއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރުން މަނާ!
1 - ޖޫން - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް