އުތުރުގައި ހަދާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަން ޕްރޮޖެކްޓްގައި ހިމެނޭ ފަޅުރައްތަށް ވަރުވާއަށް ދޫކުރުމަށް ނިންމުމާ ގުޅިގެން އައިހެވަން އަށް ދެންވާނެ ގޮތަކާމެދު ސުވާލު އުފެދިއްޖެ އެވެ.
އައިހެވަން އިންޓަރގްރޭޓަޑް މަޝްރޫޢަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭގޮތުން، ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓުކުރާ އިތުރު އިންޑަސްޓްރީތައްކަމުގައިވާ ވެއަރހައުސިންގް، ޕެކޭޖިންގް، ޕްރޮސެސިންގް، މެނުފެކްޗަރިންގ، އިންޓަރނޭޝަނަލް ކްރޫޒް ފެސިލިޓީޒް އަދި އެއަރޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭގޮތަށް ތަރައްޤީކުރުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ މާސްޓަރޕުލޭން ނިމިއްޖެ ކަމަށް މިދިޔަމަހު ރައީސުލްޖުމުހުރިއްޔާ އިޢުލާނުކޮށްފައި ވަނިކޮށް، އިއްޔެ މިވަނީ ފިޝަރީޒް މިނިސްޓުރީން ބީލަމުގެ އުސޫލުން ވަރުވާއަށް ދޫކުރަން ހުޅުވާލި ރަށްތަކުގައި މިމަޝްރޫޢުގެ ރަށްތައް ހިމަނާފައެވެ.
އައިހެވަން މަޝްރޫޢުގެ ވާހަކަތައް ސަރުކާރުން ދައްކާއިރު ބޭނުންކުރާ ކުރެހުމުން ފެންނަ ގޮތުން ހއ. ހޯރަފުށި ހިމެނޭ ގޮތުން އެއްފަޅެއްގައި ވާ ފަޅުރައްތައް މިމަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭނެ ކަމަށް ދައްކައެވެ. މިފަޅުގައިވާ ހއ. ހަތިފުށި އަދި މާފިނޮޅު ފިޔަވާ ދެންހުރި ރަށްތައް ވަރުވާއަށް ދޫކުރުމަށް ނިންމުމުން އައިހެވަން އަށް ވާނެ ގޮތަކާމެދު މިހާރު މިއޮތީ ސުވާލު އުފެދިފައެވެ.
މިފަޅުގެ ތެރޭގައި ހިމެނޭ ހއ. މާފިނޮޅު (މިހާރު އެއަރޕޯޓު އެޅުމަށް ނިންމާފައިވާ ރަށް) އަދި ހއ. އިންނަފިނޮޅަކީ މީގެ ކުރިން، 2014 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު، ޓޫރިޒަމް މިނިސްޓުރީން ރިޒޯޓް ތަރައްގީކުރުމަށް ހުޅުވާލި ރަށްތަކުގައި ހިމެނޭ 2 ރަށެވެ. ނަމަވެސް ޖެހިގެންއާ ދުވަހު ޓޫރިޒަމް މިނިސްޓުރީން އެ އިޢުލާނު ބާތިލް ކުރީ އިޢުލާނުގައި މައްސަލަތަކެއް ހުރުމާއި، ހއ އަތޮޅުގެ މާފިނޮޅާއި އިންނަފިނޮޅަކީ އައިހެވަން މަޝްރޫއު ތެރޭގައި ހިމެނޭ ދެ ރަށް ކަމަށްވާތީއެވެ. އައިހެވަން މަޝްރޫޢުގައި ހިމެނޭ ދެރަށް ރިޒޯޓް ހުޅުވާލުމަށް އިޢުލާނު ކުރެވުމުން އެ އެއިޢުލާނު ބާތިލް ކޮށްފައިވާއިރު އައިހެވަން މަޝްރޫޢުގައި ހިމެނޭ 7 ރަށް (ހުވަހަންދޫ، އުނގުލިފިނޮޅު، ކުޑަފިނޮޅު، ވެލިފިނޮޅު، އުމަރެއްފިނޮޅު، މަތީރަށް އަދި އިންނަފިނޮޅު) ވަރުވާއަށް ދޫކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އައިހެވަން އަށް ވާނެ ގޮތަކާމެދު ސުވާލު އުފެދެއެވެ.
ހޯރަފުށީގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް 2016 ވަނަ އަހަރުގެ މެއި މަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމުހުރިއްޔާ ވިދާޅުވެފައި ވަނީ މި ދުވަސްވަރު އައިހެވަންގެ އަޑު ނީވެނީ “އެއީ ހިޔާލީ ފޮލާއަކަށް ވާތީ ނޫން” ކަމަށާއި ކުރަންޖެހޭ ބައެއް ކަންކަން އަދިވެސް ކުރިއަށް ދާތީ ކަމަށެވެ. “އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ހަގީގަތަކަށްވާނެ. މި މަޝްރޫގެ އަމަލީ މަސައްކަތް ބިން ހިއްކުމުގެ މަސައްކަތް، ބިން ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭ ފަށާނަން. މިއަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން ފަށާނަން،” އެދުވަހު ރައީސް ޔާމިން މިފަދައިން ވިދާޅުވެފައި ވީމަނަވެސް މިއަދާ ހަމައަށްވެސް މިމަޝްރޫޢުގެ އެދެންނެވި މަސައްކަތްތައް ނުފަށާކަން ފާހަގަ ކުރެވެއެވެ.
ހަމައެހެންމެ އެމްޓީސީސީން ބަންނަ ޑްރެޖަރު ގެނެސް އައިހެވަންގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އެއިން ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވީ ނަމަވެސް ޑްރެޖަރުން ބިންހިއްކުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި މިހާތަނަށް އައިހެވަން ނުހިމެނޭކަން ފާހަގަ ކުރެވެއެވެ.
އައިހެވަން ޒޯން ތެރޭ ހިމެނޭރަށްތަކުގެ ތެރެއިން އެއަރޕޯޓު އެޅުމަށް ނިންމާފައިވާ ހއ. މާފިނޮޅު، ޑޭޓާބޭސްގެ މައްސަލަ އަކުން ވަރުވާއަށް ދޫކުރުމަށް އިޢުލާނު ކޮށްފާވާއިރު، ހއ. މާފިނޮޅު ގެ އުތުރަށް އެރަށާ 860 މީޓަރު ދުރުގައި އޮތް ވެލިފިނޮޅާއި މާފިނޮޅުގެ ދެކުނަށް އެރަށާ 778 މީޓަރު ދުރުގާ އޮތް އުމަރެއްފިނޮޅުގެ ތެރެއިން ކޮންމެވެސް އެއްރަށެއް ވަރުވާއަށް ދޫކުރުމަށް ނިންމާފައި އެވަނީ އޮޅުމަކުން ކަމަށް ވުން ގާތްކަމަށް ބެލެވެއެވެ. މިގޮތަށް ބެލެވޭ ސަބަބަކީ އެއަރ÷ޕޯޓު އެޅުމަށް ނިންމާފައިވާ މާފިނޮޅަކީ އެރަށުގެ އުތުރުން ދެކުނަށް ދިގުމިނުގައި އެންމެ 850 މީޓަރު ހުރި ރަށަކަށް ވުމާއެކު، މިރަށުގައި އެއަރޕޯޓެއް އަޅާނަމަ، އެއަރޕޯޓު އަޅާނީ ބިންހިއްކާގެން ކަމަށް ވުމެވެ. އެއަރޕޯޓުގެ ރަންވޭއަށް ބޭނުންވާ ދިގުމިން ނެގުމަށް ފުޅާމިނުގައި އިރުން ހުޅަނގަށް 218 މީޓަރު ހުރި މިރަށް، އިރަށް ނުވަތަ ހުޅަނގަށް ހިއްކާނެ ކަމަކަށް ނުބެލެވެއެވެ. ރާއްޖޭގައި މިހާތަނަށް އަޅާފައި ހުރި އެއަރޕޯރޓުތަކުގެ ރަންވޭ އަޅާފައި ހުރީ ދެކުނުން އުތުރަށްވާ ގޮތަށެވެ. އެހެންކަމުން މާފިނޮޅުގައި އެއަރޕޯޓު އެޅުމަށް ބިންހިއްކާއިރު ވަރުވާއަށް ދޫކޮށްފައިވާ އުމަރެއްފިނޮޅު ނުވަތަ ވެލިފިނޮޅަށް ވާނެ ގޮތަކާމެދު ސުވާލު އުފެދެއެވެ.
ޔަގީންކަމާއިއެކު ބުނަން އެނގެނީ އައިހެވަން ޒޯންގައި ހިމެނޭ ރަށްތައް ވަރުވާއަށް ދޫކުރުމަށްވުރެ، އަތަނުގައި ކުރިން ތަރައްޤީ ކުރުމަށް މަސައްކަތްކުރި އިންޓަރގްރޭޓަޑް މަޝްރޫޢުން ރައްޔިތުންނަށް ލިބޭނެ މަންފާ ބޮޑުވާނެ ކަމެވެ. އަދި ރައްޔިތުން ބޮޑަށް ބޭނުންވާނީވެސް އެރަށްތައް ވަރުވާއަށް ދޫކުރުމަށްވުރެ އައިހެވަންގެ މަޝްޜޫޢުގެ ދަށުން އެރައްތައް ތަރައްޤީވެގެން ދިޔުންކަން ޔަޤީނެވެ.