Banner Image Description

ވާދަވެރިން ސިއްސުވާލުމަށް ފަހު ބިއްޑެ ޔޫތަށް!

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ފުޓްބޯޅައިގެ ތަރި އަދި ސެންސިޓީގެ ހުނަރުވެރި މިޑްފީލްޑަރު ހުސެން ސަމީރު (ބިއްޑެ) ކުރިއަށް އޮތް އިހަވަން ކަޕް އަށް ޔޫތާ ގުޅިއްޖެއެވެ.  މިކަން ހާމަކޮށްފައި ވަނީ އެޓީމުގެ ރަސްމީ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައެވެ. އޭނާގެ މި ނިންމުމާއެކު ގިނަ ބަޔަކު ދަނީ ޝޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

ހުސެއިން ސަމީރު (ބިއްޑެ) ފާހަގަވެފައި ވަނީ ބުންވަރު ގަދަ ކޮށްޓުމާއި ނެއްޓުމުގެ ހުނަރު ލިބިފައިވާ މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އިހަވަންދޫ ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ޔުނައިޓެޑް ޔޫތުގެ ޗެއާރ ނައުފަލް އިބްރާހިމް ބުނީ ކުރިއަށް އޮތް އިހަވަން ކަޕްގައި ނަން މަޝްހޫރު ހުނަރުވެރި އެތައް ކުޅުންތެރިންނެއް ޔޫތުން ފެންނާނެ ކަމަށާއި  ޔޫތު ނުކުންނާނީ ވަރުގަދަ ސުކޮޑަކާއިއެކު ކަމަށެވެ. އަދި، މުބާރާތް ކާމިޔާބު ކުރޭވޭނެ ކަމުގެ ފުރިހަމަ ޔަޤީން ކަން ޔޫތުގެ ސަޕޯޓަރުންނާއި ސްޕޮންސަރުންނަށް ދެއްވާ ކަމަށެވެ.

އިތުރަށް ނައުފަލް ބުނީ، ޔޫތަށް ކުޅުމަށް އެއްވެސް ކުޅުންތެރިއަކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ޔޫތަށް ކުޅޭނީ މިނިވަންކަމާއެކު އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.

އެންމެ ފަހުގެ މައިކަޕް މުބާރާތުގެ ޗެމްޕިއަން، ޔުނައިޓެޑް ޔޫތުން އިހަވަން ކަޕަށް ނުކުންނަ އިރު އެޓީމުގައި މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި، އެޑަމް އަާއި، ސައުދު، ރިޗަރޑޭ އަދި އާމިރުވެސް މިފަހަރުގެ މުބާރާތުގައި އެޓީމަށް ކުޅޭނެއެވެ. އަދި މިދިޔަ އަހަރު އިންޖަރީގެ ސަބަބުން ނުކުޅެވުނި ޒުވާން ޑިފެންޑަރު ޝިފާޒް އިބްރާހީމް ( ހަޒާޑް ) ވެސް އިންޖަރީއިން ރަނގަޅުވެ މިފަހަރުގެ  މުބާރާތުގައި އެޓީމުން ފެންނާނެއެވެ.