ޤަމަތް ދޭން ފެށުމުން ތެދުވާނީ ކޮން އިރަކު؟
މި މައްސަލައާމެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފުހުއްޓެވެ.
1- ތެދުވާނީ ޤަމަތްދޭން ފެށުމާ އެކުގައެވެ. (ޢަތާ އަދި ޒުހުރީ)
2- ތެދުވާނީ حي على الصلاة މިފަދައިން ކީމައެވެ. (އަބޫ ޙަނީފާ)
3- ތެދުވާނީ ޤަމަތްދީ ނިމުނީމައެވެ. (ޝާފިޢީ)
4- ތެދުވުމަށް ވަކި ވަޤުތެއް ކަނޑައެޅިފައެއް ނެތެވެ. ޤަމަތް ފެށުމާއެކު ނުވަތަ ޤަމަތުގެ މެދުތެރެއިން ނުވަތަ ޤަމަތްދީ ނިމުމުން ތެދުވިޔަސް މައްސަލައެއް ނެތެވެ. (މާލިކީ މަޛްހަބު)
5- ތެދުވުން ސުންނަތް ވެގެންވަނީ قد قامت الصلاة މި ކަލިމަ ކީމައެވެ. އެއީ އިމާމާ ފެންނަން ހުރި ނަމައެވެ. އިމާމާ ފެންނަން ނެތް ނަމަ ޤަމަތް ދިން ކަމުގައިވިޔަސް ތެދުވާނީ އިމާމު މީހާ ފެނުނީމައެވެ. (އިމާމު އަޙްމަދު)
މިއިން އެއްވެސް ބަސްފުޅަކަށް ސުންނަތުގައި ދަލީލެއް ނެތެވެ. އެއީ އެބޭކަލުން ކުރައްވާފައިވާ އިޖުތިހާދެކެވެ.
މިކަން ތަނަވަސް ވެގެންވެއެވެ. ޤަމަތް ދޭން ފެށުމާއެކު، ނުވަތަ ޤަމަތް ދެމުން ދަނިކޮށް، ނުވަތަ ޤަމަތް ދީ ނިމުމުންވެސް ތެދުވެވިދާނެއެވެ. އެކަމަކު ސުންނަތުގައި މިކަމާބެހޭގޮތުން އޮންނަ އެހެން ކަމެއް އޮވެއެވެ. އެއީ ޤަމަތްދޭ މީހާ ޤަމަތް ދިން އިރުވެސް އިމާމު މީހާ ޙާޟިރުނުވާނަމަ ތެދުވާކަށް ނުޖެހޭނެއެވެ. ތެދުވާނީ އިމާމު މީހާ ފެނުނީމައެވެ.
عن أبي قتادة رضي الله قال : قال رسول الله صلى الله عليه وسلم (إِذَا أُقِيمَتْ الصَّلَاةُ فَلَا تَقُومُوا حَتَّى تَرَوْنِي) رواه البخاري (637) ومسلم (604) وفي رواية لمسلم : (حَتَّى تَرَوْنِي قَدْ خَرَجْتُ) .
އަބޫ ޤަތާދާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ނަމާދަށް ޤަމަތްދެވުނު ކަމުގައިވިޔަސް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނުފެންނަނީސް ތިޔަބައިމީހުން ނުތެދުވާށެވެ.” އަދި މުސްލިމް ގެ ރިވާޔަތުގައި ވަނީ “ތިމަންކަލޭގެފާނު (ގެއިން) ނަމާދަށް ނުކުންނަނިކޮށް ތިޔަބައިމީހުންނަށް ނުފެންނަނީސް (ނުތެދުވާށެވެ.)”
ނޯޓް: ދިވެހި ރާއްޖޭގައި ޢާއްމުގޮތެއްގައި ބަންގި ގޮވާ މީހާ ނަމާދު ކުރި ކަމުގައިވިޔަސް، ސުންނަތުގައި ވާރިދުވެފައިވަނީ ބަންގި ގޮވާ މީހާ އަދި އިމާމު މީހާ މީ ވަކި ދެމީހެއް ކަމަށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އިމާމެވެ. ބަންގި ގޮވައި ޤަމަތް ދެއްވަނީ އިބްނު އުއްމު މަކްތޫމް ނުވަތަ ބިލާލު ރަޟިޔަﷲ ޢަންހެވެ. އިމާމާ ނުފެންނަނީސް ނުތެދުވުމަށް މި އޮންނަނީ މިފަދައިން ކަންތައްކުރާ ޖަމާޢަތްތަކުގައެވެ. އަދި ގެއިން ނުކުންނަނިކޮށް ނުފެންނަނީސް އޭ އެ އޮތް ބަސްފުޅުގެ މުރާދަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ، ގެ ކޮޅާ މިސްކިތްކޮޅާ އެއީ ވަރަށް ކައިރީގައި ހުރި (ގެކޮޅުން ނުކުންނައިރަށް މިސްކިތަށް ވަދެވޭހާ ކައިރީގައި ހުރި) ދެތަން ކަމުގައިވާތީ އެގޮތަށް ޢަމަލުކުރުމެވެ.
ޝައިޚު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. “ނަމާދަށް ޤަމަތް ދިނުމުން ތެދުވުމަށް ސުންނަތުގައި ކަނޑައެޅިފައިވާ ވަކި ވަޤުތެއް އޮވޭތޯއެވެ.”
ޖަވާބުގައި ވިދާޅުވިއެވެ. “ތެދުވާންވީ ވަކި ވަޤުތެއް ސުންނަތުގައި ކަނޑައެޅިފައެއް ނުވެއެވެ. “ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނުފެންނަނީސް ތިޔަބައިމީހުން ނުތެދުވާށޭ” އެންގެވުން މެނުވީއެވެ. ޤަމަތް ދޭން ފެށުމުން ތެދުވިކަމުގައިވިޔަސް، ޤަމަތް ދެމުން ދަނިކޮށް ތެދުވި ކަމުގައިވިޔަސް، ޤަމަތްދީ ނިމުމުން ތެދުވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މި ހުރިހާ ގޮތަކީވެސް ހުއްދަ ގޮތްތަކެވެ.”
“مجموع فتاوى ابن عثيمين” (13/8).
https://islamqa.info/ar/134108
ގުޅުން ހުރެދާނެ ލިޔުން
ހެލްޕްލައިންތަކުގެ އިތުބާރު ނަގާލައިފި! މިއީ މިނިސްޓަރު އިހުސާން އިސްތިއުފާ ދޭންޖެހޭވަރުގެ ކަމެއް!
23 - އޭޕްރީލް - 2026
ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް އިހަވަންދޫގައި ދޭން ފަށައިފި...
2 - އޭޕްރީލް - 2026
އިހަވަންދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެފް.އެސް.އެމްގެ ހިދުމަތް ދޭން ފަށައިފި!
25 - ފެބްރުއަރީ - 2026
"ޕަލްސް ޕޮއިންޓް މެޑިކަލް ސެންޓަރ" ހުޅުވައި ހިދުމަތް ދޭން ފަށައިފި
20 - ޖެނުއަރީ - 2026
ސެންސިޓީ މައިކަޕަށް ނުކުންނަނީ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން – ސަމީރު
3 - ޑިސެމްބަރު - 2024
ފާޑުކިޔަން ފެށުމުން، ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ހިމަނައިފި.
25 - ނޮވެމްބަރު - 2024
ކާފަ މާމަ މައިޒާން ތަރައްޤީ ކުރުމަށް ބިންހަވާލުކޮށް ކައުންސިލުން ދޭން ނިންމާފައިވާ އެހީ ހަވާލުކޮށްފި
7 - މޭ - 2024
ވެމްކޯއިން އިހަވަންދޫގައި ހިދުމަތް ދޭންފަށަނީ
14 - އޭޕްރީލް - 2024
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް އެއްލައްކަ ރުފިޔާގެ އެހީތެރިކަން ދޭން ކައުންސިލުން ނިންމައިފި
27 - ސެޕްޓެމްބަރު - 2023
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހިންގާދޭން ޝައުގުވެރިވާ ބަޔަކުނުވުމުން ބަޔަކު ހޯދަން އަލުން އިޢުލާންކުރަނީ
20 - ސެޕްޓެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް