އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް، ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެވުޒާރާއިން އާންމުކޮށްފައިވާ ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައިވާގޮތުން އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ މިއަހަރުގެ އޯގަސްޓް މަހުއެވެ. އަދި އައިޑީކާޑު ޕްރިންޓް ކުރުމުގެ  ޚިދުމަތް ފަށާނީ މިއަހަރުގެ މެއި މަހުއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސް ޑރ. މުޢިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އިހަވަންދޫގައި ދިރިއުޅޭ ރަތްޔިތުންނަށް ރަށުގައި ތިބެގެން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މިހާރުވެސް ލިބެއެވެ. ނަމަވެސް އައިޑީކާޑު ޕްރިންޓްކޮށްގެ ގެންނަނީ މާލެއިން ކަމަށް ވުމާއިއެކު، އައިޑީކާޑު އަތަށް ލިބުމުގައި ލަސްތަކެއް ވެގެންދެއެވެ. އިހަވަންދޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދޭންފެށުމާއިއެކު ޚިދުމަތުގެ ސްޕީޑް އަވަސްވެގެން ދާނެއެވެ. އިހަވަންދޫއިން ޕާސްޕޯޓް ދޫކުރަން ފެށުމާއިއެކު، ޕާސްޕޯޓް ނަގަން ދަތުރުހަދާފައި ދިއްދޫ ނުވަތަ ކުޅުދުއްފުއްޓަށް ކުރަންޖެހޭ ދަތުރަށް ނިމުމެއް އަންނާނެއެވެ.