އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މާދަމާއިން ފެށިގެން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް ވިދާޅުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ޚިދުމަތް ފައްޓަވައި ދެއްވާނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ރައީސުލް ޖުމްހޫރިއްޔާ މާދަމާ އިހަވަންދޫއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް ވިދާޅުވި ގޮތުގައި، މި ދެ ޚިދުމަތް ފެށުމަށްޓަކައި ކައުންސިލުން 700,000 ރުފިޔާ ޚަރަދުކުރާނެއެވެ. އަދި މިހާރު ކައުންސިލުން ދަނީ މި ޚިދުމަތް ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް ފުރިހަމަކުރަމުންނެވެ.
އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މިފަށަނީ، ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެވުޒާރާގެ ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައި އެކަމަށް ކަނޑައަޅައިފައިވާ މުއްދަތަށްވުރެ އަވަހަށްކަން ފާހަގަކުރެވެއެވެ.
މިހާރުވެސް އިހަވަންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ލިބެމުންދެއެވެ. ނަމަވެސް އައިޑީކާޑު ޕްރިންޓްކޮށްގެން ގެންނަނީ މާލެއިން ކަމަށްވުމާއެކު، އައިޑީކާޑު އަތަށް ލިބުމުގައި ލަސްތަކެއް ވެގެންދެއެވެ. އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ދޭން ފެށުމާއެކު ޚިދުމަތުގެ ސްޕީޑު އަވަސްވެގެންދާނެއެވެ. މީގެއިތުރުން، އިހަވަންދޫއިން ޕާސްޕޯޓު ދޫކުރަން ފެށުމާއެކު، ޕާސްޕޯޓު ނަގަން ދަތުރުކޮށްފައި ދިއްދޫ ނުވަތަ ކުޅުދުއްފުށްޓަށް ދާންޖެހޭ ދަތުރަށް ނިމުމެއް އަންނާނެއެވެ. މިކަމުގެ ސަބަބުން އިހަވަންދޫގެ ރައްޔިތުންނަށް ވަގުތާއި ފައިސާ ސަލާމަތްވެގެންދާނެއެވެ. މި ދެ ޚިދުމަތް އިހަވަންދޫގައި ފެށުމަކީ ރަށުގެ ރައްޔިތުންނަށް އަދި އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.