ރޭ އިހަވަންދޫއަށް ޖެހުނު ކޮޅިގަނޑެއްގައި، ހއ އިހަވަންދޫ ޑޭޒީވިލާ ގޭގެ ބައެއްގެ ފުރާޅު އެއްލާލައި، މަސްޖިދުލް އަމާނަތުގެ ފުރާޅަށާއި، އެދުރު ގޭގެ ފުރާޅަށް ގެއްލުންވެއްޖެއެވެ.
އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން ވިދާޅުވީ، މިހާދިސާގައި ލިބުނު ގެއްލުމުގެ ސަބަބުން މަސްޖިދުލް އަމާނަތުގެ ފުރާޅު މަރާމާތު ނުކޮށް އެމިސްކިތް ބޭނުން ނުކުރެވޭނެއެވެ. މަސްޖިދުލް އަމާނަތަކީ އަންހެން ކަނބަލުން ނަމާދަކުރުމަށް ހާއްސަކޮށްފައިވާ މިސްކިތެކެވެ. އެސަރަހައްދުގައި ދިރިއުޅޭ ބައެއް ކަނބަލުންނާއި ދަތުރުވެރިންވެސް އެމިސްކިތުގައި ނަމާދުކުރާކަމަށްވެއެވެ.
ޑޭޒީވިލާ ގޭގެ ބައެއްގެ ފުރާޅު އެއްލައިލައި ބުރައިގެން އައި ތަކެތިން ޖެހުމުގެ ސަބަބުން، މަސްޖިދުލް އަމާނަތުގެ އިތުރުން ޖެހިގެންހުރި އެދުރު ގެއަށްވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. މިހާދިސާގައި އެއްލާލާފައިވަނީ ޑޭޒީވިލާ ގޭގައި ހަދާފައިވާ 3 ބުރި އިމާރާތުގައި ހިޔާކޮށްފައިވާ ބައެއްގެ ފުރާޅެވެ. އެއީ އިމާރާތްކުރަމުންދާ އިމާރާތެކެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައެއް ނުވެއެވެ.