ހއ އަތޮޅުގެ ރައްޔިތުން ޕިކްނިކް ދާން ގޮއްވާފުށި އަދި ކަނޑާލި ފިނޮޅު ހޯދަން އެދެން ފާސްކޮށްފި!

މުޙައްމަދު އަކުރަމް

ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާން ގޮއްވާފުށި އަދި ކަނޑާލި ފިނޮޅު ހޯދަން ރައީސް އޮފީހުގައި ދެންނެވުމަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ. ހއ އަތޮޅުކައުންސިލުން މިގޮތަށް ފާސްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ހއ ހޯރަފުށީގައި ބޭއްވި އެކައުންސިލްގެ 04 ވަނަ ދައުރުގެ 155 ވަނަ އާންމު ބައްދަލުވުމުގައެވެ.

އަތޮޅު ކައުންސިލުން މިނިންމުމުގައި ކަނޑައަޅާފައިވާ ދެ ރަށަކީ ހއ އަތޮޅުގެ ދެ ބިދުގައި އޮންނަ ދެރަށެވެ. ކަނޑާލި ފޮނޮޅު އޮންނަނީ ހއ އަތޮޅުގެ މަތީބިތުގައި ވަށަފަރު ފަޅު ތެރޭގައެވެ. އަދި ގޮއްވާފުށި އޮންނަނީ އިހަވަންދިއްޕޮޅުގައި މެދަފުށި ކައިރީގައެވެ. ކަނޑާލި ފިނޮޅުގައި 3.90 ހެކްޓަރު ހުންނައިރު ގޮއްވާފުށީގައި ހުންނަނީ 1.50 ހެކްޓަރެވެ. ގޮއްވާ ފުއްޓަކީ ވަރުވާއަށް ދޫކޮށްފައިވަ ރަށެވެ. އެރަށް 10 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ވަރުވާ އަށް ދޫކޮށްފައިވަނީ 25 އޮކްޓޯބަރ 2018 ގައެވެ. އެހެންކަމުން އެރަށުގެ ވަރުވާގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުއެވެ.

ހއ. އަތޮޅު ކައުންސިލުން ނިންމާފައި ވަނީ މި ދެ ރަށް އަތޮޅު ކައުންސިލަށް ލިބިއްޖެނަމަ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިގެން އެ އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ގޮތުގައި ތަރައްގީ ކުރުމަށެވެ.