އިހަވަންދޫ އާއިއެކު، ރާއްޖޭގެ 57 ރަށެއްގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރުން ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔަ އަލުން އިއުލާނުކޮށްފި އެވެ. ހައުސިންގް ޔުނިޓް އަޅާނެބަޔަކު ހޯދަން މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު ވެސް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.
މިމަޝްރޫގެ ދަށުން ޖެނުއަރީމަހު އިއުލާންކުރީ އިހަވަންދޫގައި 100 ހައުސިންގް ޔުނިޓްއަޅާނެ ބަޔަކު ހޯދާށެވެ. ނަމަވެސް މިފަހަރު އިއުލާންކޮށްފައިވަނީ 200 ހައުސިންގް ޔުނިޓް އަޅާނެބަޔަކު ހޯދުމަށެވެ. ސަރުކާރުން ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ހައުސިން ޔުނިޓްތައް އަޅާއިރު، ފުރަތަމަ ކެޓަގަރީގެ ދަށުން އަޅާނީ 50 ހައުސިން ޔުނިޓެވެ. ދެވަނަ ކެޓަގަރީގައި 51 އާއި 150 ހައުސިން ޔުނިޓް އަޅާއިރު، ތިންވަނަ ކެޓަގަރީގައި އަޅާނީ 200 އާއި 250 ހައުސިން ޔުނިޓެވެ. އަދި ހަތަރުވަނަ ކެޓަގަރީގައި އަޅާނީ 300 އަށްވުރެ ގިނަ ހައުސިން ޔުނިޓެވެ.
57 ރަށެއްގައި ހައުސިން ޔުނިޓުތަކެއް އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު، މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ.