އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2025، ގެ ކުޅުން ފަށައިފިއެވެ. މިމަހުގެ 8 ވަނަ ދުވަހުގެ ރެޔާއި ހަމަޔަށް ކުރިޔަށްދާ މިމުބާރާތް ފަށާފައިވަނީ ރޭގައެވެ.
ހިންނަ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގެ ފުރަތަމަ މެޗްގައި އިހަވަންދޫ ސްކޫލްގެ ރެކްރިއޭޝަން ކްލަބްވަނީ ބީ.ބީ.ސީ.އެފް.އެމް ލިންކޭޖްގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ. ފެނަކަ އިހަވަންދޫ ބްރާންޗާއި ދެކޮޅަށް އާމިނާދިޔޯ ސިއްޙީމަރުކަޒު ކުޅުނު މިމުބާރާތުގެ ދެވަނަ މެޗްނިމުނީ 3-3 ގެ ނަތީޖާއަކުން ހަމަހަމަވެގެންނެވެ.
މިމުބާރާތުގައި 7 ޓީމެއް ވާދަކުރެއެވެ. އެއީ އިހަވަންދޫ ސްކޫލްގެ ރެކްރިއޭޝަން ކްލަބް، ބީ.ބީ.ސީ.އެފް.އެމް ލިންކޭޖް، ފެނަކަ އިހަވަންދޫ ބްރާންޗް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ކައުންސިލް، ކްލަބް އައި.ޕީ.އެސް އަދި އާރު.އާރު.ސީ އިހަވަންދޫއެވެ. މިއީ ހިންނަ ފުޓްސަލް ދަނޑުގައި ކުޅެވޭ ފުތަމަ މުބާރާތްކަން ފާހަގަކުރެވެއެވެ. މިއީ މިމުބާރާތް ބާއްވާ 7 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިހަވަންދޫ ފުލުހުންގެ ޓީމެވެ. އެޓީމް 4 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ފެނަކަ އިހަވަންދޫ ބުރާންޗުންވަނީ 2 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ.
މިމުބާރާތުގައި މިރޭވެސް ދެ މެޗެއް ކުޅޭނެއެވެ. މިރޭގެ ފުރަތަމަ މެޗްގައި އިހަވަންދޫ ކައުންސިލް އަދި ކްލަބް އައިޕީއެސް ވާދަކުރާއިރު މިރޭގެ ދެވަނަ މެޗްގައި ބީ.ބީ.ސީ.އެފް.އެމް ލިންކޭޖް ނުކުންނާނީ އާމިނާދިޔޯ ސިއްޙީމަރުކަޒާއި ދެކޮޅަށެވެ.