މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކުޅުނު އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލް މެޗްގައި 3-2 އިން އާރު.އާރު.ސީ އިހަވަންދޫ ބަލިކޮށް، ފެނަކައިން މުބާރާތުގެ ތަށި އުފުއްލާލައިފިއެވެ. މިއީ އެޓީމް މިމުބާރާތް ކާމިޔާބުކުރި 3 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިހަވަންދޫ ޕޮލިސް ޓީމެވެ. އެޓީމް 4 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލާއި ހަމައިން އެޓީމްވަނީ ކަޓައިފައެވެ.
ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ފެނަކަ ޓީމްގެ ޝާނިއުއެވެ. މިމުބާރާތުގައި 7 ޓީމެއް ވާދަކުރިއެވެ. އެއީ އިހަވަންދޫ ސްކޫލްގެ ރެކްރިއޭޝަން ކްލަބް، ބީ.ބީ.ސީ.އެފް.އެމް ލިންކޭޖް، ފެނަކަ އިހަވަންދޫ ބްރާންޗް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ކައުންސިލް، ކްލަބް އައި.ޕީ.އެސް އަދި އާރު.އާރު.ސީ އިހަވަންދޫއެވެ. މިއީ ހިންނަ ފުޓްސަލް ދަނޑުގައި ކުޅުނު ފުތަމަ މުބާރާތްކަން ފާހަގަކުރެވެއެވެ.
މިމުބާރާތުގެ ވަނަތައް:
– މުބާރާތުގެ ފެއަރ-ޕްލޭ ޓީމް: އިހަވަންދޫ ކައުންސިލް
– މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ފެނަކައިގެ ސައުދުﷲ އަބުދުއް ރަޝީދު، އާރު.އާރު.ސީ ގެ ހަސަން ސަމީރު، ސްކޫލް ޓީމްގެ ނިޔާޒް، ފެނަކައިގެ މުހައްމަދު ޝާނިޔު އަދި އާރު.އާރު.ސީ ގެ މުހައްމަދު ވިޒާމް
– ކިންގް އޮފް ޓޯނަމެންޓް ފެނަކައިގެ ސައުދުﷲ އަބުދުއް ރަޝީދު