ތިލައުތުރު ވޮލީ މުބާރާތުގެ 2024 ގެ ޗެމްޕިއަންކަން މުރައިދޫގެ މިފަހަރުގެ އަމާޒަކީވެސް މުބާރާތުގެ ތަށިކަމަށް މުރައިދޫ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ، މުރައިދޫ ޓީމް އޮތީ ވަރަށްބޮޑަށް ތައްޔާރުވެފައި ކަމަށާއި އިރާދަކުރެއްވިއްޔާ މިއަހަރުވެސް ރީތި މޮޅު ކުޅުމެއް ދައްކައި މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާނެކަމުގެ ޔަޤީންކަން ޓީމަށް އެބައޮތްކަމުގައެވެ.
މިރޭ ހއ ހޯރަފުށީގައި މިފަށަނީ، ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ހއ އަތޮޅު ކައުންސިލުން ބާއްވާ ތިލައުތުރު ވޮލީ މުބާރާތުގެ ދެވަނަ މުބާރާތެވެ. ޖުމްލަ 5 ޓީމެއް މިއަހަރުގެ މުބާރާތުގައި ވާދަކުރާއިރު މިދިޔަ އަހަރުގެ ޗެމްޕިއަން މުރައިދޫގެ އިތުރުން ރަނަރަޕް އިހަވަންދޫ އަދި ސެމީ ފައިނަލްގައި ކުޅުނު ދިއްދޫވެސް މިއަހަރުގެ މުބާރާތުގައި ވާދަކުރެއެވެ. މީގެއިތުރުން ދެން މިއަހަރުގެ މުބާރާތުގައި ބައިވެރިވަނީ މުޅިން އަލަށް މިމުބާރާތުގައި ވާދަކުރާ މޮޅަދޫ އަދި ހޯރަފުއްޓެވެ. މިއަހަރުގެ މުބާރާތް ހޯރަފުށީގައި ކުޅޭއިރު މިރޭކުޅޭ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޑިފެންޑިންގް ޗެމްޕިއަން މުރައިދޫ އަދި މުބާރާތް ބާއްވާ ހޯރަފުއްޓެވެ.
މިމުބާރާތް ކުރިޔަށްދާނީ 5 ޓީމްގެ މެދުގައި ލީގް އުސޫލުން ފުރަތަމަބުރު ކުޅެ އެންމެ ގިނައިން ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުން ޖާގައެއް ލިބޭގޮތަށެވެ. ދެވަނަ އަދި 3 ވަނަ ޓީމްގެ މެދުގައި ސެމީފައިނަލް މެޗެއް ކުޅޭއިރު މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައެވެ.