2015 ވަނަ އަހަރުގެ މައި-ކަޕް ފުޓްބޯޅަ މުބާރާތާއެކު އުފެދުނު ‘ކޮފަލި’ ގެ ނަން ‘މިސްކިތްމަގު ސްޕޯޓްސް ކުލަބް’ އަށް ބަދަލުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ކޮފަލި ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައެވެ. މި ބަދަލާއެކު، އެ ޓީމުގެ ހިންގުން ވަރުގަދަގެންދާނެ ކަމަށް އެ ޓީމުގެ މެނޭޖްމަންޓުން މަޢުލޫމާތުދެއެވެ.
“މިއީ އެއް ޓީމެއް. ނަމަވެސް އައު ފެށުމެއް. 10 އަހަރު މާޒީވެ އެ ދިޔައީ. ޕްލޭން ކުރެއްވިއްޖެ. ޕިކްޗަރ ކުރުހާލާފިން. މި ބަދަލާއެކު މި ޓީމު ދެން ފެނިގެންދާނީ އެކްޓިވް ޓީމެއްގެ ގޮތުގަ. ފުރަތަމަ އަމާޒަކީ މި މަހުގެ 20 ވަނަ ދުވަހު މާލެ ސިޓީގައި ބޭއްވިގެންދާ ‘އައި ކުލަބް ވަން ޑޭ ކަޕް’. އިހަވަންދޫގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންނާއިއެކު އެ މުބާރާތުން މިސްކިތްމަގު ފެނިގެންދާނެ” ޓީމުގެ އިސް އޮފިޝަލެއް ކަމުގައިވާ ރީހާން ބުންޏެވެ.
ކޮފަލި އުފެދިންގެން އައިސްފައިވަނީ ކުރީގެ ނިކަ ސަރަހައްދުންނެވެ. ނިކަ ޓީމު ފަނޑުވި ވަގުތު އެ ސަރަހައްދުގައި ނަގައި ކިޔަން ފެށީ ކޮފަލިއެވެ. ފާއިތުވި ދިހަ އަހަރު ތެރޭ ރަށުގައި ހިންގުނު އެކި އެކި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ކޮފަލި ފާހަގަވެގެން ގޮސްފައިވަނީ ރަށުގައި ހިންގޭ އެކި އެކި އިޖުތިމަޢީ ހަރަކާތްތަކުގައި ބައިވެރިވެ، ހަރަކާތްތައް ހިންގާ ބަދަހި ޓީމެއްގެ ގޮތުގައެވެ.
މިސްކިތްމަގަކީ، ކޮފަލި ނިސްބަތްވި މަގަށްވުރެ ‘ނިކަ’ ސަރަހައްދާ މާ ކައިރީގައި އޮންނަ މަގެކެވެ. މިސްކިތްމަގު މައިޒާނަކީ އެ ސަރަހައްދީ ރަމްޒެވެ. ހަގީގީ ނިކަ އުފެދުނީ އެ މަގުންނެވެ. މިސްކިތްމަގު ނަން ދެވުނީ ކީއްވެގެންތޯ ސުވާ ކުރުމުން ރީހާން ބުނެފައިވަނީ، “އެއީ އަހަރުމެގެ ސަރަހައްދު. އަހަރުން ނިސްބަތްވަނީ އެ ތަނަށް. ކުޅިވަރުގެ ތެރެއަށް އަހަރުމެނަށް އާދެވުނީ އެ މަގުގަ، އެ ރުއްގަނޑު ތެރޭ ކުޅެގެން. އަދިވެސް އަހަރުމެން ކުދިންގެ ފައިތިލާގަ އެ ރުކު މޫތަކުގެ ނިޝާންތައް ފެންނަން އެބަހުރި. ލޯގޯ އިން ރަމްޒުކޮށްދެނީ އަހަރުމެންގެ ފެށުން. އަހަރުމެންގެ ގުޅުންތެރިކަން”.