ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107-1 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން، ޖުލައި މަހު ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލްވުން، 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި އިހަވަންދޫ ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި އޮންނާނެކަމަށް އިހަވަންދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފައިވާ ގޮތުގައި އެބައްދަލުވުމުގައި 2026 ވަނަ އަހަރަށް ލަފާކުރާ މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ހިޔާލު ހޯދުމާއި، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ކައުންސިލުން ނިންމި ނިންމުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުން އޮންނާނެއެވެ.
ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބުރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ. މިގޮތުން ޖުލައި މަހުގައި ބާއްވާ އާންމު ބައްދަލުވުމުގައި ކައުންސިލުގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހުށައަޅާ އެކަމަށް ރައްޔިތުންގެ ފަރާތުން ޚިޔާލު ހޯދަން ޖެހެއެވެ. އަދި މިބައްދަލުވުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕުލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަން ޖެހެއެވެ. ނަމަވެސް އެގޮތަށް އަމަލުކުރަނީ ވަރަށް މަދު ކައުންސިލަކުންކަން ފާހަގަކުރެވެއެވެ.
ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް ރައްޔިތު ބައްދަލުވުމަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ކައުންސިލުންވަނީ ހުޅުވާލައިފައެވެ. ސުވާލު ހުށަހަޅަން ބޭނުންވާ ފަރާތަކުން ތިރީގައިވާ ފޯމް ފުރިހަމަކުރުމުން ސުވާލު ފޮނުވޭނެއެވެ. ސުވާލު ފޮނުވުމުގެ ފަހު ތާރީހަކީ ޖުލައި 22 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.