ހއ އިހަވަންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު 13:00 އަށް ހަމަވިއިރު ހުށަހަޅާފައިވަނީ 440 ފޯމް ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއެޖެވެ. ސޮބާހް މިހެން ވިދާޅުވީ އެކަމާއި ގުޅޭގޮތުން މިނޫހަށް މައުލޫމާތު ދެއްވަމުންނެވެ.
1600 އަކަ ފޫޓްގެ 150 ގޯއްޗަށް ކުރިމަތި ލުމަށް އިހަވަންދޫ ކައުންސިލުން ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް ސޮބާހް ވިދާޅުވީ، މިއަހަރުތެރޭ ގެވަޅުދީ ނިންމައިލެވޭތޯ ބަލާނެކަމަށާއި އެގޮތުން، ގެވަޅު ކޮމިޓީވެސް މިހާރު އެކުލަވައިލާފައިވާ ކަމުގައެވެ.
އެންމެފަހުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެފަހުރު ދޫކޮށްފައިވަނީ 200 ގެވަޅެވެ. އެފަހަރު ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 455 މީހުންނެވެ. މިފަހަރު ކުރިމަތިލީ މީހުންގެ އަދަދު ކުޑަކޮށް މަދުނަމަވެސް މިފަހަރު ދޫކުރަނީ 150 ގެވަޅުކަމުން، ކުރީ ފަހަރަށްވުރެ މިފަހަރު ގެވަޅުގެ ޑިމާންޑް ބޮޑުވާނެކަމަށް ބެލެވެއެވެ. މިފަހަރު ގެވަޅު ހޯދުމަށް ހުށަހެޅި 440 ފޯމްގެ ތެރޭގައި ދެމަފިރިން ހުށަހަޅާފައިވާ ފޯމްތައް ގިނަ އަދަދަކަށް ހުންނާނެކަމަށް ބެލެވެއެވެ.