ހއ.އިހަވަންދޫ ހިންނަ ފުޓުސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިހަވަންދޫ ކައުންސިލުން އިއުލާންކޮށްފިއެވެ. ހިންނަ ފުޓްސަލް ދަނޑުގައި އިމާރާތްކުރާ ރޮސްޓަމްގައި ސްޓޭޖަކާއި، 2 ޓީމް ރޫމް، 3 ފާހާނާ އަދި ގުދަނެއް ހިމެނެއެވެ. މިމަޝްރޫއުގު ދަށުން ރޮސްޓަމް އިމާރާތްކުރުމަށް ތަންދިނުމަށް، ފުޓްސަލް ދަނޑުގައި ޖަހާފައިވާ 1 ލައިޓް ޕޯސްޓް ރިލޮކޭޓްކޮށް، ދަނޑު ވަށައިގެން ޖަހާފައިވާ ފެންސަށް ބަދަލު ގެންނާނެއެވެ.
މިކަމާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނުގައިވަނީ، ރޮސްޓަމެއް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު، މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ބިޑު ހުށަހަޅަން ޖެހެއެވެ.
އިހަވަންދޫ ކައުންސިލުން ތަރައްޤީކުރި ހިންނަ ފުޓްސަލް ދަނޑު ހުޅުވާފައިވަނީ މިއަހަރުގެ ޖުނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ހިންނަ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއު އަކީ، އިހަވަންދޫގެ ކުޅިވަރު ވަސީލަތްތައް ޒަމާނީކުރުމަށް އިހަވަންދޫ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށްގެންދިޔަ އެންމެ އަގުބޮޑު މަޝްރޫއުއެވެ. ހިންނަ ފުޓްސަލް ދަނޑު ތަރައްޤީ ކޮށްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެން 1.273 މިލިއަން ރުފިޔާގެ އަގަކަށެވެ. ފުޓްސަލް ދަނޑަށް އަލަށް އިތުރުކުރާ ރޮސްޓަމާއި އެކު އެމަޝްރޫއުގެ ޖުމްލައަގު ބޮޑުތަނުން އިތުރުވާނެއެވެ.