4 ޓީމް ހަމަވެ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް ބާއްވަނީ

.

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބުލިއު.ޑީ.ސީ) އިން އިންތިޒާމުކޮށްގެން ބާއްވާ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތުގައި 4 ޓީމު ބައިވެރިވެއްޖެއެވެ. މިމުބާރާތް  މިމަހުގެ 10 ގައި  ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑަބުލިއު.ޑީ.ސީ އިން ބުނެއެވެ. މިމުބާރާތް ބޭއްވޭވަރަށް ޓީމްތައް ބައިވެރިވެފައި މިވަނީ މިމުބާރާތް ބޭއްވުމަށް ދެވަނަ ފަހަރަށް އިއުލާން ކުރުމުންނެވެ.

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ރަޝީދާ ހަސަން ވިދާޅުވީ، މުބާރާތަށް 4 ޓީމު ބައިވެރިވެފައިވާ ކަމަށާއި މިމަހުގެ 10 ގައި އެ މުބާރާތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މުބާރާތް އިންތިޒާމުކުރުމުގެ މައިގަނޑު އެއް ބޭނުމަކީ ރަށު ފެންވަރުގައި ތިބި ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން ފާހަގަކޮށް، އެ ކުޅުންތެރިންނަށް ތަރައްޤީވެ، ކުރިއަރައިދިއުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މީގެ އިތުރުން ކުޅުންތެރިންނާއި ޓީމުތަކުގެ މެދުގައި، އެކުވެރިކަމާއި އަޚްލާޤީ މިންގަނޑުތައް އާލާކުރުމަށް މަސައްކަތްކުރުމަކީވެސް މި މުބާރާތްތަކުގެ މުހިންމު މަޤުސަދެކެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޑަކަތީބު މަގު ޓީމެވެ.