އިމަގު ޣާޒީ ކަޕް 2025: ތިން ރަށަކުން ހަ ޓީމު ބައިވެރިވެއްޖެ!

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އިމަގު ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގައި ހއ. އަތޮޅުގެ ތިން ރަށަކަށް ނިސްބަތްވާ ހަ ޓީމެއް ބައިވެރިވެއްޖެއެވެ. ޒުވާން ކުޅުންތެރިން ބިނާކުރުމަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ހއ. އިހަވަންދޫއަށް ނިސްބަތްވާ ސެންސިޓީ، ބޮޑުމަގު، ޔުނައިޓެޑް ޔޫތް އަދި ޖަންގަލްގެ  އިތުރުން، އުލިގަމް ޔޫތް އަދި ހޯރަފުށީ ޔޫތުއެވެ. މި ފަހަރުގެ މުބާރާތުގެ ހާއްސަ ކަމަކީ، މިއަހަރުގެ މުބާރާތުގައި އިހަވަންދޫގެ އިތުރުން ހއ. ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، މާރަންދޫ އަދި ތަކަންދޫގެ ޓީމުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވުމެވެ.

މިއީ އިމަގު ޖަމިއްޔާއިން މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. ވޭތުވެދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫގެ ސެންސިޓީ ޓީމުންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7،000 ރުފިޔާ ލިބޭނެއެވެ. މި އަހަރުގެ މުބާރާތުން ފެނިގެންދާ އެންމެ ބޮޑު ތަފާތަކީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު  3،000 ރުފިޔާއިން 20،000 ރުފިޔާއަށް ބޮޑުކޮށްފައިވުމެވެ. މީގެ ސަބަބުން މުބާރާތުގެ ވާދަވެރިކަން އިތުރުވާނެކަމަށް ބެލެވެއެވެ.