ޚަބަރު

އެޗްއާރްއެފް ވޮލީ ލީގު: ގްރޫޕް ސްޓޭޖުން ދެވަނަ ޓީމްގެ ގޮތުގައި އިމަގު ސެމީ ފައިނަލަށް

އެޗްއާރްއެފް ވޮލީ ލީގުގެ ގްރޫޕް ސްޓޭޖްގެ ކުޅުން ނިމުނުއިރު، ގްރޫޕް ސްޓޭޖުން ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމްގެ ގޮތުގައި، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. އެޗްއާރްއެފް ވޮލީ ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި މިރޭ ބައްދަލުކުރީ އިމަގު އަދި ހޯރަފުށީ ޕޮލިސް ޓީމެވެ. އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބެން އޮތްއިރު، ވާދަވެރި ކުޅުމަކަށްފަހު މެޗް 3-2 ސެޓްއިން ކާމިޔާބުކުރީ ހޯރަފުށީ ޕޮލިސް ޓީމެވެ. ޖުމަލަ 6 ޓީމް ވާދަކުރާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެގިނަ ޕޮއިންޓްހޯދާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާއިރު، ގްރޫޕް ސްޓޭޖުން 2 އަދި 3 ވަނަ ހޯދާ ދެ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލުން ޖާގަ ކަށަވަރުކުރީ ހޯރަފުށި ޕޮލިސް ޓީމެވެ. ގްރޫޕް ސްޓޭޖުން ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި އިމަގު އަދި ގްރޫޕް ސްޓޭޖުން ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި އެފްސީ ފްރިގޭޓަރ ސެމީ ފައިނަލްގެ މެޗަށް ނުކުންނާނީ މާދަމާ ރޭ 20:30 ގައެވެ. މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ ހައެއްވާ ހޯމަ ދުވަހުގެރޭ ހޯރަފުށި އައުޓްޑޯ ވޮލީ ކޯޓުގައެވެ.
.