ޚަބަރު

އަމިއްލަ ފަރާތަކުން އިހަވަންދޫގައި މިސްކިތެއް ބިނާކުރަނީ

އަމިއްލަ ފަރާތަކުން ހއ. އިހަވަންދޫގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއެކު ސޮއިކުރައްވައިފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިސްކިތް ޢިމާރާތްކުރުމަށް ޚަރަދުކުރަނީ އަމިއްލަ ފަރާތަކުންކަމަށެވެ. އިހަވަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެވުޒާރާއިން ވިދާޅުވީ މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އާސިމް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ މިސްކިތް ބިނާ ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިން ހަމަޖައްސައިދިނުމަށް ނިންމަވައިފިއެވެ. މިގޮތުން ވަޒީރު ޑރ ޝަހީމް މީގެ ކުރިން ވިދާޅުވެފައި ވަނީ ވިޔަފާރިވެރިންގެ ތެރޭގައި މިސްކިތް ބިނާކުރުމަށް ޝައުގުޤުވެރިވާ ފަރާތްތަކުން، އެކަކު ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަންބޭނުން ނަމަ ބިން ހަމަޖައްސައި ދިނުމާއި އެނޫން އިދާރީ ފަސޭހަތައް ހަމަ ޖައްސައިދޭން މިނިސްޓްރީން ނިންމާފައި ވާކަމަށެވެ. އިހަވަންދޫ ކައުންސިލުގެ ނިމިދިޔަ މޭ މަހުގެ 12 ވަނަ ދުވަހުގެ ބައްދަލުވުމުން ވަނީ އަމިއްލަ ފަރާތަކުން މިސްކިތެއް އެޅުމަށް ބޭނުންވާ ބިން ރަށުން ހަމަޖައްސާދީފައެވެ. މިގޮތުން ބިން ހަމަޖައްސާފައި ވަނީ އިހަވަންދޫގެ އިރުމަތީ ފަރާތުން ސޯސަންމަގާއި ހަތީބު ހަސަން މޫސާ ހިނގުމުގެ ކަންމަތިން "އެސްމާގޭ"ގެ އިރުން "ޖަޒީރާ" ގެ އުތުރުން ވާ ހުސްބިމުން ނެވެ. މިސްކިތް އެޅުމަށްޓަކައި ކައުންސިލުން ވަނީ 27x27  މީޓަރުގެ ބިމެއް ހަމަޖައްސަވާ ދެއްވާފައެވެ.
ޢަބުދުﷲ ޙަމީދު