ޖެޓީ ގޮއްވާލާނެކަމަށްބުނެ ސަރުކާރަށް އިންޒާރުދީފި!

.

ހޯރަފުށީ ފަޅު ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އެއާޕޯޓްގައި ލަފާފުރުމަށް ވަކި ޖެޓީއެއް ހެދުމަށް ނިންމާފައިވާކަން ސަރުކާރުން ހަމާކުރުމާއިއެކު އެފަދަ ޖެޓީއެއް ހަދައިފިނަމަ އެޖެޓީ ގޮއްވާލާނެކަމަށްބުނެ ސަރުކާރަށް އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ ހއ. ހޯރަފުށީ ޙަބީބުމަންޒިލް، އަލީ ޝަރީފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މޯބައިލް ނަންބަރަކުން “ޖެޓީ އައުޓް” ގެ ނަމުގައި ހަދާފައިވާ ވައިބަރ ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.
އިންޒާރުދިން ފަރާތުން އިތުރަށް ބުނެފައިވަނީ ހޯރަފުއްޓާ ދެކޮޅަށް ތިމައްސަލަ (އެއަރޕޯޓްގައި ޖެޓީއަޅަން) ނިންމީ އަދުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމުގައެވެ. އަދި ހޯރަފުށީ ފަޅުތެރޭގައި ޖެޓީއެއް ނޭޅޭނެ ކަމަށާއި ޖެޓީ އެޅިޔަސް ގޮއްވާލާނެކަމުގައެވެ.

އޮކްޓޫބަރު 5 ވަނަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް، ހޯރަފުށީ ފަޅުގައި ތަރައްޤީކުރަމުންދާ އެއަރޕޯޓުގައި ޖެޓީއެއް ހެދުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވުމާއިއެކު، ހޯރަފުއްޓަށް ނިސްބަތްވާ ބައެއްފަރާތްތަކުން ގެންދަނީ ޖެޓީ އެއް ހަދައިފިނަމަ އެތަން ހަލާކުކޮށްލާނެކަމަށާއި އަދި ޖެޓީ ގޮއްވާލޭކަމަށްބުނެ ސަރުކާރަށް އިންޒާރު ދެމުންނެވެ. ޕްލޭނިންގް މިނިސްޓަރު އަސްލަމަށާއި ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ހަޑިހުރުބަހުން އަވަގުރާނަ ގޮވުމުގެ އިތުރުން މިފަދަ ނިރުބުވެރި ވާހަކަތައް ދެކެވެމުންދާ ވައިބަރ ގްރޫޕްގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަކްރަމް ކަމާލުއްދީންވެސް އިންނަވައެވެ. ނަމަވެސް އެމަނިކުފާނު އެވާހަކަތަކާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.