މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އިހަވަންދޫގައި މަސްވެރިންގެ ދުވަހުގެ ރޫހު އާލާކޮށް މަސްވެރިކަމުގެ ސިނާއަތަށް ލޯބި އުފެއްދުމުގެ މަޤުޞަދުގައި އިހަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އިހަވަންދޫ ކައުންސިލް މަސްރޭސް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހު، މެންދުރުފަހު 14:45 އިން ރޭގަނޑު 21:45 އަށެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވާ ޓީމުތަކުން 2026 ޑިސެންބަރު 10 ވަނަ ދުވަހުގެ 14:15 އަށް ކަނޑައެޅޭ ސަރަހައްދަކަށް ހާޟިރުވާންޖެހޭއިރު، މުބާރާތުގެ ނިންމާ ޕޮއިންޓަށް ހާޟިރުވާންޖެހޭނީ ބަނދަރުގެ ހުޅަނގު މަސް އަށީގެ ކައިރީ ހެދިފައިވާ މާލަމަށެވެ. މަސްކިރުން ކުރިއަށްދާނީ ޑިޖިޓަލް ކައްޓާއަކުން، އެންމެ ފުރަތަމަ ރިޕޯޓްކުރާ ޓީމަކުން ފެށިގެން ޓީމުތައް އަންނަ ތަރުތީބުންނެވެ.
މި މުބާރާތަކީ އިހަވަންދޫގައި ޤާއިމުވެފައިވާ ސަރުކާރު މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ދަށުން ހިނގާ ބޮޑީސްތަކުގެ އިތުރުން ކުލަބު ޖަމްޢިއްޔާތަކަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެކެވެ. ޤަވާއިދު ބުނާގޮތުން ކޮންމެ މުއައްސަސާއަކަށް، ކުންފުންޏަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ފުރަތަމަ މަރުހަލާގައި ބައިވެރިކުރެވޭނީ އެންމެ ޓީމެކެވެ. ނަމަވެސް، ފުރަތަމަ މަރުހަލާގައި ޖުމުލަ 15 ޓީމު ހަމަނުވާނަމަ، ނިސްބަތުން ގިނަ މުވައްޒަފުން މަސައްކަތްކުރާ އަދި ތަފާތު ޑިޕާޓްމަންޓްތައް ހިމެނޭ ފަރާތްތަކަށް ދެވަނަ ޓީމެއް ބައިވެރިކުރުމުގެ ފުރުޞަތު ދެވޭނެއެވެ. ކޮންމެ ޓީމެއްގައި މަދުވެގެން 4 މެންބަރުން އަދި ގިނަވެގެން 20 މެންބަރުން ހިމެނެންޖެހޭއިރު، ބައިވެރިވެވޭނީ އުމުރުން 16 އަހަރުން މަތީގެ ފަރާތްތަކަށެވެ.
މަސްރޭހުގައި ބައިވެރިކުރެވޭނީ ހަމައެކަނި އާންމުކޮށް ފަރުމަހުގެ ގޮތުގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ނަނުއެއްލާގެން ބާނާ މަސް އެކަންޏެވެ. އެގޮތުން ބޯވަ، ބޯވާދިލަ، އިހި، ޑިނގާ، ކަޅުވެން ފަދަ ބާވަތްތަކާއި، ދައުއަޅާގެން ނުވަތަ ލޭނުއަޅާގެން ބާނާ މަހާއި، ސްޕޯޓްސް ފިޝިންގ (ޖިގިންގ އަދި ރީލްދޮށިން) ބާނާ މަހާއި، ވެހިމަހުގެ ބާވަތްތަކުގެ އިތުރުން ރާއްޖޭގެ ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ބޭނުން މަނާކޮށްފައިވާ އެއްވެސް މަހެއް މުބާރާތުގައި ބައިވެރިއެއް ނުކުރެވޭނެއެވެ. މަސް ކިރުމަށްފަހު އެ ޓީމަކުން ބޭނި މަސް އެ ޓީމަކަށް ލިބޭނެއެވެ.
މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ކަނޑައެޅިފައިވާއިރު، އެއްވަނަ ޓީމަށް 6,000 ރުފިޔާ އަދި ދެވަނަ ޓީމަށް 3,500 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ގިނަ މަސް ބާނާ ފަރާތަށާއި އެންމެ ބަރުމަސް ބާނާ ފަރާތަށްވެސް 500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަމަޖައްސާފައެވެ. ޖުމުލަ ބަރުދަނުން ދެ ޓީމު ނުވަތަ އެއަށްވުރެ ގިނަ ޓީމު އެއްވަރުވެއްޖެނަމަ، އެއްވަނަ ހޮވުމުގައި ބަލާނީ އަދަދުގެ ގޮތުން އެންމެ ގިނަ މަސް ބާނާ ޓީމަކަށެވެ. އެއިންވެސް އެއްވަރުވެއްޖެނަމަ، ޖުމުލަ ބަރުދަން ޓީމުގެ ޖުމުލަ މެންބަރުންގެ އަދަދުން ގެއްލުމަށްފަހު، ދެ ޑެސިމަލް ޕްލޭސްއަށް ރައުންޑް އޮފްކޮށް އެވްރެޖުން ކިލޯގެ ބަރުދަން އެންމެ މަތީ ޓީމަކަށް އެއްވަނަ ލިބޭނެއެވެ. ނަމަވެސް އެންމެ ބަރުމަސް ބޭނި ފަރާތް ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން އެއްވަރުވެއްޖެނަމަ އެ މަޤާމު އެއްވެސް ފަރާތަކަށް ނުލިބޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 2026 ޑިސެންބަރު 01 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ކައުންސިލުން އާންމުކޮށްފައިވާ ގޫގުލް ފޯމު ލިންކު މެދުވެރިކޮށް ހުށަހަޅަންޖެހޭއިރު، ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6500013 ނަންބަރު ފޯނާ ގުޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރު ބޭއްވި މަސްރޭހުގައި 11 ޓީމަކުން ވާދަކުރިއިރު، މުބާރާތުގެ އެއްވަނަ ހޯދީ 87.1 ކިލޯގެ މަސް ބާނައިގެން އިހަވަންދޫ ކައުންސިލްގެ ޓީމުންނެވެ. އެ މުބާރާތުގެ ދެވަނަ 65.220 ކިލޯގެ މަސް ބާނައިގެން އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ޓީމުން ހޯދިއިރު، އެންމެ ބަރުމަސް (15.9 ކިލޯ) ބޭނީ އީ މެކްސް ޓީމުގެ ޢަބްދުލް ޙަންނާނެވެ. އެ އަހަރު އެއްވަނަ ޓީމަށް 5,000 ރުފިޔާ، ދެވަނަ ޓީމަށް 2,000 ރުފިޔާ އަދި އެންމެ ބަރުމަސް ބޭނި ފަރާތަށް 500 ރުފިޔާގެ އިނާމު ދީފައިވެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް