ޚަބަރު

ޕޯލްސްޓަރގެ ފިޝަމެން ފުޓުސަލް ޓޯނަމެންޓު ފެށުން މާދަމާ

ހއ. އިހަވަންދޫ ކުލަބު ޕޯލްސްޓަރ އިން މަސްވެރިންނަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފިޝަމެން ފުޓުސަލް ޓޯނަމެންޓު މާދަމާ ހަވީރު ފަށާނެ ކަމަށް އެކުލަބުން ހާމަކޮށްފިއެވެ. ހއ. އިހަވަންދޫގެ މަސްވެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، އިހަވަންދޫގައި ހުނަރުވެރި ކުޅަދާނަ ފުޓުސަލް ކުޅުންތެރިން އުފެއްދުމުގެ އިތުރުން އިހަވަންދޫގެ މަސްވެރިންނަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މިމުބާރާތުގައި ޖުމުލަ 7 ދޯންޏަކުން 7 ޓީމު ބައިވެރިވެފައިވާ ކަމަށް ޕޯލްސްޓަރ އިން މައުލޫމާތު ދެއްވައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ:
  1. އަރާކުރި
  2. މާހޯރަ
  3. ފަހިރާސްތާ
  4. އަސްދާން
  5. އާރޯދި
  6. މާތިލަ
  7. މާވެހި
މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ފުޓުސަލް ދަނޑުގައެވެ. ޕޯލސްޓަރ އިން ހާމަކޮށްފައިވާގޮތުގައި މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ މާދަމާއިން ފެށިގެން މެއި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 5:00 ގައެވެ. ޕޯލްސްޓަރގެ ފިޝަމެން ފުޓުސަލް ޓޯނަމެންޓުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ހއ. އިހަވަންދޫގައި ކަނޑު މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ކުރުމަށް ރެޖިސްޓްރީކޮށްފައިވާ ދޯނިތަކުން އެދޯންޏަކުން މަހަށްދާތާ މަދުވެގެން 5 ހަފުތާވެފައިވާ ފަރާތްތަކުންނެވެ. ޕޯލްސްޓަރ ގެ ރައީސް އަލްފާޟިލް މުޙައްމަދު ސުޖާޢު އިހަވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ފުޓުސަލް މުބާރާތް މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެކުލަބުން ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. މިމުބާރާތުގެ ޗެމްޕިއަން، ރަނަރަޕް ޓީމާއި ތިންވަނަ އަދި ފެއަރޕުލޭ ޓީމަށް ފައިސާގެ އިނާމާއި ޓުރޮފީ ދިނުމަށް ހަމަޖެހިފައިވާ އިރު މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންވެސް ހޮވާނެ ކަމަށް ޕޯލްސްޓަރ އިން މައުލޫމާތު ދެއްވައެވެ. މިމުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 5:00 ގައި ބައްދަލުކުރާނީ އަރާކުރި އަދި މާހޯރަ އެވެ.
ޢަބުދުﷲ ޙަމީދު