އިހަވަންދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ލައިސަންސް ނެގުމުގެ ފުރުސަތު ހުޅުވާލައިފިވެ. އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދުގެ ދަށުން، އުމުރުން ދުވަސްވީ ފަރާތްތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ޚާއްސަ ލައިސަންސް ދޫކުރުމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 29 ވަނަ ދުވަހާއި ހަމަޔަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަމަށް އެދޭ ފޯމް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހެއެވެ. މިހިދުމަތަށް އެދެވޭނީ އުމުރުން 60 އަހަރު ފުރިފައިވާ އިސްރަށްވެހިންނަށެވެ. އަދި މި ލައިސަންސްގެ ދަށުން ދުއްވޭނީ 60 ސީސީ އިން ދަށުގެ އޮޓޯ އަދި މޮޓޯ ސައިކަލުގެ އިތުރުން ރަށު ޕިކަޕު ފަދަ އުޅަނދުތަކެވެ.
ދިހަ އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރާ މި ލައިސަންސްގެ ދަށުން އުޅަނދު ދުއްވުމުގެ ހުއްދަ ލިބިގެންވަނީ ހަމައެކަނި އިހަވަންދޫގައެވެ. މި ޚިދުމަތުގެ ފީއެއްގެ ގޮތުގައި 250 ރުފިޔާ ނަގާއިރު، ލައިސަންސް ދޫކުރާނީ މިކަމަށްޓަކައި ހާއްސަކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށްކަމަށް ކައުންސިލްގެ އެކަމާއި ގުޅިގެން ކޮށްފައިވާ އިއުލާނުގައިވެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ރަސްމީ ގަޑީގައި ކައުންސިލަށް ގުޅައިގެން ސާފުކުރެވޭނެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް