މިޔަންމާގެ ރޮހިންޔާ މުސްލިމް ދަރިކޮޅު ނައްތާލުމަށް، އެ ޤައުމުން ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި، އދ. ގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ތާރީޚީ ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕީސް ޕެލެސްގައި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 (ރާއްޖެ ގަޑިން މިއަދު 14:00) ގައި ހުކުމް އިއްވަން ފަށާއިރު، މި އަޑުއެހުން ގާތްގަނޑަކަށް 90 މިނެޓަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. "ދަ ގެމްބިއާ ވީ. މިޔަންމާ" ގެ ނަމުގައި ކުރިއަށްދާ މި މައްސަލައަކީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާއިން ޚިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
މި ތާރީޚީ މައްސަލައަކީ، އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ އެހީތެރިކަމާއެކު ހުޅަނގު އެފްރިކާގެ މުސްލިމް އަޣުލަބިއްޔަތު އޮންނަ ޤައުމެއް ކަމަށްވާ ގެމްބިއާއިން 2019 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ހުށަހެޅި މައްސަލައެކެވެ. ޖިއޮގްރަފީ ގޮތުން މިޔަންމާއާ ކިތަންމެ ދުރުގައި އޮތް ނަމަވެސް، ޖެނޮސައިޑް ކޮންވެންޝަނުގައި ސޮއިކޮށްފައިވާ ކޮންމެ ޤައުމަކަށްވެސް ނަސްލު ނައްތާލުން ހުއްޓުވައި އަދަބުދިނުމުގެ ޤާނޫނީ ޒިންމާ އޮންނާތީ ގެމްބިއާއިން މި މައްސަލަ ކޯޓަށް ވެއްދީއެވެ. މި މައްސަލައިގައި ގެމްބިއާއިން ބުނެފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު މިޔަންމާގެ ސިފައިން ރަކީން ސްޓޭޓްގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި 730،000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކުރަން މަޖުބޫރުކުރުވައި، ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށެވެ.
މިޔަންމާގެ ހުޅަނގުގައި އޮންނަ ރަކީން ސްޓޭޓަށް ނިސްބަތްވާ ރޮހިންޔާ މުސްލިމުންނަކީ އެތައް އަހަރެއް ވަންދެން ރައްވެހިކަމާއި، ދަތުރުފަތުރު ކުރުމާއި، ތަޢުލީމާއި ސިއްހީ ޚިދުމަތްތަކުން މަހުރޫމްކޮށްފައިވާ ބައެކެވެ. 2017 ވަނަ އަހަރުގެ އަސްކަރީ އޮޕަރޭޝަނުން ސަލާމަތްވި މީހުން ކިޔައިދީފައިވާ ގޮތުގައި، މިޔަންމާ ސިފައިން ވަނީ އެތައް ބަޔަކު މަރައި، އަންހެނުންގެ އިއްފަތް ފޭރި، މުޅި އަވަށްތައް އެއްކޮށް އަންދާލާފައެވެ. އަދި އދ. ގެ ފެކްޓް ފައިންޑިންގ މިޝަނަކުން ވެސް ވަނީ މިޔަންމާ ސިފައިންގެ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ނިންމާފައެވެ. ނަމަވެސް މިޔަންމާއިން މި ތުހުމަތުތައް ދޮގުކޮށް ބުނަމުން އަންނަނީ، އެއީ ހަތިޔާރުއެޅި ޖަމާއަތްތަކުން ދިން ހަމަލާތަކަކަށް ދިން ޤާނޫނީ ރައްދެއް ކަމަށާއި، ރޮހިންޔާ ނަސްލު ނައްތާލުމުގެ އެއްވެސް ނިޔަތެއް އޮތްކަން ސާބިތުކޮށްދޭނެ ސީދާ ހެއްކެއް ނެތް ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހު އައިސީޖޭއިން ވަނީ ރޮހިންޔާއިންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވައި ހެކިތައް ރައްކާތެރިކުރުމަށް މިޔަންމާގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ. އަދި 2022 ވަނަ އަހަރުގެ ޖުލައި މަހު މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމަށްފަހު، 2023 އިން 2025 އަށް ދެފަރާތުން ވަނީ ލިޔުމުން ހެކިތަކާއި ވަކާލާތުތައް ހުށަހަޅާފައެވެ. އަދި މި އަހަރުގެ ޖެނުއަރީ 12 އިން 29 އަށް ބޭއްވި އެންމެ ފަހުގެ އަޑުއެހުންތަކުގައި ދެފަރާތުގެ ހެކިބަހާއި ތަޖުރިބާކާރުންގެ ބަސް އަޑުއެހުމަށްފަހު، މިއަދު މި އިއްވަނީ މި މައްސަލައިގެ އެންމެ ފަހުގެ ހުކުމެވެ.
މި މައްސަލައަކީ ދިވެހިރާއްޖެއަށް ވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ލިބިގެންވާ މައްސަލައެކެވެ. އެގޮތުން އައިސީޖޭގެ ސްޓެޓިއުޓްގެ 63 ވަނަ މާއްދާގެ ދަށުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިވެހިރާއްޖެއިން ވަނީ މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވެފައެވެ. މައްސަލަ ހުށަހެޅި މައިގަނޑު ފަރާތަކީ ގެމްބިއާ ކަމުގައި ވީނަމަވެސް، ޖެނޮސައިޑް ކޮންވެންޝަންގެ މާއްދާތައް މާނަކުރުމުގައި ރާއްޖޭގެ ޤާނޫނީ ވިސްނުން ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ރާއްޖެއަށް ލިބުނެވެ. ރާއްޖޭގެ އިތުރުން ކެނެޑާ، ޑެންމާކް، ފްރާންސް، ޖަރުމަނު، ނެދަލެންޑްސް، އިނގިރޭސިވިލާތް، ސްލޮވީނިއާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ބެލްޖިއަމް އަދި އަޔަލެންޑުން ވެސް ވަނީ މި މައްސަލައިގައި ބައިވެރިވެ ޤާނޫނީ ވަކާލާތު ހުށަހަޅާފައެވެ.
މިއަދު އިއްވާ ހުކުމުގައި ތިން ގޮތަކަށް ނިންމުން އައުމުގެ ފުރުޞަތު އެބައޮތެވެ. އެއީ މިޔަންމާއިން ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގިކަން ސާބިތުވުން، ނުވަތަ ނަސްލު ނައްތާލުމުގެ ކުށް ސާބިތުނުވި ނަމަވެސް ޖެނޮސައިޑް ކޮންވެންޝަންގެ ބައެއް އިލްތިޒާމްތަކާ ޚިލާފުވި ކަމަށް ކަނޑައެޅުން، ނުވަތަ ހުށަހެޅިފައިވާ ހެކިތަކުން ކުށް ސާބިތުނުވާ ކަމަށް ނިންމުމެވެ. މިޔަންމާއާ ދެކޮޅަށް ހުކުމް އަތުވެއްޖެނަމަ، މިއީ ދައުލަތަކުން ނަސްލު ނައްތާލުމުގެ ޖަރީމާއެއް ހިންގި ކަމަށް ބައިނަލްއަޤްވާމީ ކޯޓަކުން ކަނޑައަޅާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. މީގެކުރިން 2007 ވަނަ އަހަރު ބޮސްނިއާގެ ސްރެބްރެނިކާ ގަތުލުއާންމުގެ މައްސަލައިގައި އައިސީޖޭއިން ނިންމާފައިވަނީ އެ ހާދިސާ ހުއްޓުވުމުގައި ސާބިއާ ފެއިލްވި ނަމަވެސް، ސީދާ އެ ޖަރީމާ ހިންގާފައި ނުވާ ކަމަށެވެ.
މި މައްސަލައިގެ ހުކުމަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލަ ފަދަ އެހެން މައްސަލަތަކަށް ވެސް ބޮޑު ނުފޫޒެއް ފޯރުވާނެ ނިންމުމެކެވެ. އައިސީޖޭއަކީ ދައުލަތްތަކުގެ މެދުގައި ޖެހޭ މައްސަލަތައް ބަލާ ކޯޓަކަށް ވާތީ، މި ހުކުމުން މިޔަންމާގެ ވަކިވަކި އަސްކަރީ ވެރިން ޖަލަށްލުމުގެ އަމުރެއް ނުނެރެވޭނެއެވެ. އެފަދަ ފަރުދީ ދަޢުވާތައް ކުރަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައެވެ. ނަމަވެސް އައިސީޖޭގެ ނިންމުމަކީ އިސްތިއުނާފު ނުކުރެވޭނެ އެންމެ ފަހުގެ ހުކުމަކަށް ވާއިރު، މިޔަންމާއިން މި ހުކުމަށް އަމަލުނުކޮށްފިނަމަ، މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުގެ އިޚްތިޔާރު ގެމްބިއާއަށް ލިބިގެންވެއެވެ. ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ކޭމްޕުތަކުގައި ތިބި 1.2 މިލިއަނެއްހާ ރޮހިންޔާ ރައްޔިތުންނާއި، މިޔަންމާގައި އަދިވެސް އަސާސީ ހައްގުތަކުން މަހުރޫމްވެފައި ތިބި 550،000 އެއްހާ ރޮހިންޔާއިން އިންތިޒާރު ކުރަމުންދަނީ މި ހުކުމުން އެމީހުންނަށް އިންސާފާއި ރައްކާތެރިކަމާއެކު އެނބުރި ވަޒަނަށް ދެވޭނެ މަގެއް ފަހިވެގެންދާނެ ކަމަށެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް