އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލުމަށްޓަކައި، އެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އިހަވަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، "ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލާ ހިންގާނެ ގޮތުގެ އުޞޫލް" އާ އެއްގޮތަށް ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނީ މިހިނގާ ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލާ ހިންގާނެ ގޮތުގެ އުޞޫލު އިހަވަންދޫ ކައުންސިލުން ފާސްކޮށްފައިވަނީ މި ދައުރުގެ 20 ވަނަ ޢާންމު ޖަލްސާގައެވެ. އެ ބޯޑު އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ނިންމުންތަކުގައާއި ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މީގެއިތުރުން، ޒުވާނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ކައުންސިލް މެދުވެރިކޮށް ޙައްލު ހޯދައިދިނުމާއި، ޒުވާނުންގެ ލީޑަޝިޕް ހުނަރުތައް ތަރައްޤީކޮށް މުޖުތަމަޢަށް ފައިދާހުރި ހަރަކާތްތަކެއް ހިންގުމަކީވެސް މި ބޯޑުގެ މުހިންމު މަޤްޞަދެކެވެ.
ފާސްކޮށްފައިވާ އުޞޫލުގައިވާ ގޮތުން، ޖުމްލަ 11 މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ރައީސަކީ ކައުންސިލްގެ ރައީސެވެ. އަދި ބޯޑުގެ ނައިބު ރައީސް ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ބޯޑުގައި ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކުން 2 މެންބަރުން ތިއްބަވާއިރު، ރަށުގެ ޒުވާނުންގެ ތެރެއިން ހޮވާލެވޭ ފިރިހެން 4 މެންބަރުންނާއި އަންހެން 4 މެންބަރުން ތިއްބަވާނެއެވެ. މި ބޯޑަށް މެންބަރުން ޢައްޔަންކުރާނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
ކައުންސިލުން ޢާންމުކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ:
- ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނަކަށް ވުން.
- އިހަވަންދޫގައި ދިރިއުޅޭ މީހަކަށް ނުވަތަ އެ ރަށުގެ ރަށްވެއްސަކަށް ވުން.
- ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ކައުންސިލްގެ މެންބަރަކަށް ނުވަތަ ކައުންސިލްގެ ދާއިމީ މުވައްޒަފަކަށް ނުވުން.
- އެއްވެސް އުޖޫރައެއް ނުވަތަ އަގަކާ ނުލައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތަކަށް ވުން.
އިހަވަންދޫ ކައުންސިލުން، މި ޝަރުޠުތައް ފުރިހަމަވާ، ބޯޑުގެ މެންބަރުކަމަށް ޝައުޤުވެރިވާ ޒުވާނުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ފޯމު ހުށަހެޅުމަށް އެދެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް