Banner Image Description

އިބޫއަށް މަރުހަބާކިޔަން ނުކުތް އަޙްސަން ތ. ބުރުންޏަށް

މުޙައްމަދު އަކުރަމް

އިހަވަންދޫއަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ކުރެއްވި ދަތުރުގައި އެމަނިކުފާނަށް މަރުހަބާ ކިޔަންނުކުމެ، އިބޫއަށް ތާއީދުކުރާކަން ހާމަކުރި  އިހަވަންދޫ ފެނަކަ ބްރާންޗްގެ ޓެކްނީޝަން ހަސަން އަޙްސަންގެ ވަޒީފާ ތ. ބުރުނީއަށް ބަދަލުކޮށްފިއެވެ. އަޙްސަނަށް އޭނާ ވަޒީފާ އަދާކުރަމުންދާތަން ބަދަލުވިކަން އަންގައި ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުންފެށިގެން އޭނާ ވަޒީފާއަށް ނުކުންނަންޖެހޭނީ ތ. ބުރުނީ ފެނަކަ ބްރާންޗަށް ކަމަށެވެ.

މިމަހުގެ 5 ވަނަދުވަހު އިބޫ އިހަވަންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު އިބޫއަށް މަރުހަބާ ދެންނެވިއެވެ. އަދި އިހަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށްބޭއްވި ރަސްމިއްޔާތުގައި، ކުރިން ސަރުކާރަށް ތާއީދުކުރި ބައެއްފަރާތްތަކުންވަނީ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިފާފައެވެ.

ސަރުކާރު ކުންފުނިތަކުގައި ތިބޭ މުވައްޒަފުން އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާކަން ހާމަ ކުރުމުން މީގެ ކުރިން ވެސް އެފަދަ ފިޔަވަޅުތައް އެކި ކުންފުނިތަކުން އަޅާފައިވެއެވެ.

24 އަހަރުގެ އަޙްސަން އަކީ މިނޫހުން ގެނެސްދޭ “އެމީހުންގެ ހުނަރު” ސެގްމެންޓްގައި ވަރަށްފަހުން ފީޗަރ ކޮށްފައިވާ ހުނަރުވެރި ޒުވާނެކެވެ.