އަރާވިލާއިން ވައްކަންކުރި މައްސަލާގައި 2 ދިވެހިން ހައްޔަރުކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ އަރާވިލާ ތެޔޮފިހާރައިން ވައްކަން ކުރި މައްސަލާގައި 2 ދިވެހިން ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު އިހަވަންދޫ އަރާވިލާ ތެޔޮފިހާރަ ފަޅާލައި އެތަނުން 75000 ރުފިޔާ  ވަގަށް ނަގާފައިވާ ކަމަށެވެ. މިމައްސަލާގައި ރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން ދެ މީހުން ހައްޔަރު ކޮށްފައެވެ. އެއީ 24 އަހަރާއި 17 އަހަރުގެ ދެ ފިރިހެނުންނެވެ.

އަރާވިލާ ތެޔޮ ފިހާރާގެ ވެރިޔާ ހަސަން މުޙައްމަދު ހޯމަދުވަހު މިނޫހަށް މައުލޫމާތު ދެއްވި ގޮތުގައި ތެޔޮ ބަނޑަހަ ފަޅާލައި އެތަނުން ވަނީ އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ވަގަށް ނަގާފައެވެ.

ތެޔޮބަނޑަހަ ތެރެއަށް ވަދެފައި ވަނީ އެތަނުގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ. މިނޫހަށް އެނގިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައި ދެމީހުންނަކީ އިހަވަންދޫގެ ދެމީހުންނެވެ.