ރާއްޖޭގެ އިގުތިސާދުގައި ޑޮލަރު ލިބުމުގެ ދަތިކަން ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، އެ އަގުތައް ރިޕޯޓުކުރާ ނޫސްތައް ޖޫރިމަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވިސްނަމުންދާކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. އިގުތިސާދީ އިލްމުގެ ނަޒަރުން ބަލާއިރު، މިފަދަ "އޮތޯރިޓޭރިއަން" ނުވަތަ މަޖުބޫރީ ސިޔާސަތުތަކަކީ ކުރު މުއްދަތެއްގައި ބިރުވެރިކަމުން ހަންމަތަކުރެވުނު ނަމަވެސް، ދިގު މުއްދަތުގައި މާލީ މައްސަލަތަކަށް އޮތް ހަގީގީ ހައްލެއް ނޫނެވެ.
ފައިސާގެ އަގު ކަނޑައެޅުމުގެ އެންމެ އަސާސީ ގާނޫނަކީ ސަޕްލައި އާއި ޑިމާންޑެވެ. ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއްގައި ޑޮލަރަށް އޮންނަ ޑިމާންޑު އަބަދުވެސް ބޮޑެވެ.
- ސަޕްލައި ދަށްވުން: ރަސްމީ ނިޒާމުގެ ތެރެއިން ބޭންކުތަކުން ޑޮލަރު ލިބެން ނެތުމުން، ވިޔަފާރިތަކަށް މަޖުބޫރުވަނީ ނުރަސްމީ މާކެޓަށް ބަރޯސާވާށެވެ.
- މައުލޫމާތު ފޮރުވުން: ނޫސްތަކުން ކަޅު ބާޒާރުގެ އަގުތައް ހާމަކުރުން މަނާކުރުމަކީ ޑޮލަރުގެ ސަޕްލައި އިތުރުވާނެ ކަމެއް ނޫނެވެ. އޭގެ ސަބަބުން މާކެޓުގެ ދެފުށްފެންނަ ގޮތް ގެއްލި، ޑޮލަރު ވިއްކާ ފަރާތްތަކަށް އޮޅުވާލައިގެން އަގު އިތުރަށް ބޮޑުކުރުމުގެ ފުރުސަތު ހުޅުވެއެވެ.
- އަގު ކޮންޓްރޯލް ކުރުން: ބާޒާރުގައި ޑޮލަރު ނެތް ހާލަތެއްގައި، ގަދަކަމުން ރަސްމީ ރޭޓެއް ހިފެހެއްޓުމަކީ ކަޅު ބާޒާރު އިތުރަށް ފުޅާވާ ކަމެކެވެ.
މިއީ ހަމައެކަނި ދިވެހިރާއްޖެއަށް ދިމާވި ހާލަތެއް ނޫނެވެ. ދުނިޔޭގެ އެތައްޤައުމަކަށް މިނުރައްކާ ކުރިމަތިވެ އެތައް ތަޖްރުބާއެއް ކޮށްފިއެވެ. އޮތޯރިޓޭރިއަން ނުވަތަ މަޖުބޫރީ ފިޔަވަޅުތަކުގެ ޒަރީއާއިން ފައިސާގެ އަގު ހިފެހެއްޓުމާއި، ކަޅު ބާޒާރުގެ މައުލޫމާތު ފޮރުވަން މަސައްކަތްކުރުމަކީ ތާރީޚުގައި ވަރަށް ގިނަ ގައުމުތަކުން ކޮށްފައިވާ ކަމެކެވެ. ނަމަވެސް އިގުތިސާދީ އިލްމާއި ތާރީޚު ހެކިދޭގޮތުގައި، މިފަދަ ކޮންމެ ފަހަރަކު އޭގެ ނަތީޖާ ނުކުމެފައިވަނީ އިންތިހާއަށް ގޯސްކޮށެވެ.
ތިރީގައި މިވަނީ ތާރީޚުން ފެންނަން ހުރި ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކުގެ ތަފްސީލެވެ.
1. ވެނެޒުއޭލާ (2003 އިން ފެށިގެން މިއަދާ ހަމައަށް)
ވެނެޒުއޭލާއަކީ ޑޮލަރުގެ އަގު ފޮރުވަން އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެއް ގައުމެވެ.
-
ހިނގި ގޮތް: 2003 ވަނަ އަހަރު ރައީސް ހޫގޯ ޗާވޭޒްގެ ސަރުކާރުން ބޭރު ފައިސާ ކޮންޓްރޯލް ކުރުމަށްޓަކައި ޑޮލަރުގެ ރަސްމީ އަގެއް ކަނޑައެޅިއެވެ. މިކަމުގެ ސަބަބުން ކަޅު ބާޒާރެއް އުފެދި، ޑޮލަރުގެ އަގު އިންތިހާއަށް އުފުލެން ފެށިއެވެ.
-
އެޅި ފިޔަވަޅުތައް: ކަޅު ބާޒާރުގެ އަގުތައް އާންމުކުރާ "ޑޮލަރޓުޑޭ" (DolarToday) ފަދަ ވެބްސައިޓުތައް ސަރުކާރުން ބްލޮކްކުރިއެވެ. އަދި ނުރަސްމީ ރޭޓުތައް މީޑިއާގައި ރިޕޯޓުކުރުން ގާނޫނުން މަނާކޮށް، އެފަދަ މައުލޫމާތު ފަތުރާ ނޫސްވެރިންނާއި ވިޔަފާރިވެރިން ހައްޔަރުކޮށް ޖަލަށް ލިއެވެ.
-
ނަތީޖާ: މައުލޫމާތު ފޮރުވުމުން ޑޮލަރުގެ ސަޕްލައިއެއް އިތުރެއް ނުވިއެވެ. އޭގެ ބަދަލުގައި އިންވެސްޓަރުންގެ އިތުބާރު ގެއްލި، ބޮޑު ހައިޕަރ-އިންފްލޭޝަނަކަށް ގައުމު ވެއްޓުނެވެ. ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ސާމާނު ނުލިބި، ގައުމުގެ އިގުތިސާދު އެއްކޮށް ފުނޑުފުނޑުވެގެން ދިޔައެވެ.
2. އާޖެންޓީނާ (2011 އިން 2015 އަށް)
އާޖެންޓީނާއަކީ ސަރުކާރުން ގަދަބާރުން ޑޮލަރު ކޮންޓްރޯލްކުރަން އުޅެ، ނާކާމިޔާބުވި ކްލެސިކް މިސާލެކެވެ.
-
ހިނގި ގޮތް: 2011 ވަނަ އަހަރު ރައީސް ކްރިސްޓީނާ ފަރނާންޑޭޒްގެ ސަރުކާރުން "ސެޕޯ ކެމްބިއާރިއޯ" (Cepo cambiario) ގެ ނަމުގައި ޑޮލަރު ގަތުން ލިމިޓުކޮށް، ހަރުކަށި ކޮންޓްރޯލްތަކެއް ތައާރަފުކުރިއެވެ.
-
އެޅި ފިޔަވަޅުތައް: ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ވިއްކާ ކަޅު ބާޒާރުގެ ރޭޓަށް ދިން ނަމަކީ "ޑޮލަރ ބްލޫ" އެވެ. ސަރުކާރުން ވަނީ މީޑިއާތަކަށް ބިރުދައްކައި، މި ނަން ބޭނުންކުރުމާއި ކަޅު ބާޒާރުގެ އަގުތައް ޝާއިއުކުރުން ހުއްޓުވަން މަސައްކަތްކޮށްފައެވެ. އަދި ޑޮލަރު މާރުކުރާ ނުރަސްމީ ތަންތަނަށް ފުލުހުން ވަދެ ރޭޑުކުރިއެވެ.
-
ނަތީޖާ: މީޑިއާތަކަށް ފިއްތުންތައް ކުރިމަތިކުރި ނަމަވެސް، އާންމު ރައްޔިތުންނާއި ވިޔަފާރިތަކުން މުއާމަލާތްކުރަމުން ދިޔައީ "ޑޮލަރ ބްލޫ" ރޭޓުގައެވެ. ރަސްމީ ރޭޓަކީ ހަމައެކަނި ސަރުކާރުގެ ކަރުދާހުގައި އޮތް އެއްޗަކަށްވިއެވެ. ބޭރުގެ އިންވެސްޓްމަންޓްތައް ހުއްޓި، އިގުތިސާދީ ދުވެލި މަޑުޖެހުނެވެ.
3. ޒިމްބާބުވޭ (2007 އިން 2008 އަށް)
ޒިމްބާބުވޭގެ މިސާލަކީ ހަގީގަތާ ކުރިމަތިލުމުގެ ބަދަލުގައި، އެ ހަގީގަތް ގެނެސްދޭ މީހުންނަށް އަދަބު ދިނުމުން ވާނެގޮތް ވަރަށް ސާފުކޮށް ދައްކައިދޭ މިސާލެކެވެ.
-
ހިނގި ގޮތް: މާލީ މައްސަލަތަކާ ހުރެ ޒިމްބާބުވޭ ޑޮލަރުގެ އަގު ވެއްޓެން ފެށުމުން، ސެންޓްރަލް ބޭންކުން ވަނީ ރަސްމީ ރޭޓެއް ކަނޑައަޅައި، އެއަށްވުރެ ބޮޑުކޮށް މުއާމަލާތްކުރުން މަނާކޮށްފައެވެ.
-
އެޅި ފިޔަވަޅުތައް: ސަރުކާރުން ކަނޑައެޅި ރޭޓަށްވުރެ ބޮޑުކޮށް މުދާ ވިއްކާ ވިޔަފާރިވެރިންނާއި، ކަޅު ބާޒާރުގެ ރޭޓުތައް ރިޕޯޓުކުރާ ނޫސްވެރިން ހައްޔަރުކުރަން ފެށިއެވެ. ސަރުކާރުން އަމުރުކުރީ ހުރިހާ ފިހާރަތަކަކުންވެސް ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ތަކެތި ވިއްކުމަށެވެ.
-
ނަތީޖާ: އަގުތައް ގަދަކަމުން ތިރިކުރަން އެންގުމުން، ފިހާރަތަކުގެ ހަރުގަނޑުތަކުން މުދާ ހުސްވިއެވެ. އެތެރެކުރާނެ ފައިސާ ނެތުމުންނާއި ގެއްލުމުގައި ވިއްކަން މަޖުބޫރުވުމުން ވިޔަފާރިތައް ބަނގުރޫޓުވިއެވެ. އެންމެ ފަހުން ޒިމްބާބުވޭގެ އަމިއްލަ ފައިސާ އެއްކޮށް އުވާލައި، ބޭރު ފައިސާ ބޭނުންކުރަން މަޖުބޫރުވިއެވެ.
4. ލުބުނާން (2019 އިން ފެށިގެން މިއަދާ ހަމައަށް)
މިއީ ވަރަށް ފަހުގެ ތާރީޚެއްގައި ހިނގަމުންދާ ކަމެކެވެ.
-
ހިނގި ގޮތް: 2019 ވަނަ އަހަރު ލުބުނާނުގެ އިގުތިސާދީ ކާރިސާ ފެށުމާއެކު، އެގައުމުގެ ފައިސާ (ލީރާ) ގެ އަގު ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ވެއްޓުނެވެ.
-
އެޅި ފިޔަވަޅުތައް: ސެންޓްރަލް ބޭންކުން ރަސްމީ ރޭޓު ހިފެހެއްޓުމަށް މަސައްކަތްކުރިއެވެ. ކަޅު ބާޒާރުގެ ރޭޓުތައް ދައްކައިދޭ މޯބައިލް އެޕްލިކޭޝަންތަކާއި ވެބްސައިޓުތައް ބްލޮކްކުރަން ސަރުކާރުން މަސައްކަތްކުރިއެވެ. އަދި މަގުމަތީގައި ޑޮލަރު މާރުކުރާ އެތައް ބަޔަކު ހައްޔަރުކުރިއެވެ.
-
ނަތީޖާ: އެޕްލިކޭޝަންތައް ބްލޮކްކުރި ވަރަކަށް، ވީޕީއެން މެދުވެރިކޮށް ނުވަތަ އެހެން ނަންނަމުގައި އާ އެޕްލިކޭޝަންތައް އުފެދުނެވެ. ސަރުކާރުގެ ހަރުކަށި ފިޔަވަޅުތަކާއެކުވެސް ލީރާގެ އަގު ވަނީ 90 އިންސައްތައަށްވުރެ ބޮޑަށް ވެއްޓިފައެވެ.
މި ހުރިހާ ހާދިސާތަކަކުންވެސް ސާބިތުކޮށްދޭ އެއް ހަގީގަތެއް އެބައޮތެވެ. އެއީ، އިގުތިސާދީ އަސާސްތަކާ ޚިލާފަށް، ބާރުގެ ބޭނުންކޮށްގެން މާކެޓުގެ ހަގީގަތް ފޮރުވަން މަސައްކަތްކުރުމަކީ ކާމިޔާބުވާނެ ކަމެއް ނޫން ކަމެވެ. ނޫސްތައް ޖޫރިމަނާކުރުމާއި މައުލޫމާތު ފޮރުވުމަކީ މައްސަލައިގެ އަސްލަށް އޮތް ފަރުވާއެއް ނޫނެވެ.
އަގުތައް ރިޕޯޓުކުރުން ހުއްޓުވައި، ހަގީގަތް ފޮރުވަން މަސައްކަތް ކުރުމަކީ ބޭރުގެ އިންވެސްޓަރުންނާއި މާލީ އިދާރާތަކުން ގައުމާމެދު ދެކޭ ގޮތް ވަރަށް ބޮޑަށް ގޯސްވާނެ ކަމެކެވެ. އިގުތިސާދެއް ކުރިއަރާނީ ސައްހަ މައުލޫމާތާއި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިންނެވެ. މައުލޫމާތު ހިފެހެއްޓުމަކީ ނުރަސްމީ މާކެޓުގެ ޓްރާންސެކްޝަން ކޯސްޓް ބޮޑުވެ، އާންމު ރައްޔިތުންނަށް އޭގެ ބުރަ އުފުލަންޖެހޭނެ ކަމެކެވެ.
ހަގީގީ ހައްލަކީ ކޮބާ؟
އޮތޯރިޓޭރިއަން ފިޔަވަޅުތަކުގެ ބަދަލުގައި، ރާއްޖޭގެ ޑޮލަރުގެ މައްސަލައަށް އޮތީ މާކެޓަށް ބިނާވެފައިވާ އިގުތިސާދީ ފަރުވާއެކެވެ.
-
ދައުލަތުގެ ޚަރަދު ކުޑަކުރުން: ބަޖެޓު ޑެފިސިޓް ކުޑަކޮށް، ރުފިޔާގެ ސަޕްލައި އިތުރުވާ މިންވަރު ކޮންޓްރޯލް ކުރުން.
-
ޑޮލަރު ވަންނަ ނިޒާމު ހަރުދަނާކުރުން: ޓޫރިޒަމުން ލިބޭ އާމްދަނީ ރާއްޖޭގެ ރަސްމީ ބޭންކިންގ ނިޒާމުގެ ތެރޭގައި ދައުރުވާނެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުން.
ޚުލާސާކޮށް ބުނާނަމަ، ބަލިމީހާގެ ހުން އައިސްފައި ހުރި މިންވަރު ބަލާ ތާމޯމީޓަރު ތަޅާލުމަކީ ހުން މަޑުވާނެ ކަމެއް ނޫނެވެ. ހަމައެފަދައިން ކަޅު ބާޒާރުގެ އަގުތައް ހާމަކުރުން މަނާކުރުމަކީ ޑޮލަރުގެ މައްސަލައަށް އޮތް ހައްލެއް ނޫނެވެ.
އާދަމް ވަޖީހްއަކީ ވިޔަފާރީގެ ދާއިރާގައި 15 އަހަރަށްވުރެ ދިގުމުދަތެއްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު މަސައްކަތްކުރައްވަނީ ރާއްޖޭގެ ބޮޑު ރިސޯޓެއްގެ ޕާޗޭސް މެނޭޖަރުގެ މަޤާމުގައެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް