އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2026" ގެ ފެށުން ފާހަގަކުރުމުގެ ގޮތުން މިރޭ ކުޅުނު ޚާއްޞަ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށް، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެންވީކޭ އިން ޝީލްޑް އުފުއްލާލައިފިއެވެ.
މި މުބާރާތުގެ ކުލަގަދަ ފެށުމުގެ ރަސްމިއްޔާތަށްފަހު މިރޭ ކުޅުނު ފޯރިގަދަ ޗެރިޓީ މެޗުގައި އެންވީކޭ އިން ޝީލްޑް ކަށަވަރުކުރީ 4-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ އިހަވަންދޫގައި ބޭއްވުނު މިފަދަ ފުޓްސަލް މުބާރާތެއްގެ ތެރެއިން ޗެރިޓީ މެޗެއް ކުޅުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އިމަގު ޖަމިއްޔާއިން ހޯސްޓްކުރާ މިއަހަރުގެ މުބާރާތް މުޅި ހއ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ނަމަވެސް، މުބާރާތުގައި ވާދަކުރަނީ އިހަވަންދޫއަށް ނިސްބަތްވާ 6 ޓީމެކެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތާއި، މި މުބާރާތް 5 ފަހަރު ކާމިޔާބުކޮށް ރެކޯޑް ހަދާފައިވާ އެންވީކޭގެ އިތުރުން ޕެރިސް އެފްސީ، ސެންސިޓީ، ސެންސިޓީ ފޭންސް އަދި މިސްކިތްމަގު ސްޕޯރޓްސް ކްލަބެވެ. މިއީ އެންމެ ފަހުން ބޭއްވި މުބާރާތުގައި ވާދަކުރި 4 ޓީމާ އަޅާބަލާއިރު އިތުރުވުމެކެވެ.
މި މުބާރާތުގެ ފޯރިގަދަ މެޗުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ. އެގޮތުން މާދަމާ ހަވީރު 16:15 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެންސިޓީ އަދި ޕެރިސް އެފްސީއެވެ. އަދި މާދަމާރޭ ކުޅޭ ފުރަތަމަ މެޗުގައި ޔުނައިޓެޑް ޔޫތް ނުކުންނާނީ ސެންސިޓީ ފޭންސްއާ ދެކޮޅަށެވެ. މާދަމާރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ އެންވީކޭ އަދި މިސްކިއްމަގު ސްޕޯރޓްސް ކްލަބެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް