މައި ކަޕް 2019: މުބާރާތުގެ އެންމެ ކާމިޔާބު ޓީމާއި ކޯޗު

އިބްރާހިމް ނަޝީދު

ރައްޔިތުންގެ މަޖިލިސްގެ އިހަވަންދޫ ދާއިރާގެ ކުރީގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބްދުﷲގެ އެހީތެރިކަމާއެކު 2007 ވަނަ އަހަރުން ފެށިގެން ބާއްވަމުންއަންނަ މައި ކަޕް ފުޓްބޯޅަ މުބާރާތަކީ އެ މުބާރާތަކަށް ގިނަ ޒުވާނުންތަކެއް އިންތިޒާރުކުރާ ފޯރިގަދަ މުބާރާތެކެވެ.

ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންގެ މޮޅު ކުޅުން ހަމަލޮލުން ބަލައިލުމުގެ ފުރުޞަތު އިހަވަންދޫގެ ރައްޔިތުންނަށް ލިބުމުގެ އިތުރުން މާލީގޮތުންވެސް ބޮޑު މަންފާއެއް އިހަވަންދޫއަށް ލިބޭ މައި ކަޕް ފުޓްބޯޅަ މުބާރާތުގެ 13 ވަނަ ފައިނަލް މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކާއި ކޯޗުންގެ މައުލޫމާތަކީ ޝައުޤުވެރިވާނެ މައުލޫމާތެއްކަމަށްދެކި އެކި ގޮތްގޮތުން އެއްކުރެވުނު މަޢުލޫމާތު އިހަވަންދޫ ޑޮޓް ކޮމްގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދެމެވެ.

މައި ކަޕް ފުޓްބޯޅަ މުބާރަތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމްތައް

މުބާރާތުގެ އެންމެ ކާމިޔާބު ތާރީޚެއް އޮތީ ކޮން ޓީމެއް؟

މައި ކަޕް ފުޓްބޯޅަ މުބާރާތް ފެށިގެންއައީ ހަމަ އެކަނި އިހަވަންދޫގެ ޓީމުތަކަށް ހުޅުވައިލައިގެންނެވެ. ނަމަވެސް މުބާރާތުގެ ހަތަރުވަނަ އަހަރު މުބާރާތް އިތުރަށް ފުޅާކޮށް ހއ އަތޮޅަށް ހުޅުވައިލެވުނެވެ. އެހިސާބުން މާރަންދޫއަށް ނިސްބަތްވާ ޓީމުތައް މުބާރާތުގައި ވާދަކުރަން ފެށިއެވެ. 2010 ވަނަ އަހަރު މުޅިން އަލަށް މުބާރާތުގައި ވާދަކޮށް މުބާރާތުގެ ތަށި އުފުލައިލީ މާރަންދޫ ޔޫތު ސޮސައިޓީއެވެ.

އިހަވަންދޫގައި މުބާރަތް ބާއްވަމުންދިޔަ ނަމަވެސް މުބާރާތުގެ އެންމެ ކާމިޔާބު ތާރީޚެއް އޮތީ މާރަންދޫގައެވެ. މާރަންދޫއަށް ނިސްބަތްވާ ޓީމުތަކުން މުބާރާތުގެ ތަށި 3 ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ. އެއީ 2010 އަދި 2018 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި މާރަންދޫ ޔޫތު ސޮސައިޓީއާއި 2014 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި މާރަންދޫ ޒުވާޏުންގެ ޖަމިއްޔާއެވެ. އަދި މުބާރާތުގެ 13 އަހަރުވީ ތާރީޚުގައި 7 ފަހަރު މާރަންދޫއަށް ނިސްބަތްވާ ޓީމެއް މުބާރާތުގެ ފައިނަލް ކުޅެފައިވާކަން ފާހަގަކުރެވެއެވެ.

ވަކިވަކި ޓީމުތަކަށް ބަލާއިރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމެއްގޮތުގައި ފާހަގަ ކުރެވެނީ އެންމެ ފަހުގެ ޗެމްޕިއަން މާރަންދޫ ޔޫތު ސޮސައިޓީ އާއި ޖަންގަލް އެވެ. މި ދެޓީމުން މުބާރާތުގެ 3 ފައިނަލުގައި ވާދަކޮށް ދެފަހަރުވަނީ ތަށި ނަގައިފައެވެ.

މާރަންދޫ ޔޫތު ސޮސައިޓީ މުބާރާތް ކާމިޔާބުކޮށްފައިވަނީ 2010 އަދި 2018 ވަނަ އަހަރެވެ. ޖަންގަލް މުބާރާތުގެ ތަށި ހޯދީ 2013 އަދި 2017 ވަނަ އަހަރެވެ. 2013 ވަނަ އަހަރު ޖަންގަލް މުބާރާތުގައި ވާދަކުރީ “ޖަންގަލް ޑާކު ޕޮއިންޓް”ގެ ނަމުގައެވެ. ނަމަވެސް އެޓީމުން ފަހުންވަނީ އެނަން “ޖަންގަލް” އަށް ރަސްމީކޮށް ބަދަލުކޮށްފައެވެ.

އެންވީކޭ އަކީވެސް މައި ކަޕް މުބާރާތުގެ ބާރުގަދަ ނަމެކެވެ. އެއްޓީމެއް އެންމެ ގިނަ ފައިނަލް ކުޅުނީ އެންވީކޭ އެވެ. ހަތަރު ފައިނަލްގައި ވާދަކޮށް އެޓީމަށް މުބާރާތް ކާމިޔާބު ކުރެވުނީ އެއްމެ ފަހަރުކުއެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ކޯޗަކީ؟

މައި ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗެއްގެ ގޮތުގައި ފާހަގަކުރެވެނީ 2008 ވަނަ އަހަރު ނިކަ ބިއްސާވެލި ޓީމުގެ ކޯޗެއްގެ ގޮތުގައި މުބާރާތާ ކުރިމަތިލި ހަމްޒާ އިބްރާހީމް އެވެ. ތަފާތު  ޓީމުތަކާއެކު ހަމްޒާވަނީ މައި ކަޕްގެ ތަށި 4 ފަހަރު އުފުލައިލައިފަ އެވެ.

އެއީ 2011 ވަނަ އަހަރު ދަނބުކުރި، 2012 ވަނަ އަހަރު އެންވީކޭ، 2015 ވަނަ އަހަރު ޔުނައިޓެޑް ޔޫތު އަދި 2016 ވަނަ އަހަރު ނިކަ ޓީމާއެކުއެވެ. ހަމްޒާއަށް މައިކަޕްގެ އެންމެ ނާކާމިޔާބު އަހަރެއް ގޮތުގައި ފާހަގަ ކުރެވެނީ 2017 ވަނަ އަހަރެވެ. އަރާދުވާ ޓީމާއެކު އެއަހަރު ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަނަމަވެސް 2018 އަދި 2019 ވަނަ އަހަރު ހަމްޒާވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ.

ހަމްޒާއާ އެންމެ ގާތުން ވާދަކުރާ ކޯޗުންނަށް މުބާރާތް ކާމިޔާބުކުރެވިފައިވަނީ 2 ފަހަރު އެވެ. އެއީ 2007 އަދި 2008 ވަނަ އަހަރު އެމްޕީ3 އަދި ޕީއެސް3 އާއެކު މުބާރާތުގެ ތަށި އުފުލައިލި ޢަބްދުއްރަޝީދު ޙުސައިންގެ އިތުރުން 2010 އަދި 2014 ވަނަ އަހަރު މާރަންދޫ ޔޫތު ސޮސައިޓީއާއި މާރަންދޫ ޔޫތު ކޯޕަރޭޝަނަށް ތަށި ހޯދައިދިން ޙުސައިން ނާސިރެވެ.

މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން 3 ފަހަރު ޖާގަހޯދި ކޯޗުންގެ ރެކޯޑު ދެފަރާތުން ހިއްސާކުރެއެވެ. އެއީ 2016، 2017 އަދި 2018 ވަނަ ފައިނަލުގައި މާރަންދޫ ޔޫތު ކޯޕަރޭޝަން، މާރަންދޫ ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބު އަދި މާރަންދޫ ޔޫތު ސޮސައިޓީއަށް ކޯޗުކަން ކޮށްދިން މުޙައްމަދު މޫސާއާއި 2017 އަދި 2018 ވަނަ އަހަރު ޖަންގަލި ޓީމާއެކު ފައިނަލުގައި ވާދަކުރުމަށްފަހު މިރޭ ޔުނައިޑެޓް ޔޫތު ގޮވައިގެން ފައިނަލަށް ނިކުންނަ ކޯޗު ޙުސައިން ފަޔާޒެވެ.

މި ދެކޯޗުންނަށްވެސް މުބާރާތް ކާމިޔާބުކުރެވިފައިވަނީ އެއްފަހަރު އެވެ. 2017 ވަނަ އަހަރު ޖަންގަލި ޓީމާއެކު ޙުސައިން ފަޔާޒު މުބާރާތުގެ ތަށި އުފުލައިލިއިރު 2018 ވަނަ މާރަންދޫ ޔޫތު ސޮސައިޓީއަށް މުބާރާތުގެ ތަށި ދެވަނަ ފަހަރަށް ހޯދައިދިނީ ކޯޗު މުޙައްމަދު މޫސާއެވެ.

މީގެއިތުރުން 2008 ވަނަ އަހަރު ހިތްރޮއްވާނުލާއަށް މުބާރާތް ހޯދައިދިން ޢަލީ އިރުޝާދާއި 2013 ވަނަ އަހަރު ޖަންގަލް ޑާކު ޕޮއިންޓަށް މުބާރާތް ކާމިޔާބު ކޮށްދިން ޢަބްދުﷲ ޚަލީލްވެސް ވަނީ އެއްފަހަރު މައި ކަޕްގެ ތަށި އުފުލައިލައިފަ އެވެ.