ދީން

ނަމާދަށްހުއްޓައި ޙައިޟުވެއްޖެނަމަ އެ ނަމާދު ފަހުން ކުރަން ޖެހޭނެތޯއެވެ؟

މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. 1- ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ މިކަމުގައި ބަލާނީ ނަމާދުގެ ވަޤުތުގެ ކުރީ ކޮޅަށް ކަމަށެވެ. މާނައަކީ ނަމާދުގެ ވަޤުތުގެ ކުރީކޮޅުން ބައެއް އަންހެން މީހާއަށް ލިބިފައި ނަމާދުނުކޮށް ހުރެ ޙައިޟުވިނަމަ، އޭނާ އެ ނަމާދު ޙައިޟުގެ ފަހުން ޠާހިރުވެ އަލުން ކުރަން ޖެހޭނެއެވެ. މިބޭކަލުން ދެ ރައުޔެއް ހާމަކޮށްފައިވެއެވެ. އެގޮތުން ހ- އެއްރަކްޢަތް ކުރެވޭހާ ވަޤުތު ލިބި ޙައިޟުވި ނަމަ އެ ނަމާދު އަލުން ކުރަން ޖެހޭނެ ކަމުގައި ވިދާޅުވާ ބޭކަލުންގެ މަޛްހަބު: އެބޭކަލުންގެ ދަލީލަކީ އަންނަނިވި ޙަދީޘްތަކެވެ. ( مَنْ أَدْرَكَ مِنْ الصُّبْحِ رَكْعَةً قَبْلَ أَنْ تَطْلُعَ الشَّمْسُ فَقَدْ أَدْرَكَ الصُّبْحَ ، وَمَنْ أَدْرَكَ رَكْعَةً مِنْ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ ) رواه البخاري (579) ومسلم (608) . މާނައީ: “އިރު އެރުމުގެ ކުރިން ފަތިސްނަމާދުން ރަކްޢަތެއް ލިބިގެންފިމީހާ، ފަހެ އޭނާއަށް ފަތިސްނަމާދު ލިބިއްޖެއެވެ. އަދި އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުން ރަކްޢަތެއް ލިބިގެންފިމީހާ، ފަހެ އޭނާއަށް ޢަޞްރު ނަމާދު ލިބިއްޖެއެވެ.” ( مَنْ أَدْرَكَ رَكْعَةً مِنْ الصَّلَاةِ فَقَدْ أَدْرَكَ الصَّلَاةَ ) رواه البخاري (580) ومسلم (607).” ފަހެ ނަމާދުން ރަކްޢަތެއް ލިބިގެންފި މީހަކު، ފަހެ ހަމަކަށަވަރުން އޭނާ ނަމާދު ލިބިގެންފިއެވެ.” ވަޖުހުއް ދަލާލާ: (ދަލީލު ނަގާ ނުކުތާ) މިތަނުގައި ނަމާދު ލިބުން ކަމަށް މިބަލަނީ ރަކްޢަތެއްގެ މިންވަރު ލިބުމުންނެވެ. އެހެންކަމުން ރަކްޢަތެއްގެ މިންވަރު ނަމާދު ވަޤުތުން ފާއިތުވެގެން ދިޔުމަކީ ނަމާދު (ކުރެވޭނެ ވަޤުތު ލިބުނު ކަމު)ގެ ޒިންމާ އޭނާގެ ބޮލުގައި އެޅޭ ކަމެކެވެ. ށ- ދެވަނަ ރައުޔުގެ ބޭކަލުން ވިދާޅުވަނީ ތަކްބީރަތުލް އިޙްރާމް (ނަމާދު ފަށާ ތަކްބީރު) ލިބިގަނެވިއްޖެނަމަ، އޭނާގެ މައްޗަށް އެނަމާދު ފަހުން ކުރުން ލާޒިމުވާނޭ ކަމަށެވެ. 2- އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ މިކަމުގައި ބަލާނީ ނަމާދުގެ ވަޤުތުގެ ފަހުކޮޅަށް ކަމަށެވެ. މާނައަކީ، ނަމާދު ވަޤުތުގެ ފަހުކޮޅާ ޖެހެންދެން އަންހެން މީހާއަށް ނަމާދު ކުރާނޭ ވަޤުތު ލިބިފައި ނަމާދު ނުކޮށް ހުރިނަމަ، އެ ނަމާދު ޙައިޟުގެ ފަހުން ޠާހިރުވެ އަލުން ކުރަން ޖެހޭނެ ކަމަށެވެ. މައްސަލާގައި ރާޖިޙު އަދި އެންމެ ރައްކާތެރިކަން ބޮޑު ގޮތް: މި މައްސަލާގައި ރާޖިޙުގޮތަކީ ނަމާދަށް ހުއްޓައި ޙައިޟުވެއްޖެނަމަ އެ ނަމާދު، ޙައިޟުން ޠާޙިރުވެ ހިނައިގަތުމަށްފަހު އަލުން ކުރަން ޖެހޭނެކަމަށް ބުނާ ރައުޔެވެ. އެއީ ނަމާދުގެ ވަޤުތު ވަނުމަށްފަހު ނަމާދު ނިމުމުގެ ކުރިން ޙައިޟުވިނަމައެވެ. ނަމާދު ނިމުމަށްފަހު ޙައިޟުވިނަމަ އަލުން އެނަމަދު ކުރާކަށް ނުޖެހޭނެއެވެ. ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ނަމާދުގެ ވަޤުތު ވަނުމަށްފަހުގައި އަންހެނާ ޙައިޟުވިނަމަ، އެ ނަމާދެއްގެ ވަޤުތުގައި އޭނާ ޙައިޟުވީ ނަމާދު އޭނާ ޙައިޟުން ޠާހިރުވުމުން ޤަޟާކުރުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ.” ( مجموع فتاوى ابن عثيمين ” (12/218 ) މިސާލު: މެންދުރު ނަމާދު ވަޤުތުވަނީ 12:30 ގައެވެ. ހ- 12:30 ގެ ކުރިން ޙައިޟުވިނަމަ މެންދުރު ނަމާދު ކުރާކަށް ނުޖެހޭނެއެވެ. ށ- 12:30 ގެ ފަހުން، މެންދުރު ނަމާދު ކުރި ފަހުން ޙައިޟުވިނަމަ، މެންދުރު ނަމާދު ދެން އަލުން ކުރާކަށް ނުޖެހޭނެއެވެ. ނ- 12:30 ގެ ފަހުން، މެންދުރު ނަމާދު ނުކޮށް ހުއްޓައި، އަޞްރު ވަޤުތު ވާން ކައިރިވެފައި ވަނިކޮށް ޙައިޟުވެއްޖެނަމަ، ޙައިޟުން ޠާހިރުވެ، ހިނައިގަނެ، މެންދުރު ނަމާދު ކުރަން ޖެހޭނެއެވެ. އެއީ ވަޤުތު ލިބި ނުކުރެވި، ޒިންމާވާން ޖެހިފައިވާ ނަމާދެކެވެ. ރ- 12:30 ގެ ފަހުން، މެންދުރު ނަމާދު ނުކޮށް ހުއްޓައި، 12:35 ހާއިރު ޙައިޟު ވިކަމުގައި ވިޔަސް ، ޖުމްހޫރު ޢިލްމުވެރިންގެ ބަހަށް ބަލާއިރު، ނަމާދުން ރަކްޢަތެއްގެ މިންވަރު ކުރާނޭ ވަޤުތު ލިބިފައިވާތީ، އެންމެ ޞައްޙަ އަދި ރައްކާތެރި ގޮތަކީ، މެންދުރު ނަމާދު، ޙައިޟުން ޠާޙިރުވެ، ހިނައިގަނެ ކުރުމެވެ. އެއީވެސް ނުކުރެވި އިން، ޒިންމާވާން ޖެހިފައިވާ ނަމާދެކެވެ. ނޯޓް: މިދެންނެވި ބީދައިން ޒިންމާވާން ޖެހިފައިވާ ނަމާދެއް ޙައިޟުން ޠާހިރުވެ، ހިނައިގަނެގެން ކުރާއިރު، މެންދުރު ނަމާދު ކުރުމަށްޓަކައޭ ކިޔާފައި މެންދުރު ވަޤުތު ޖެހެންދެން މަޑުކުރާކަށް ނުޖެހޭނެއެވެ. މިސާލަކަށް ހެނދުނު ހައިޟުގެ ލޭ ކެނޑި، ހިނައިގަތް ނަމަ، އެ ގަޑީގައި ފާއިތުވި މެންދުރު ނަމާދު ކުރަން ޖެހޭނެއެވެ. ޢުޛުރެއްގެ ސަބަބުން ފާއިތުވާ ނަމާދު (މިސާލަކަށް ނިދުމާއި ހަނދާން ނެތުމުގެ ސަބަބުން ފާއިތުވާ ނަމާދު) އާ މެދު އޮންނަނީ ޢުޛުރު ފިލާ ދިޔަހާ އަވަހަކަށް އެ ނަމާދު ކުރުމެވެ. ނިދުމުގެ ސަބަބުން ފަތިސް ނަމާދަށް ނުހޭލެވުނު މީހާ، ފަތިސްނަމާދު ކުރަން މެންދުރު ވަންދެން މަޑުކުރުމަކީ ގޯހެކެވެ. އޭނާ ޖެހޭނީ ހޭލެވުނުހާ އަވަހަކަށް، ހެނދުނު ހޭލެވުނު ކަމުގައި ވިޔަސް މެންދުރު ހޭލެވުނު ކަމުގައިވިޔަސް ވީހާ އަވަހަކަށް އެ ނަމާދު ކުރާށެވެ. އެއީ އަންނަނިވި ޙަދީޘްތަކުގައި ވާ ފަދައިންނެވެ. إِذَا رَقَدَ أَحَدُكُمْ عَنِ الصَّلاَةِ أَوْ غَفَلَ عَنْهَا فَلْيُصَلِّهَا إِذَا ذَكَرَهَا فَإِنَّ اللَّهَ يَقُولُ أَقِمِ الصَّلاَةَ لِذِكْرِى (رواه مسلم (684)) މާނައީ: “ތިޔަބައިމީހުން ކުރެ މީހަކަށް، ނިދީގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމާދެއް ފާއިތުވެއްޖެނަމަ، އެކަން ހަނދާންވީ އިރަކުން އެ ނަމާދު ކުރާށެވެ! ފަހެ، ﷲ ވަޙީކުރައްވަނީ (أَقِمِ الصَّلاَةَ لِذِكْرِى) (ތިމަންއިލާހު ހަނދުމަކުރުމަށްޓަކައި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ” މިފަދައިންނެވެ.” ( مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا) رواه البخاري (597) ومسلم (684) މާނައީ: “ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫވެއްޖެ މީހާ ހަނދާންވުމުން އެ ނަމާދު ކުރާށެވެ.” ވަﷲ އަޢުލަމު މަރްޖިޢުތައް ފަތާވާ އިބްނު ޢުޘައިމީން ރަވާއިޢުއް ރައްބާނިއްޔީން – ފަޟީލަތުއް ޝައިޚް މުޙައްމަދުލް މުޚްތާރު ޝިންޤީޠީގެ ފަތުވާ
އައްޝައިޚު މުޙައްމަދު ޝާފިޢު