ދީން

މައްކީ ސޫރަތާއި މަދަނީ ސޫރަތް

މައްކީ ސޫރަތާއި މަދަނީ ސޫރަތުގެ ތަޢާރަފުގައި ޢިލްމުވެރިން ގެންނަވާ ބަސްފުޅުތައް 1- ބާވައިލެއްވި ތަނަށް ނިސްބަތްކޮށް މައްކީ އަދި މަދަނީ ކަނޑައެޅުން، މިގޮތުން ކަނޑައަޅާއިރު މައްކީ ސޫރަތަކީ މައްކާގައި އަދި މައްކާގެ ކައިރީގައި ބާވައިލެއްވުނު ކޮންމެ ސޫރަތެކެވެ. މަދަނީ ސޫރަތަކީ މަދީނާގައި އަދި މަދީނާގެ ކައިރީގައި ބާވައިލެއްވުނު ކޮންމެ ސޫރަތެކެވެ. 2- ބާވައިލެއްވުނު ޒަމާނަށް ބަލައި މައްކީ އަދި މަދަނީ ކަނޑައެޅުން. މިގޮތުން ބަލާއިރު ހިޖުރައިގެ ކުރިން ބާވައިލެއްވުނު ކޮންމެ ސޫރަތަކީ މައްކީ ސޫރަތެކެވެ. މައްކާއިން ބޭރުގައި ބާވައިލެއްވުނު ކަމުގައިވިޔަސް މެއެވެ. އަދި ހިޖުރައިގެ ފަހުން ބާވައިލެއްވުނު ކޮންމެ ސޫރަތަކީ މަދަނީ ސޫރަތެކެވެ. މަދީނާއިން ބޭރުގައި ބާވައިލެއްވުނު ކަމުގައިވިޔަސް މެއެވެ. މައްކީ ސޫރަތާއި މަދަނީ ސޫރަތް ދެނެގަތުމުގެ ފައިދާ 1- ނާސިޚް މަންސޫޚް ދެނެގަތުން 2- ޤުރްއާން ރަނގަޅަށް ފަހުމްވުން 3- ދަޢުވަތާއި ތަބްލީޣުގައި އެންމެ ރަނގަޅު މަންހަޖު ދެނެގަތުން މައްކީ ސޫރަތާއި މަދަނީ ސޫރަތް ދެނެގަނެވޭނެ ގޮތް 1- ޞަޙާބީންގެ ކިބައިން އެކަން ނަޤްލުވެފައިވުން،  ތާބިޢީންގެ ކިބައިން އެކަން ނަޤްލުވެފައިވުން، ޚާއްޞަކޮށް ތަފްސީރު ޢިލްމުގައި ކުރިއަރާފައިވާ މުޖާހިދު ފަދަ ތާބިޢި ބޭކަލުންގެ ބަސްފުޅުތަކުންނެވެ. 2- އެކަން ޞައްޙަގޮތުގައި ނަޤްލުވެފައި ނެތް ޙާލަތުގައި، މައްކީ ސޫރަތްތައް ފާހަގަވާނެ ސިފަތަކަށާއި، މަދަނީ ސޫރަތްތައް ފާހަގަވާނެ ސިފަތަކުގެ މައްޗަށް ބަލައި އެއީ މައްކީ ސޫރަތެއްތޯ ނުވަތަ މަދަނީ ސޫރަތެއްތޯ އިޖްތިހާދުކޮށްގެން ކަނޑައެޅުން   މައްކީ ސޫރަތާއި މަދަނީ ސޫރަތް ދެނެގަނެވޭނެ ޟަވާބިޠު މައްކީ ސޫރަތްތަކުގެ ޚަޞާއިޞްތައް (ޢަލާމާތްތައް) 1- ތައުޙީދަށް ގޮވާލުމާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތުގެ ތެދުކަން ހާމަކޮށްދިނުމާއި، ޤިޔާމަތްދުވަހަކީ ޙަޤީޤަތެއްކަން ބަޔާންކޮށްދެއްވުމާއި، ކައުނީ އަދި ބުއްދީގެ ދަލީލުތަކުން މުޝްރިކުންނަށް ހެކި ބަޔާންކޮށްދިނުން 2- ޙަލާލު ޙަރާމްގެ ޢާއްމު ޤަވާޢިދުތައް އިޘްބާތުކުރުމާއި، ޢަދުލުވެރިކަމާއި އިޙްސާންތެރިކަމަށް ބާރު އެޅުމާއި، މިކަންކަން ނަފީކުރާ ސިފަތައްކަމުގައިވާ އަދި ޖާހިލިއްޔަ ޒަމާނުގެ ނުބައި އާދަތައް ކަމުގައިވާ އަނިޔާވެރިކަން ފަދަ ކަންކަމުގެ ނުބައިކަން ބަޔާންވުން 3- ކުރީގެ ނަބީބޭކަލުންގެ ވާހަކަތަކާއި ކުރީގެ އުންމަތްތަކުގެ ވާހަކަތައް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި މުއުމިނުންނަށް ޘާބިތުކަން ދެއްވުމުގެ ގޮތުން، ޢިބްރަތަށްޓަކައި ބަޔާންކުރުން 4- އާޔަތްތައް ކުރުވެފައި އާޔަތްތަކުގެ ލަފުޒު ގަދަފަދަ ވުން އަދި އިޢުޖާޒުބައިގެ ވަރުގަދަކަން   މަދަނީ ސޫރަތްތަކުގެ ޚަޞާއިޞްތައް (ޢަލާމާތްތައް) 1- އަޅުކަމާއި މުޢާމަލާތާއި ޙައްދުތަކާއި، އިސްލާމީ ދައުލަތެއްގެ ޤާނޫނުތަކާއި އިސްލާމްދީނުގެ އެހެން ޝިޢާރުތައް ބަޔާންވެފައިވުން 2- އަހުލުކިތާބީންގެ ދަޢުވަތަށް އިސްކަންދިނުން، އެމީހުންގެ ކަންކަން ބަޔާންކުރުމާއި އެމީހުންގެ މަގުފުރެދުން ބަޔާންކުރުން. 3- ނިފާޤުގެ ޙަޤީޤަތް ބަޔާންކުރުމާއި މުނާފިޤުންގެ ޞިފަތައް ބަޔާންކުރުން. 4- އާޔަތްތައް ދިގުވެފައި އިސްލާމީ ގިނަ ޝިޢާރުތަކެއް ތަފްސީލްކޮށްފައިވުން   މައްކީ ސޫރަތްތަކުގެ ޢަލާމާތްތައް 1- ސަޖިދަވަޅެއްވާ ކޮންމެ ސޫރަތެއް 2- ކައްލާ كلا  މިލަފުޒުވާ ކޮންމެ ސޫރަތެއް 3- يأيها الذين آمنوا އެ ސޫރަތެއްގައި ނެތި، يأيها الناس ވާ ކޮންމެ ސޫރަތެއް 4- ނަބީބޭކަލުންގެ ވާހަކަތަކާއި، ކުރީގެ އުންމަތްތަކުގެ ވާހަކަތައް (އަހުލު ކިތާބީންގެ ވާހަކަތައް ފިޔަވައި) ބަޔާންވެފައިވާ ކޮންމެ ސޫރަތެއް 5- ބަޤަރާ ސޫރަތް ފިޔަވައި، އާދަމްގެފާނާއި އިބިލީހުގެ ވާހަކަ ބަޔާންވެފައިވާ ކޮންމެ ސޫރަތެއް 6- ބަޤަރާ ސޫރަތާއި އާލް ޢިމްރާން ސޫރަތް ފިޔަވައި، ވަކި އަކުރުތަކުން ފެށިފައި ހުންނަ ކޮންމެ ސޫރަތެއް މަދަނީ ސޫރަތްތަކުގެ ޢަލާމާތްތައް 1- ޙައްދުގެ ވާހަކަ ބަޔާންވެފައިވާ ކޮންމެ ސޫރަތެއް 2- މުނާފިޤުންގެ ވާހަކަ ބަޔާންވެފައިވާ ކޮންމެ ސޫރަތެއް 3- އަހުލު ކިތާބީންނާ ޖަދަލުކުރެވިފައިވާ ކޮންމެ ސޫރަތެއް މައްކީ ސޫރަތާއި މަދަނީ ސޫރަތުގެ ބައެއް މިސާލު މައްކީ ސޫރަތްތަކުގެ މިސާލު ސޫރަތުލް ކާފިރޫން، ސޫރަތުއް ޟުޙާ، ސޫރަތުލް މަސަދް މަދަނީ ސޫރަތްތަކުގެ މިސާލު ސޫރަތުލް ބަޤަރާ، ސޫރަތުލް މުނާފިޤޫން، ސޫރަތުއް ނަޞްރު   މަރްޖިޢުތައް المحرر في علوم القرآن الكريم. تأليف: د. مساعد بن سليمان بن ناصر الطيار المقدمات الأساسية في علوم القرآن  عبد الله بن يوسف الجديع
އައްޝައިޚު މުޙައްމަދު ޝާފިޢު