ޚަބަރު ކުޅިވަރު

ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2026: މިއަދުގެ 3 މެޗުގައި 32 ގޯލު، އެއްވަނާގައި އެންވީކޭ

ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2026: މިއަދުގެ 3 މެޗުގައި 32 ގޯލު، އެއްވަނާގައި އެންވީކޭ
Advertisement Advertisement

އިހަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން، އިމަގު ޖަމިއްޔާއިން ހޯސްޓްކުރާ "ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2026" ގެ ރަސްމީ މެޗުތައް އިއްޔެ ފެށިއިރު، މުބާރާތުގެ ދެވަނަ ދުވަސް ކަމަށްވާ މިއަދު ކުޅުނު 3 މެޗުގައި ޖުމްލަ 32 ގޯލު ފެނިގެން ގޮސްފިއެވެ. ހއ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި އިހަވަންދޫއަށް ނިސްބަތްވާ 6 ޓީމެއް ވާދަކުރަމުން އަންނައިރު، މިއަދުގެ ނަތީޖާތަކާއެކު މުބާރާތުގެ ވާދަވެރިކަން ވަނީ އިތުރަށް ހޫނުވެފައެވެ.

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ސެންސިޓީ އާއި އެސް.ސީ ފޭންސް ބައްދަލުކުރިއިރު، އެ މެޗުން ސެންސިޓީ މޮޅުވީ ތަފާތު ބޮޑު 13-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސެންސިޓީއަށް 3 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުގެ ގޯލު ތަފާތަކީ +11 އެވެ. މިރޭ ކުޅުނު ފުރަތަމަ މެޗުގައި ވެސް 13 ގޯލު ފެނިގެންދިޔައިރު، ޕެރިސް އެފްސީ އާއި އެންވީކޭ ބައްދަލުކުރި މި ވާދަވެރި މެޗު 7-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެންވީކޭ އެވެ. އަދި މިރޭގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތުން ވަނީ 6-1 ގެ ނަތީޖާއަކުން މިސްކިތްމަގު ސްޕޯރޓްސް ކްލަބުގެ މައްޗަށް ކުރި ހޯދާފައެވެ.

މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކުން ވެސް މިހާތަނަށް 2 މެޗު ކުޅެ ނިމިފައިވާއިރު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ 6 ޕޮއިންޓް ހޯދާފައިވާ އެންވީކޭ އެވެ. ޔުނައިޓެޑް ޔޫތަށް ވެސް ދެ މެޗުން 6 ޕޮއިންޓް ލިބިފައިވީ ނަމަވެސް، އެންވީކޭއަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. އެންވީކޭއަށް 10 ގޯލުގެ ފައިދާއެއް އޮތްއިރު، ދެވަނާގައި އޮތް ޔުނައިޓެޑް ޔޫތުގެ ގޯލު ތަފާތަކީ +9 އެވެ. ތާވަލުގެ ތިންވަނާގައި 3 ޕޮއިންޓާއި +11 ގޯލުގެ ތަފާތަކާއެކު ސެންސިޓީ އޮތްއިރު، ހަތަރުވަނާގައި އޮތް ޕެރިސް އެފްސީއަށް ވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ. ޕެރިސް އެފްސީގެ ގޯލު ތަފާތަކީ 0 އެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތް ދެ ޓީމުގެ ތެރެއިން ފަސްވަނާގައި އޮތީ -13 ގޯލުގެ ތަފާތަކާއެކު މިސްކިތްމަގު ސްޕޯރޓްސް ކްލަބެވެ. އަދި ހަވަނާގައި އޮތީ -17 ގޯލުގެ ތަފާތަކާއެކު އެސްސީ ފޭންސް އެވެ.

މި މުބާރާތް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނައަށް ދާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރުމަށްޓަކައި ލީގު ބުރުގެ ދެވަނަ އަދި ތިންވަނައަށް ދާ ދެ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ.

މުބާރާތުގެ ފޯރިގަދަ 3 މެޗެއް މާދަމާ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހަވީރު 16:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މިހާތަނަށް ޕޮއިންޓެއް ލިބިފައިނުވާ މިސްކިތްމަގު ސްޕޯރޓްސް ކްލަބާއި އެސްސީ ފޭންސް އެވެ. މާދަމާރޭ 20:15 ގައި ކުޅޭ މެޗުގައި ތާވަލުގެ އެއްވަނާގައި އޮތް އެންވީކޭ ނުކުންނާނީ ތިންވަނާގައި އޮތް ސެންސިޓީއާ ދެކޮޅަށެވެ. އަދި މާދަމާރޭ 21:30 ގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ޕެރިސް އެފްސީ އާއި އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް