ޚަބަރު

ޔޫތުގެ ބޮޑު ހުށަހެޅުމަށް ފުރަގަސް ދިނުމަށްފަހު ފައިސަލް އެނބުރި ޖަންގައްޔަށް

ޖަންގަލް ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިތުބާރު ފޯވާޑް އަޙްމަދު ފައިސަލް އިހަވަން ކަޕުގައި ފެނިގެންދާނީ ޖަންގަލް ޓީމުންކަމަށް އެޓީމުގެ މެނޭޖަރ ޢަލީ ރަޝީދު ވިދާޅުވެއްޖެއެވެ. މި ނޫހަށް މަޢުލޫމާތު ދެއްވަމުން ޢަލީ ރަޝީދު ބުނީ ފައިސަލް އަކީ ޖަންގަލްގެ ސާފު ލޭހިނގާ ޖަންގަލްގެ ކުޅުންތެރިއެއް ކަމަށާއި ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ފައިސަލް އެނބުރި ޖަންގައްޔަށް އައުމާއެކު ޓީމު އިތުރަށް ވަރުގަދަވެއްޖެ ކަމަށެވެ. މުބާރާތުގައ ވާދަކުރާ ގިނަ ޓީމުތަކުން ފައިސަލްގެ ސޮއި ހޯދަން މަސައްކަތްކުރަމުންދަނިކޮށް ފައިސަލް ޖަންގަލި ޓީމާ ގުޅިފައިވަނީ ޔުނައިޓެޑް ޔޫތުގެ ބޮޑު ހުށަހެޅުމަށް ނޫނެކޭ ބުނުމަށްފަހުގައެވެ. ޔުނައިޓެޑް ޔޫތުގެ ކުޅުންތެރިއެއްގެ ގޮތުގައި ފައިސަލްވަނީ އެޓީމުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ތަޢާރަފްކޮށްފައެވެ. "ވަރަށް ގިނަ ޓީމުތަކުން ހުށަހެޅުންތައްއައި. ޔޫތުންވެސް ދިޔައީ ވާހަކަދައްކަމުން. އެމީހުންގެ ހުށަހެޅުންވެސް ވަރަށް ރަނގަޅު. އެކަމަކު އެޓީމާއެކު އެއްބަސްވުމަކަށް އައިސްފައެއް ނުވާނެ" މި ނޫހަށް ފައިސަލް ކިޔައިދިނެވެ. ފައިސަލް އިތުރަށްބުނީ ކޮންމެ ޓީމަކަށް ކުޅުނު ކަމުގައިވިޔަސް ހިތް އޮންނަނީ ޖަންގަލް ޓީމުގައި ކަމަށާއި ޖަންގަލް ޓީމާއެކު ކާމިޔާބު ހޯދަން އަބަދުވެސް ބޭނުންވާ ކަމަށެވެ. އަދި އިހަވަން ކަޕަށް އެނބުރި ޖަންގައްޔަށް އައީ މި މުބާރާތުގެ ތަށި ރަށުގައި ބަހައްޓަން ބޭނުންވާތީއާއި އެވަރުގެ ސްކޮޑެއް އޮތީ ޖަންގަލް ޓީމުގައި ކަމަށް ޤަބޫލުކުރާތީ ކަމަށެވެ. 2017 ވަނަ އަހަރު މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ޖަންގަލް ޓީމަށް ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރުމަށްފަހު 2018 ވަނަ އަހަރު ފައިސަލްވަނީ ޔުނައިޓެޑް ޔޫތާ ގުޅިފައެވެ. އަދި 2019 ވަނަ އަހަރު ގަބީލާ ޓީމަށް ބަދަލުވެ ފައިސަލްވަނީ އެޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އިހަވަންދޫ ކުލަބު ޕޯލްސްޓަރ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް ފެށުމަށް މި މަހުގެ 20 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު، ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތަށް އިހަވަންދޫގެ ޓީމުތަކުން އަންނަނީ ތައްޔާރުވަމުންނެވެ.
އިބްރާހިމް ނަޝީދު