ޚަބަރު

އިހަވަންދޫއިން 150 ބަންޑާރަ ގޯތި ދޫކުރަނީ

އިހަވަންދޫއިން 150 ބަންޑާރަ ގޯތި ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އިހަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ، 178 ވަނަ އާއްމު ބައްދަލުވުމުގައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް ވިދާޅުވީ، އަލަށް ދޫކުރުމަށް ނިންމާފައިވާ 150 ގޯތި ދޫކުރާނީ އިހަވަންދޫގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަކުންކަމުގައެވެ. ރައީސް ސޮބާހް ވިދާޅުވީ، ގޯތި ދިނުމަށް ކުރަންޖެހޭ މަސައްކަތް، 2025 ވަނަ އަހަރުގެ ކުރީކޮޅު ފެށިގެން  ދާނެކަމުގައެވެ. "ވަރަށް ގިނަ ޒުވާނުން އެދެމުންދޭ ގޯތި ދޫކުރެވޭނެ ދުވަހަކަށް އިރާދަކުރެވިޔާ އަޅުގަނޑުމުގެ ދައުރުގެ އެ އުއްމީދު ހާސިލް ކޮށްދޭނަށް. އަދި ގެދޮރުއެޅުމަށް އެހީތެރިވުމުގެ ގޮތުން ސްކީމެއް 2025  ތާރަފުކުރާނަން" ސޮބާހް ވިދާޅުވިއެވެ. [caption id="attachment_10040" align="aligncenter" width="921"] އިހަވަންދޫ ލޭންޑް ޔޫސްޕްލޭންގައި ދިރިއުޅުމަށް ގޯތި ދޫކުރުމަށް ފާހަގަކޮށްފައިވާ ސަރަހައްދު، މަޑު އޮރެންޖް ކުލައިން ފާހަގަކޮށްފައި.[/caption]
އެންމެފަހުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެފަހުރު ދޫކޮށްފައިވަނީ 200 ގެވަޅެވެ. އެފަހަރު ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 455 މީހުންނެވެ. އެފަހަރު ދޫކުރި 200 ގޯތި ދޫކުރިތާ 4 އަހަރު ވެފައިވާއިރު، އަދި މިހާތަނަށް  މީހުން ދިރިއެޅެން ފަށާފައިވަނީ އެންމެ ގެއެއެއްގައެވެ. ނަމަވެސް މިހާރު  ގިނަ ގެތައްދަނީ އިމާރާތް ކުރަމުންނެވެ. ގެތަކުގެ މަސައްކަތްނިމި އެސަރަހައްދުގައި މީހުން އާބާދުވާން ތައްޔާރުވެފައިވާއިރު، އަދި އެސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބެއެވެ.
މުޙައްމަދު އަކުރަމް