ޚަބަރު

ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން, ގެދޮރު ލޯނު ހަމަޖައްސައިދެނީ!

ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން, ގެދޮރު ލޯނު ހަމަޖައްސައިދެނީ!
Advertisement Advertisement

އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށާއި ފުލެޓް ގަތުމަށް ބޭނުންވާ އިކުއިޓީ ފައިސާ ހަމަޖައްސަން ދަތިވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމުގެ އާ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒީމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒީމް މުހައްމަދު ވިދާޅުވީ، ބޭންކުތަކުން ގެދޮރުވެރިކަމުގެ ލޯނު ނެގުމުގައި ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީއަށް ބޭނުންވާ ފައިސާ ދެއްކުން ކަމަށެވެ. އެހެންކަމުން، އެ ދަތިކަން ހައްލުކޮށް ދިނުމަށް ބޭންކުތަކާ ގުޅިގެން ދެ ފައިނޭންސިން ޕްރޮގްރާމެއް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން ބޭންކުން ފައިސާ ލިބޭނެ އިންތިޒާމް މި ހަމަޖައްސަދެނީ. ދެ ލައްކަ ރުފިޔާ އިކުއިޓީގެ ގޮތުގައި ދީގެން އެއް މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއް މިއީ،" ނާޒިމް ވިދާޅުވިއެވެ.

އެޕްރޮގްރާމް ކުރިޔަށް ގެންދަނީ 4 ބޭންކަކާއި ގުޅިގެންނެވެ. ސަރުކާރުން މަސައްކަތްކުރަމުން އަނަނީ އެ ޕްރޮގްރާމް މިއަހަރުގެ ފަހުކޮޅު ހުޅުވައިލުމަށެވެ. 

މީގެ ކުރިން ސަރުކާރުން ތައާރަފު ކުރި "ހިޔާވެހި ފައިނޭންސިން ސްކީމް" އަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، އެ ސްކީމުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅައިފައެވެ. އެ އެހީތެރިކަމުގެ އިތުރުން، ސޯޝަލް ހައުސިންގެ ބޭރުން އަތްފޯރާ އަގުގައި ގެދޮރު ގަތުމަށް މަގުފަހިކޮށްދޭ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ދަށުންވެސް މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް