އިހަވަންދޫގައި ހިންގަމުންއަންނަ ރައްޔިތުންނާއި ގުޅުންހުރި، މަޝްރޫއުތަކާއި ގުޅޭ އެންމެ ފަހުގެ އަޕްޑޭޓްތަކާއި މައުލޫމާތު ހިމެނޭ "މަޝްރޫޢު ޓްރެކަރ" މޮޑިއުލް އިހަވަންދޫ.ކޮމް އިން ލޯންޗް ކޮށްފިއެވެ.
މިއީ އިހަވަންދޫއަށް ނިސްބަތްވާ، ހުނަރުވެރި އަދި އުފެއްދުންތެރި ޒުވާން ޑިޒައިނަރެއްގެ ސިކުނޑީގައި ކުރެހުނު ފުރިހަމަ ތަޞައްވުރެއްގެ ޙަޤީޤީ ކުލައެވެ. އަޅުގަނޑުމެންވާނީ އެޒުވާނާގެ ހިޔާލުގައި ކުލަޖެއްސުމަށް އަޅުގަނޑުމެންގެ ކެޕޭސިޓީ ތަންދިން އެންމެ މަތީދަރަޖައަށް މަސައްކަތް ކޮށްފައެވެ. ކޮފީ މޭޒެއްގެ ހަވާސާއިން އުފެދިގެން އައި އެވިސްނުމުގެ އަސްލު އެތައް ކަމަކާ ގުޅިލާމެހެއެވެ. ރަށުގެ ތަރައްޤީއާއި، ހިނގަމުންދާ މަޝްރޫޢުތައް ގޮސްފައިވާ ހިސާބާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޒަމާނީ ޙައްލެއް ހޯދައިދިނުމުގެ ވިސްނުން ޒުވާނެއްގެ ސިކުނޑީގައި ފައްކާކުރުމުން ދައްކުވައިދެނީ، އެއީ މުޖުތަމަޢުގެ ބޭނުންތަކަށް ޒުވާނުން ދޭ ސަމާލުކަމާއި، ރަށުގެ ކަންކަން އިޞްލާޙުކުރުމަށް އޮތް ލޯތްބާއި ޝައުޤުވެރިކަމުގެ ބޮޑުކަމެވެ.
އިހަވަންދޫގައި ހިނގަނީ / ހިންގުމަށް ކޮންޓްރެކްޓް ކޮށްފައިވަނީ / ނުވަތަ ބިން ދޫކޮށްފައިވަނީ ދިހަވަރަކަށް މަޝްރޫޢު ކަމަށް އާންމު ވިސްނުމުގައި އަޅުގަނޑުމެނަށް އަންދާޒާ ކުރެވުނު ނަމަވެސް، މި މޮޑިއުލް ޑިވޮލޮޕް ކުރުމަށް ޑާޓާ އެއްކުރަން ފެށުމުން އަޅުގަނޑު މެންނަށް މިހާތަނަށް ވަނީ 25 މަސްރޫޢުއެއް ޓްރެކް ކުރެވިފައެވެ.
މިއަދުން ފެށިގެން އަޕްޑޭޓްކުރަން ފަށާފައިވާ މި މޮޑިއުލްގެ ޒަރިއްޔާއިން، ކޮންމެ އާދިއްތަ ދުވަހަކު އައު މަޝްރޫއެއްގެ އަޕްޑޭޓް ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ.
މަޝްރޫޢު ޓްރެކަރ މޮޑިއުލްއިން ފެންނަން ހުންނާނެ މައުލޫމާތުތަކަކީ:
- މަޝްރޫޢު އެވޯޑްކުރި ތާރީޙް / ބިންހަވާލުކުރި ތާރީޙް
- މަޝްރޫއު ނިންމަންޖެހޭ ތާރިޙް
- މަޝްރޫޢުގެ އަގު
- މަޝްރޫޢު ނިމުނު އިންސައްތަ (ސްޓޭޓަސް)
- މަޝްރޫޢުގެ ކޮންޓްރެކްޓަރ
- މަޝްރޫޢޫ ނުނިމި އިތުރަށް ހިނގާފައިވާ މުއްދަތު
- މަޝްރޫއުއަށް ބިން ހަވާލުކުރުމަށްފަހު އިތުރަށް ހިންގާފައިވާ މުއްދަތު
- މަޝްރޫޢު ހަވާލުކުރުމަށްފަހު މަސައްކަތް ނުފެށި ހިނގަމުންދާ މުއްދަތު
- އަދި މަޝްރޫޢުގެ މުހިއްމު ޓައިމްލައިންތައް
މީގެއިތުރުން މަޝްރޫޢޫގެ ތަފްސީލް ސަފުހާ މެދުވެރިކޮށް، މަޝްރޫއާގުޅޭ މައުލޫމާތު ބޭނުންނަމަ ސޯޝަލް މީޑިއާ (ފޭސްބުކް،އެކްސް،ވައިބަރ،ވަޓްސްއެޕް) ގައި ހިއްސާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، މަޝްރޫޢޫގެ ސްޓޭޓަސް އަންގައިދޭ ޕޯސްޓަރުވެސް އެސަފުހާ މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ.
މީގެ އިތުރުން ކިޔުންތެރިން، އަޅުގަނޑުމެންނަށް މަޝްރޫއުތަކާއި ގުޅުންހުރި މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމްވެސް މަޝްރޫޢު ޓްރެކަރ މޮޑިއުލް މެދުވެރިކޮށްވަނީ ހަމަޖެހިފައެވެ. ހާއްސަކޮށް އަޅުގަނޑުމެން މިމޮޑިއުލް މެދުވެރިކޮށް ހިއްސާކޮށްފައިވާ އެއްވެސް މައުލޫމާތެއްގައި އެއްވެސް ގޯހެއް އުޅޭނަމަ އެކަން އަޅުގަނޑުމެންނަށް، އެ ފިއުޗަރ މެދުވެރިކޮށް ހިއްސާކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެކެވެ.
ކޮފީ ތަށްޓެއްގެ ހޫނުކަމާއެކު އުފެދިގެން އައި މި ކުޑަކުޑަ ޚިޔާލު، ލާމެހިފައިވަނީ ހަމައެކަނި ވެބްސައިޓަކުން މަޢުލޫމާތު ފޯރުކޮށްދިނުމަކާ ނޫނެވެ. މިއީ ރައްޔިތުން ބާރުވެރިކުރުވުމާ ގުޅިފައިވާ ކަމެކެވެ. ކަންކަން ހިނގާގޮތް ދެފުށް ފެންނަ ގޮތަށް އޮތުމުގެ ޙައްޤު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމާއި، މަސައްކަތްތަކާ ޙަވާލުވެތިބޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމާއި، އަދި ރަށުގެ ތަރައްޤީގެ ދުވެލި މާނަވީ ގޮތެއްގައި ވަޒަންކުރުމުގެ ފުރުސަތު ލިބިދިނުން މިމޮޑިއުލްގެ މަޤްޞަދުގެ ތެރޭގައި ހިމެނެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް