އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނޯތް ޒޯން 1 ގެ ފައިނަލް މެޗްގައި 2-1 ގެ ނަތީޖާއަކުން އިހަވަންދޫ ބަލިކޮށް މުބާރާތް ހޯސްޓްކުރާ ނައިވާދޫ ޗެމްޕިއަންކަން ހޯދައިފިއެވެ.
ޒޯންބުރުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު 4 މެޗުންވެސް ބޮޑު ތަފާތަކުން މޮޅުވެ ފައިނަލަށް ދަތުރުކުރި ނައިވާދޫއަށް ފައިނަލަށް މެޗް އެހާ ފަސޭހައެއް ނުވިއެވެ. ދެޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ގޯލް ނައިވާދޫގެ މުހައްމަދު އަސްލަމް މެޗްގެ ފުރަތަމަ ހާފްގެ 10 ވަނަ މިނެޓްގައި ޖެހިއިރު، ފުރަތަމަ ހާފް ނިމެން ދަނިކޮށް ނައިވާދޫގެ ލީޑް ފުޅާވީ އިހަވަންދޫ ޓީމްގެ ހާމިދުގެ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
2-0 ގެ ނަތީޖާއަކުން މެޗް ނިމެން ދަނިކޮށް މިމެޗްގައި އިހަވަންދޫޓީމަށް ޖެހުނު ހަމައެކަނި ގޯލް ޖެހީ އިހަވަންދޫ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ އަލް ސައީދެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަަށް ހޮވުނީ ނައިވާދޫ ޓީމްގެ ޖާޒީ ނަންބަރު 9 އިބްރާހިމް ނާޖިހްއެވެ. އެންމެ މޮޅު ކޯޗަށް ހޮވުނީ ނައިވާދޫ ޓީމްގެ ކޯޗް އަހްމަދު ސިނާން އެވެ.
ނޯތް ޒޯން 1 ގެ ފެއަރޕްލޭ ކުޅުންތެރިޔާއަށް ހޮވުނީ، ކަނޑިތީމް ޓީމްގެ އިބްރާހިމް ނަދާލްއެވެ. ފެއަރޕްލޭ ޓީމަށް ހޮވުނީ ކަނޑިތީމް ފުޓްސަލް ޓީމެވެ. ނޯތް ޒޯން 1 ގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ މުހައްމަދު ސަމްހާންއެވެ. އަދި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ ޓީމްގެ މުހައްމަދު ޝާއިންއެވެ. ނޯތް ޒޯން 1 ގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ނައުވާ ދޫގެ އަހްމަދު ހަމީދު، ނައިވާދޫ ޓީމްގެ މުހައްމަދު ޝާއީން، އިހަވަންދޫ ޓީމްގެ އިބްރާހިމް ހާމިދު، އިހަވަންދޫ ޓީމްގެ އަލްސައީދު އަލީ ހަމީދު އަދި ނައިވާދޫ ޓީމްގެ އިބްރާހިމް ނާޖިހްއެވެ. ނޯތް ޒޯން 1 ގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ ޓީމްގެ މުހައްމަދު ޝާއިންއެވެ.
ނޯތް ޒޯން 1 ގެ ފައިނަލުން އިހަވަންދޫ ޓީމް ބަލިވި ނަމަވެސް މިމުބާރާތް އެޓީމަށް އަދި ނުނިމެއެވެ. ނޯތް ޒޯން 1 ގެ ޗެމްޕިއަން އަދި ރަނަރަޕް ދެން ކުޅޭނީ ނޯތް ބުރުގައެވެ. އެބުރުގައި ވާދަކުރާނީ ނޯތް ޒޯން 1 ގެ ޗެމްޕިއަން ނައިވާދޫ އަދި ނޯތް ޒޯން 1 ގެ ރަނަރަޕް އިހަވަންދޫގެ އިތުރުން ނޯތް ޒޯން 2 ގެ ޗެމްޕިއަން ދުވާފަރު އަދި ނޯތް ޒޯން 2 ގެ ރަނަރަޕް އިނގުރައިދޫއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް