ހުނަރުވެރި އަދި މަސައްކަތްތެރި ކަނބަލުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އާއި އިހަވަންދޫ ބިޒުނަސް ސެންޓަރު ގުޅިގެން "އިހަވަން އޮމަލަ އެކްސްޕޯ" ގެ ނަމުގައި ޚާއްޞަ އެކްސްޕޯއެއް ބޭއްވުމަށް ހަމަޖައްސައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ހއ. އަތޮޅުގައި ދިރިއުޅޭ މަސައްކަތްތެރި ކަނބަލުންނަށް ކުރިއެރުމާއި ފަހި ފުރުޞަތުތައް ހޯދައިދިނުމެވެ. އަދި އެ ކަނބަލުން މިހާރު ކުރަމުންދާ ކުދި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު މާކެޓާއި ފުރުޞަތުތައް ފަހިކޮށްދީ، އެކިއެކި ދާއިރާތަކުން ފަންނުވެރި ކަނބަލުން ކުރަމުން އަންނަ މަސައްކަތްތައް އާންމުންނަށް ދައްކާލައި އަރަމުން އަންނަ ކަނބަލުންނަށް ހިތްވަރުދިނުމެވެ. މީގެ އިތުރުން، ރަށުގައި އެކި ބާވަތްތަކުގެ ތައްޔާރީ ކާނާއާއި ތަކެތި އުފައްދާ ކަނބަލުންގެ ހުނަރުތައް އިތުރަށް ޕްރޮމޯޓްކޮށް ފުޅާކުރުމަށްވެސް މި އެކްސްޕޯއިން މަގުފަހިވެގެންދާނެއެވެ.
މި އެކްސްޕޯގައި ބައިވެރިވެވޭ މައިގަނޑު ދާއިރާތައް:
-
ފެހުމުގެ ދާއިރާ
-
ކޭކް ޑެކެރޭޝަން / ޕޭސްޓްރީ
-
މޭކަޕް އާޓް
-
ފޮޓޮގްރަފީ
-
އާރޓް އެންޑް ކްރާފްޓް
-
އެކި ބާވަތްތަކުގެ ތައްޔާރީ ކާނާ އުފެއްދުން
ކަނބަލުންގެ މަސައްކަތްތައް އަގުވަޒަންކޮށް، އިތުރަށް ހިތްވަރުދިނުމުގެ ގޮތުން މި އެކްސްޕޯގައި އެންމެ މޮޅު 5 ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ ކުރިއަށްދާނެ ތާރީޚާއި އުސޫލުތައް ރަޖިސްޓްރީވާ ފަރާތްތަކަށް ފަހުން ހިއްސާކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.
އިހަވަންދޫ އަދި ހއ. އަތޮޅުގެ އެކި ރަށްރަށުގައި ދިރިއުޅޭ، މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ކަނބަލުން، 19 ނޮވެންބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިންކޮށް ގޫގަލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ކައުންސިލުން އެދެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް