ޚަބަރު ކުޅިވަރު

ޑަބްލިޔު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފި

ޑަބްލިޔު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފި
Advertisement Advertisement

ހއ. އަތޮޅުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމާއި، ހުނަރުވެރި އަންހެން ވޮލީބޯޅަ ކުޅުންތެރިން ބިނާކުރުމުގެ މަޤުޞަދުގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ބާއްވާ "ޑަބްލިޔު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް 2026" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. 

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު 12 ވާ ހޮނިހިރު ދުވަހު، އެ ދުވަހުގެ ރޭ 8:15 ގައި ހުރަވީ އައުޓްޑޯ ވޮލީ ކޯޓުގައި ބާއްވާ ފެށުމުގެ ރަސްމިއްޔާތުންނެވެ. މުބާރާތް ކުރިއަށް ގެންދެވޭނީ 04 ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވާނަމައެވެ. މުބާރާތުގައި ޢަމަލުކުރެވޭނީ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގަވާއިދާ އެއްގޮތަށް ކަމަށާއި، އެ ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނީ އެފް.އައި.ވީ.ބީގެ ގަވާއިދާ އެއްގޮތަށް ކަމަށް މުބާރާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި މުބާރާތަކީ ހއ. އިހަވަންދޫގެ އަންހެން ވޮލީ ކުޅުންތެރިންނަށް (ޓީމުތަކަށާއި)، އިހަވަންދޫ ފިޔަވައި ހއ. އަތޮޅުގައި ހުރި ކުލަބު ޖަމްޢިއްޔާތަކަށާއި ސަރުކާރުގެ މުވައްސަސާތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ނަމަވެސް އިހަވަންދޫގެ އެއްވެސް މުއައްސަސާއެއްގެ ނަމުގައި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ. ކޮންމެ ޓީމެއްގައި މަދުވެގެން 8 ކުޅުންތެރިންނާއި ގިނަވެގެން 12 ކުޅުންތެރިން އަދި 5 އޮފިޝަލުން ހިމެނެންޖެހޭއިރު، ޓީމު ލިސްޓުގައި އެ ރަށަށް ނިސްބަތްވާ 19 އަހަރުން ދަށުގެ 1 ކުޅުންތެރިޔަކު ހިމަނަންވާނެއެވެ. މީގެ އިތުރުން ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު، ދިވެހިރާއްޖޭގެ 1 ކުޅުންތެރިޔާ ހިމެނިދާނެ ކަމަށް ގަވާއިދުގައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކުރަންޖެހޭއިރު، ޓީމު ލިސްޓު ހުށަހަޅަންޖެހެނީ 2026 ޑިސެންބަރު 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ. ފޯމު ބަލައިގަނެވޭނީ ޑިޕޮސިޓް ފައިސާގެ ގޮތުގައި 2,000 ރުފިޔާ އިހަވަންދޫ ކައުންސިލަށް ދެއްކުމުންނެވެ. މުބާރާތުން ޗެމްޕިއަންކަން ހޯދާ ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޓްރޮފީ އަދި ރަން މެޑަލް ލިބޭއިރު، ދެވަނަ ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޓްރޮފީ އަދި ރިހި މެޑަލް ލިބޭނެއެވެ. މީގެ އިތުރުން ފެއަރ ޕްލޭ ޓީމަށާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށާއި، އެންމެ މޮޅު ލިބަރޯއަށާއި، އެންމެ މޮޅު ކޯޗުގެ އިތުރުން ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވެސް ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރު 2025 ގައި ބޭއްވި "ޑަބްލިޔު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް" ގެ ޗެމްޕިއަންކަން ހޯދީ ކުޑަކަތީބު މަގު ޓީމުންނެވެ. އިހަވަންދޫ ހުރަވީ އައުޓްޑޯ ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި 3-1 ސެޓުން ބޮޑުމަގު ޓީމުގެ މައްޗަށް ކުރި ހޯދައިގެން ކުޑަކަތީބު މަގު ޓީމުން ތަށި ދިފާއުކުރިއިރު، މިއީ އެ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ އަދި ދެވަނައަށް ދިޔަ ބޮޑުމަގު ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޑަކަތީބު މަގު ޓީމުގެ ޖާޒީ ނަންބަރު 10، އާމިނަތު ޝާހާ ޝާމިންއެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް