ޚަބަރު

ޕްރީ ސްކޫލު އެޅުމަށް ބޭނުންވާ ގައު އެޅުމުގެ މަސައްކަތް ކޮށްފި

އިހަވަންދޫ ކައުންސިލް އިދާރާގެ ފަރާތުން އިހަވަންދޫގައި އަލަށް ޢިމާރަތްކުރުމަށް ހަމަޖެހިފައިވާ ޕްރީ - ސްކޫލު އެޅުމަށް ބޭނުންވާ ގައު އެޅުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 6:00 ގައެވެ. އާއްމުކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ރައްޔިތުންގެ ތެރެއިން ހެޔޮއެދޭ ބައެއް ރައްޔިތުން ބައިވެރިވެ ޢަމަލީ ގޮތެއްގައި މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. މިއަދު 12:30ގައި މަސައްކަތް ނިންމާލިއިރު، ޖުމުލަ 53 ކޮޅަތު ސިމެންތީގެ ގައު ވަނީ އަޅާފަ އެވެ.

ޕްރީ - ސްކޫލު ޢިމާރާތްކުރުމަށްޓަކައި ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތްތަކަށް ބަލާއިރު، ޕްރީ - ސްކޫލު ޢިމާރާތްކުރުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ބައެއް ސާމާނު މިހާރުވަނީ ރަށަށް ޖަމާކޮށްފައެވެ.

އިހަވަންދޫ ކައުންސިލް ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރީ - ސްކޫލު އެޅުމުގެ މަސައްކަތަށް ޕްރީ - ސްކޫލު ޢިމާރާތްކުރުމަށްޓަކައި ބޭނުންވާ ގައު އެޅުމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރ އަލްފާޟިލް އަޙްމަދު އަބުދުﷲ 100 ކޮތަޅުގެ ސިމެންތި ހަދިޔާކޮށްފައިވާކަމުގެ މައުލޫމާތު އިހަވަންދޫ ޑޮޓްކޮމް އަށް ވަނީ ލިބިފައެވެ.

ފަތުޙުﷲ އަޙުމަދު ރަޝީދު