ޚަބަރު

މަސްވެރިކަމުގެ ދާއިރާއިން ހިދުމަތް ކޮށްދެއްވާފައިވާ 4 ފަރާތަކަށް މަސްވެރި އިހަވަންދޫ އިން ޝަރަފުގެ ފިލާ އަރުވައިފި

މަސްވެރިކަމުގެ ސިނާއަތަށް ގިނަދުވަހު ހިދުމަތް ކޮށްދެއްވަމުން ގެންދަވާ އިހަވަންދޫ 4 ބޭފުޅަކަށް ހިދުމަތުގެ އަގު ވަޒަންކޮށް  މަސްވެރި އިހަވަންދޫގެ ފަރާތުން ހިދުމަތުގެ އަގުވަޒަންކޮށް ދެވޭ ޝަރަފުގެފިލާ އަރުވައިފިއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް، މަސްވެރި އިހަވަންދޫ ޖަމިއްޔާގެ ފަރާތުން ހިދުމަތުގެ އަގުވަޒަންކޮށް ޝަރަފުގެފިލާ އަރުވާފައި ވަނީ މަސްވެރިކަމުގެ ދާއިރާއިން އޮޑިދޯނިފަހަރުގެ އިންޖީނު އެޅުމާއި މަރާމާތު ކުރުމުގެ ދާއިރާއިން 2 ފަރާތަކާއި މަސްވެރިކަމުގެ ދާއިރާއިން އޮޑިދޯނިފަހަރު ބަނުމުގައި ހަރަކާތްތެރިވާ 2 މާވަޑިއަކަށެވެ. މިގޮތުން އޮޑިދޯނިފަހަރުގެ އިންޖީނު އެޅުމާއި މަރާމާތު ކުރުމުގެ ދާއިރާއިން ޝަރަފުގެ ފިލާ ހާސިލްކޮށްފައި ވަނީ ހއ. އިހަވަންދޫ މަލަކާ އަލީ އިބްރާހިމާއި ހއ. އިހަވަންދޫ ހަޝީމީ މަންޒިލް މުޙައްމަދު ހާޝިމެވެ. އޮޑިދޯނިފަހަރު ބަނުމުގައި ހަރަކާތްތެރިވާ 2 މާވަޑިއަކަށްޝަރަފްގެ ފިލާ ދީފައި ވާއިރު މި ފިލާ ހާސިލްކޮށްފައި ވަނީ ހއ. އިހަވަންދޫ ސަބްދެލީގޭ މުޙައްމަދު އަބްދުﷲ އަދި ހއ. އިހަވަންދޫ އަންނާރުމާގޭ މުޙައްމަދު އާދަމްއެވެ. މަސްވެރި އިހަވަންދޫގެ ފަރާތުން އެރުވި ޝަރަފުގެ ފިލާތަށް މިފަރާތްތަކާއި ހަވާލުކޮށްދެއްވާފައި ވަނީ މަސްވެރި އިހަވަންދޫ ޖަމިއްޔާގެ އެއް މަސްއޫލުވެރިޔާ އަހުމަދު ނަސީރު އެވެ. އިހަވަންދޫގެ ތަރައްޤީއަށް މަސައްކަތްކުރުމާއި، ޚާއްޞަކޮށް އިހަވަންދޫގެ މަސްވެރިންގެ ހައްޤުގައި މަސައްކަތްކޮށް މަސްވެރިންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުމާއި، ޖުމުލަކޮށް މުޅި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް މަސްވެރިކަމާ ގުޅުންހުރި އެކިއެކި ޙަރަކާތްތައް ރާވާ ހިންގުމުގެ މަޤުސަދުގައި އުފައްދާފައިވާ މިޖަމިއްޔާއިން ދަނީ އެޖަމިއްޔާގެ ފޭސްބުކު ޕޭޖު މެދުވެރިކޮށް އިހަވަންދޫގެ އޮޑިދޯނި ފަހަރާއި މަސްވެރިންނާ ގުޅޭ މައުލޫމާތުތައް އަދި މަސްވެރިންގެ ދިރުއުޅުމާއި މަސައްކަތު ދާއިރާގެ ހުނަރުތަށް ތާޒާކަމާއެކު ފޯރުކޮށްދީ މަސްވެރިންނަށް ހިތްވަރުދިނުމާއެކު މަސްވެރިކަން ޕުރޮމޯޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޢަބުދުﷲ ޙަމީދު