ދީން

މަންނައާއި ސަލްވާ

ބަނޫ އިސްރާއީލުގެ މީހުން ބަނޑުހައިވުމުން، ކާނޭ އެއްޗެއް ނެތުމުން، މޫސާގެފާނަށް ޝަކުވާކުރިއެވެ. އެހިނދު މޫސާގެފާނު ﷲއަށް ދެންނެވިއެވެ. އަދި މަންނައާއި ސަލްވާ ބާވައިލެއްވިއެވެ. މަންނައާއި ސަލްވާގެ މުރާދާމެދު މުފައްސިރުގެ ޢިބާރާތްތައް ތަފާތުވެފައިވެއެވެ. އަދި ސަލަފުންގެ ބަސްފުޅުތައް ތަފްސީރުގައި ވާރިދުވެފައިވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އަލްމަންނު ފައިބާކަމުގައިވީ ގަސްތަކަށެވެ. ދެން އެމީހުން އޭގެން ބޭނުންވާ ވަރަކަށް ކަނީއެވެ. އެއީ ގަސްތަކަށް ފައިބާ އެއްޗެކެވެ. އެހެން ރިވާޔާތެއްގައި އޭގެ ސިފައާ ބެހޭގޮތުން އައިސްފައިވެއެވެ. އެއީ  ތެރަސް (ގަސްގަހުންނުކުން ކިރު ހިކުމުން ހުންނަ ގޮތް) ފަދަ އެއްޗެކެވެ. އޭގެ ރަހަ މާމުއިފަދައެވެ. ޤަތާދާ ވިދާޅުވިއެވެ. “އަލްމަންނު އެބައިމީހުންގެ މައްޗަށް ފޭބީ، ސްނޯ ފައިބާ ފަދައިންނެވެ. އެއީ ކިރަށްވުރެ ހުދު، މާމުޔަށްފުރެ ފޮނި އެއްޗެކެވެ.” އައްރަބީޢު ބިން އަނަސް ވިދާޅުވިއެވެ. “އަލްމަންނުއަކީ އެބައިމީހުންނަށް ބާވައިލެއްވުނު މާމުއިފަދަ ބުއިމެކެވެ. އެބައިމީހުން އެބޮނީ ފެނާ އެއްކޮށްގެންނެވެ.” އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ އޭނާގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. “ބޮޑަށް ބެލެވެނީ ވަﷲ އަޢުލަމު، އެބައިމީހުން އެއްވެސް ޢަމަލެއް ކުޅައުމަކާނުލައި، ﷲ ތަޢާލާ އެބައިމީހުނަށް ބާވައިލެއްވި ކޮންމެ ކާ އަދި ބޯ އެއްޗެއްގެ ނިޢުމަތް އެއީ އަލްމަންނަ ކަމުގައެވެ.” عن سَعِيد بْن زَيْدٍ، قَالَ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:  الكَمْأَةُ مِنَ المَنِّ، وَمَاؤُهَا شِفَاءٌ لِلْعَيْنِ- رواه البخاري (5708)،  ومسلم (2049) ސަޢީދު ބިން ޒައިދު ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. “އަލްކަމްއަތަކީ (މިއީ މަޝްރޫމްގެ ބާވަތެކެވެ. އިނގިރޭސި ބަހުން މިއަށް ކިޔަނީ truffles އެވެ.) އަލްމަންނުގެ ތެރެއިން ވާ އެއްޗެކެވެ. (އެފަދަ އެއްޗެކެވެ.) އޭގެ ދިޔައަކީ ލޮލުގެ ބަލިތަކަށްވާ ޝިފާއެކެވެ.”   ސަލްވާއަކީ، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވާ ގޮތުގައި، ސުއްމާނީ (quail)ދޫންޏާ ވައްތަރު ދޫންޏެކެވެ. އެބައިމީހުން އޭގެން ކާކަމުގައިވިއެވެ.   އިކްރިމާގެ ކިބައިން ރިވާވެގެންވެއެވެ. “ސަލްވާއަކީ ސުވަރުގޭގައި ހުންނަފަދަ ދޫންޏެކެވެ. ފެންފޯއް ދޫންޏަކަށްވުރެ ބޮޑު ދޫންޏެކެވެ.”   މަރްޖިޢު برنامج فتاوى نور على الدرب، الحلقة الأولى، 5/8/1431- رقم الفتوى: 3669 د.عبد الكريم بن عبد الله بن عبد الرحمن بن حمد الخضير
އައްޝައިޚު މުޙައްމަދު ޝާފިޢު